Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: މިކަން ކޮށްދެއްވާށެވެ!

ރޭގަނޑު 11.00 އިން އޮފީސް ބަންދުކުރުމަށް ފަހު ކެފޭއަކަށް އަރައި، ރައްޓެހިންނާ އެކު ނޫޑުލްސްގަނޑެއް ކާލައިގެން، ކޮފީއެއް ބޮއެގެން އަބްދުﷲ އަށް ނިދޭ އިރު ހުންނަނީ މެންދަމުން އަލިވެ އެކެއް ޖަހައިފައެވެ. ނަމުން އަބްދުﷲ (ﷲގެ އަޅާ) އެވެ. ނަމަވެސް އަމަލުން ހަމަ ދުނިޔެވީ އުފާތަކުގެ އަޅެކެވެ.

ފަތިސް ނަމާދަށް ބަންގި ދޭ އިރު އެއްކަލަ "ﷲގެ އަޅާ" އޮންނަނީ ގަދަ ގުގުރީގައެވެ. ހެނދުނު ހޭލައިގެން އަބްދުﷲގެ "ބްރެކްފަސްޓް" އަކީ އެނާޖީ ޑްރިންކެކެވެ. ރެޑް ބުލް ސަމާއެޑިޝަންގެ ދަޅެއް ލިބެނީ ސާޅީސް ރުފިޔާ އަށެވެ. ކޮންމެ ދުވަހަކު ހެނދުނު އެކަނި އޭގެ ދަޅެއް ބުޔަސް އެދިޔައީ އަބްދުﷲގެ މަހު މުސާރައިން މަހަކަށް 1،200ރ. އެވެ. ރެޑް ބުލް އަށް ފަހު ދެން ރޯކޮށްލަނީ ކެމަލް ހާޑް ސިނގިރެޓެކެވެ. ދުވާލަކު އެއް "ޕެކް" ސިނގިރެޓް އަބްދުﷲ އެތެރެހައްޓަށް ފާއްދާލައެވެ. ދުވާލަކު 100ރ. ނުވަތަ މަހަކު 3،000ރ. ގަ ހުޅުޖަހައެވެ!

ރެޑް ބުލް ބޯލައިގެން، ސިނގިރެޓް ދުން ބުރުވަމުން އަބްދުﷲ އަނގަޔަށް އޮއްސާލަނީ ސުޕާރީ ފުޅިއެއްގެ އެއްބައެވެ. ދުވާލަކު މަދުވެެގެން ސުޕާރީ އެއްފުޅި އަބްދުﷲ އެތެރެހައްޓަށް އަޅާލައެވެ. ސުޕާރީ ފުޅިއެއް މިހާރު ލިބެނީ ތިރީހަކަށް ރުފިޔާ އަށެވެ. އަބްދުﷲގެ "މަންތްލީ ބަޖެޓަށް" އެ އިތުރުވީ 1،000 ވަރަކަށް ރުފިޔާ އެވެ.

"ބްރެކްފަސްޓް" އަށް ފަހު އަބްދުﷲ އޮފީހަށް ގޮސް "އިނގިލި" ޖަހާލައިފައި، ކޮމްޕިއުޓަރ ދޮށުގައި އިށީނދެ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ހާވާލައިފައި ދިހަ ގަޑި ބައިވުމުން، އޮފީސް ކުދިންނާއެކު ނައްޓާލަނީ ކޮފީ ބްރޭކަށެވެ. އެ ގަޑީގައި އަބްދުﷲގެ ފޭވަރިޓް ބުއިމަކީ "ހަލާލް ބިއަރެވެ"! ލަނީ ބިޔަރު ރަހައެވެ. ފުޅި ހުންނަނީ ހަމަ ބިއަރު ފުޅިއެއްހެންނެވެ. ފުޅީގެ ބޭރުގައި ލިއެފައި އޮންނަނީ ވެސް ބިއަރު އެވެ! އެލްކޮހޯލް ނުހުންނަ ބިއަރޯލައެވެ. މުސްލިމް ޒުވާނުނުް ބިއަރާއި ރަލަށް ހިޔްޖައްސުވަން ކާފަރުން ހަަދައިގެން މާކެޓަށް ނެރޭ "ރަލެވެ"! ހަލާލު ބިއަރު ފުޅިއެއް 33ރ. އަށެވެ. މަހަކަށް އެއް ހާސް ރުފިޔާ އެވެ! ހަލާލް ބިއަރު ފުޅި ބޮމުން އަބްދުﷲ ދެން ޖީބުން ނަގަނީ އޭނާގެ "ބެސްޓް ބަޑީ" އެވެ. އެ އެއްޗަކާ ނުލައި އަބްދުﷲ އަށް މިހާރު ނޭވާވެސް ނުލެވޭ، އޭނާގެ ވޭޕް ޕޮޑެވެ. އެއަށް އަޅާ ކާޓްރިޖް ގަންނަން ވެސް އަބްދުﷲ މަހަކު ހާހެއްހާ ރުފިޔާ ހޭދަކުރެއެވެ.

