އެޗްޑީސީއަށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާ ނޮވެމްބަރުގެ ނިޔަލަށް ދެއްކުމަށާއި އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމަށް އެޗްޑީސީން ނިންމައިފި އެވެ.
އެޗްޑީސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ހާއްސަ އިސްކަމެއް ދީގެން ކުރާ މަސައްކަތުގެ ތެރެއިން، އެ ކޯޕަރޭޝަނަށް އެކިއެކި ވިޔަފާރިތަކުން ދައްކަން ހުރި ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެޗްޑީސީން ވިޔަފާރި އުސޫލުން ދެމުން ގެންދާ ހިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަން އަދި ތަރައްގީކުރަމުން އަންނަ ތަންތަނަށް ފައިސާ ދައްކަންޖެހި، ނުދައްކާ ހުރި ފަރާތްތަކުން މިއަދުން ފެށިގެން 30 ނޮވެމްބަރުގެ ނިޔަލަށް އެ ފައިސާ ދައްކާ ހަލާސްކުރުމަށާއި އަދި އެ ކޯޕަރޭޝަނަށް ދައްކަން ޖެހި ނުދައްކާ އެއްވެސް ފައިސާއެއް ނެތްކަން ޔަގީން ކުރުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.
"ދެންނެވުނު މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިހެއް ދިނުމަށްފަހު، އެ ފަރާތްތަކުގެ މައުލޫމާތާއި މި ކޯޕަރޭޝަނަށް ދައްކަންޖެހޭ ފައިސާގެ ތަފްސީލްތައް މި ކޯޕަރޭޝަންގެ ވެބްސައިޓްގައި ޝާއިއުކުރެވޭނެ ވާހަކަ ދަންނަވަން،" އެޗްޑީސީން ބުންޏެވެ.
އެހެންކަމުން އެޗްޑީސީއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ދެއްކުމަށާއި އެކަމާ ބެހޭ މައުލޫމާތު ސާފުކުރުމަށް އެ ކުންފުނީގެ އީމެއިލް [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.