ކޮފީ ބްރޭކަށް ފަހު އަބްދުﷲ އޮފީހަށް ގޮސް، ބޮސް އަށް ދައްކަން، ވަރަށް ބިޒީ ކަމަށް ހެދެންވެގެން، އޮފީސްތެރޭ ކޮޅުކޮޅަށް ހިނގައި، އެއް ރައްޓެއްސެއްގެ މޭޒު ދޮށުން އަނެއް ރައްޓެއްސެއްގެ މޭޒު ދޮށުން ހިނގުމަށް ފަހު މެންދުރު ނަމާދު ގަޑިޖެހުމުން އޮފީސް މޭޒު ކައިރީ އިށީނދެ، މޯޅިއަކަށް ދެމިލުމަށް ފަހު، އޭނާގެ ދުވަހުގެ ބުރަ މަސައްކަތަށް ފަހު އަމިއްލަ ނަފްސަށް "ޓްރީޓެއް" ދެއެވެ. އެންމެ ފަހުގެ އައިފޯން-16 ޖީބުން ނަގައި ތްރީޖީ އޮންކޮށްލުމަށް ފަހު އިންޓަނެޓް ވެބްސައިޓު ތަކުންނާއި، ސްނެޕްޗެޓް، އަދި އިންސްޓަގްރާމާއި، ޓެލެގްރާމުން ބަރަހަނާ ފޮޓޯއާއި ވީޑިއޯ ބަލަން ފަށައެވެ. އުރީދޫ ނުވަތަ ދިރާގުން އަބްދުﷲ ނަގައިފައި އޮންނަނީ މަހަކު 1،000ރ. ގެ ގޯލްޑް ޕެކޭޖެކެވެ. އަންލިމިޓެޑް ޑޭޓާ ލިބެއެވެ. ބަލާނެ ވަރަކަށް ބަރަހަނާ ފޮޓޯ އާއި ވީޑިއޯ (ޕޯން) ބަލަންވީ އެވެ. މުއާސަލާތީ ކުންފުނިތަކުގެ އެކައުންޓުތަކަށް ހެސްކިޔާފަ ފައިސާ އެޅެއެވެ. ޕޯން ބަލައިގެން އަބްދުﷲގެ ސިކުނޑި ވެފައިވަނީ ޑަސްޓްބިން އަކަށެވެ.

އަބްދުﷲ ކޮންމެ ދުވަހަކު ހެނދުނު އެބޯ އެނާޖީ ޑްރިންކާއި، ސިނގިރޭޓާއި، ކާ ސުޕާރީ އާއި، ބޯ "ހަލާލު" ބިއަރާއި، ވޭޕް ގަންނަން، އަދި އަބްދުﷲގެ ފޭވަރިޓް ޕޯން ބަލަން އޭނާގެ ފޯނަށް އަޅާ އެއްހާސް ރުފިޔާގެ ގޯލްޑް ޕެކެޖާ އެކު، އަބްދުﷲގެ "ހަރާމް" ލައިފް ސްޓައިލަށް މަހަކު މަދުވެގެން 8،200ރ. ހަރަދުވެއެވެ. މުސާރައިގެ ދެބައިކުޅަ އެއްބައި މި ހަރަދު ވަނީ ބޭކާރު ކެމިކަލް ބުއިމަށާއި، ދުންއަރުވާށާއި، ފީފޯއް ހަފާށާއި "ޕޯން" ބަލާށެވެ.

ކޮންމެ ހަފްތާ ބަންދެއްގައި ޕްރިމިއާލީގާއި، ލާލީގާގެ ހުރިހާ ލައިވް މެޗެއް ބަލާފައި، ޓީވީ ސިލްސިލާތަކާއި ނެޓް ފްލިކްސް ބަލާފައި، ރައްޓެހިންނާ އެކު ކޮފީ ޖައްސާފައި، އެންމެ ފަހުގެ ހެވީ މެޓަލް ނުވަތަ ރެޕް ލަވަތައް އަޑުއަހާފައި، ވީކެންޑުގަ ދަތުރު ގޮސް މަޖާނަގަން އަބްދުﷲ އަށް ވަގުތުވެއެވެ. ނަމާދަށް މިސްކިތަކަށް އަރާކަށް، ޤުރުއާނުން އަކުރެއް ކިޔާކަށް ވަގުތެއް ނުވެއެވެ. ވީކެންޑުގަ ދަތުރު ނުގޮސް ރަށުގައި ހުރެއްޖެއްޔާ އަބްދުﷲ ހުކުރަށް ދާނެއެވެ. އެެވެސް ހަމަ ވަލަ ޒިކުރުﷲ އަކްބަރުގެ އެންމެ ފަހު ވަގުތަށެވެ. ހުތުބާ އަކީ އަބްދުﷲ އާ ބެހޭ އެއްޗެއް ނޫނެވެ. އަދި، އިމާމާ ހުކުރު ނަމާދުން ސަލާމް ދިނުމާ އެކު ނިގުލަށް ފިތާލުމުން ބުޅާ ފުންމައިގަންނަހެން ފުންމައިގެން ތެދުވެ، ނަގޫ ޖެހިތާގަ ބޯ ޖަހާފަ އަބްދުﷲ މިސްކުތުން ފައިބައިގެން، އޭނާގެ އެންމެ ފަހުގެ ސައިލެންސަރު ފެޅި ސައިކަލުގައި ގެއަށް ނައްޓާލާނެއެވެ.

އަބަދުﷲ ވެސް ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމެއްގައި "ފްރީ ޕަލަސްތީން" ޖަހައިގެން ޕަލަސްތީނު ދިދަ ޕްރޮމޯޓް ކުރާނެއެވެ. ހައިރާންވާ ކަމަކާ ދިމާވެއްޖެ ނަމަ އަބްދުﷲގެ ދުލަށް އެންމެ ފުރަތަމަވެސް އަންނަ ކަމިލައަކީ ޝަހާދަތުގެ "ބައި" ކަލިމައެވެ. އެއީ ލާއިލާހަ އިއްލަﷲ އިން އިއްލަﷲ ގެ ބައި ކަނޑާލުމުން އޮންނަ ބައެވެ. އެ ކިޔޭ އެއްޗެއްގެ މާނައަކަށް އަބްދުﷲ އެއް ނުވިސްނައެވެ. ހަރާމް ބުއިންތަކާއި ހަރާމް ދުންތަކުގެ މަސްތުގައި ގަރަގުވަމުން އަބްދުﷲގެ ހަޔާތުގެ ބައިތައް ހޭދަކުރަމުންދާ ގޮތާ އެންމެ ގުޅޭ ކަލިމައަކީ ވެސް އެއީ އެވެ. ޝަހާދަތުގެ އެއްބައެވެ!

ދިވެހި ޒުވާނުންގެ އާމްދަނީ ދުމަށް އަރުވަމުން، މި ބޭކާރު ދިރިއުޅުން އުޅެމުންދާ އިރު ސިނގިރޭޓާއި، ވޭޕާއި، ސުޕާރީ އާއި، އެނާޖީ ޑްރިންކާއި، ހަލާލު ބިއަރު ފަދަ "ވިހަ" ބާވަތްތައް ވިއްކައިގެން ބޮޑެތި ވިޔަފާރިވެރިން މަލްޓި މިލިއަނަރުންނަށް އެބަވެއެވެ. ވިޔަފާރިވެރީން ދެކެ ގަންނާކުރައްވާ ބިރަކުން އެއްވެސް ސަރުކާރަަކަށް މިތަކެތި ހުއްޓުވާކަށް، ނުވަތަ ބޭން ކުރާކަށް ނުކެރެއެވެ. ޒުވާން އުމުރުގައި މަރުވާ، ކުއްލި މަރުތައް ގިނަވެ، ޒުވާން އުމުރުގައި ފުއްޕާމޭގެ ބައްޔާއި ހަކުރު ބަލި ފަދަ ބަލިތައް އާއްމުވެ، މުޅި ޖީލެއް ފަނާވެދާއިރު ވެސް ހުރިހާ ސަރުކާރުތަކުންވެސް ފަހަތު ފަޔަށް ބުރަވެފައި ތިބެނީ އެވެ.

މިދިޔަ ހަފުތާގެ "ކެޔޮނިރު ކޮލަމް"ގައި އަޅުގަނޑު ސުވާލެއް ކުރީމެވެ: "ވޭޕް ބޭންކުރެވޭ ވަރުގެ ގަޓު، ރައީސް ޑރ. މުއިއްޒުގެ އެބަހުރިތޯއެވެ؟" މި ސުވާލުގެ ޖަވާބު އަޅުގަނޑެއް ނުދޭނަމެވެ. ކިއުންތެރިން ޖަވާބު ދޭށެވެ. އަޅުގަނޑުގެ އުއްމީދަކީ އަދިވެސް، ރައީސް ޑރ. މުއިއްޒު އެފަދަ ގަޓް ހުރިކަން ދެއްކެވުމެވެ. އަދި ގަޓް ހުރިކަން ސާބިތުކޮށްދެއްވައި، މަތީގައިވާ ފަދަ ވިހަ ތަކެތީން މި ދިވެހި ޖީލު ސަލާމަތް ކޮށްދެއްވުމެވެ.

އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ނިއު ދިއްލީގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މި ދަތުރުފުޅުގެ ތެރެއިން، ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ "ދިވެހިންނަށް ފައިދާވާނެ ކަންތައްތަކެއް" ފެނިގެންދާނެ ކަމަށެވެ. ދިވެހީން ބޭނުން ވަނީ އަނެއްކާވެސް ކޮންމެވެސް ބިމެއް ހިއްކާ ވާހަކަ އާއި، އާ އެއާޕޯޓެއް ހަދާ ވާހަކަ އާއި، އަނެއްކާ ވެސް ބްރިޖެއް އަޅާ ވާހަކަ އަޑުއަހާކަށް ނޫނެވެ. ދިވެހީންނަށް ހަޤީޤީ ފައިދާ ހުރި ކަމެއް ކޮށްދެއްވާނަމަ މަތީގައި އެވާ "ވިހަ" ބާވަތްތައް ދިވެހި ރާއްޖެއަށް އެތެރެކޮށް ވިޔަފާރި ކުރުން ހުއްޓުވައިދެއްވާށެވެ. އެންމެ ފުރަތަމަވެސް ވޭޕާއި ޕޯން ބޭންކޮށްދެއްވާށެވެ. އަދި އެއަށް ފަހު ދެން ހުރި ބާވަތްތައްވެސް ފޭސްތަކަކަށް ބަހާލައިގެން ބޭން ކޮށްދެއްވާށެވެ. ދިވެހީންނަށް ހެޔޮ އެދިވަޑައިގަންނަވަނީ ނަމަ، އަދި ދިވެހީންނަށް ފައިދާއަށް އެދިވަޑަގަންނަވަނީ ނަމަ، ކުރިއަށް އޮތް ދެތިން ދުވަސްތެރޭ މިފަދަ ހަބަރެއް ދެއްވާށެވެ. އެވަރުގެ ގަޓެއް އެބަހުރިތޯ އެވެ؟