...

Support Us

ހަމަ ތެދެއް! ވަގުތެއް ނެތް؟

ކުޅިވަރާއި ކަސްރަތުން ލިބޭ ފައިދާ ތަކުގެ ވާހަކަ އަކީ މިހާރު ދިވެހިންގެ މި ޖީލަށް މާ އައު ވާހަކަ ތަކެއް ނޫނެވެ. ކަސްރަތު ކުރުމުގެ ބޭނުމަކީ ހަމައެކަނި ހިކުން ނޫންކަމާއި، ކަސްރަތު ކުރުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ، ތަފާތު ބަލިތަކުން ސަލާމަތްވެ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މަގުފަހިވާކަމީ މިޖީލުގެ ދިވެހިން ދަންނަ ކަމެކެވެ. ހަމަ އެހެންމެ ކަސްރަތުކޮށް، ހެލިފެލިވެ އުޅުމުން ނަފްސާނީ ދުޅަހެޔޮކަން އިތުރުވާކަމާއި ހިތްހަމަޖެހުމާއި އުފާވެރިކަން އިހުސާސް ވާމިންވަރު އިތުރުވާކަން މިއީވެސް ނުދަންނަ ކަމެއް ނޫނެވެ.

ވަކި ހަމަތަކެއްގެ މަތިން ރާވައިލެވިގެން ގަވާއިދުން ކަސްރަތު ކުރުމުން ލޭމައްޗަށް ދިއުމާއި، ކޮލެސްޓްރޯލް މައްޗަށް ދިއުން އަދި ހަކުރު ބަލި ފަދަ ދިރިއުޅުމުގެ އާދަކާދަތައް ގެންގުޅޭ ގޮތުން ދިމާވާ މިފަދަ އެހެން ބަލިތަކުންވެސް ރައްކާތެރިވާކަމީ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުން ފެށިގެން އިސްރަށްވެހިން ނަށް ދަންދެން ދަންނަ ކަމެކެވެ.

ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ހެލިފެލިވެ އުޅުމާއި، ކަސްރަތު ކުރުމަށް މިދެންނެވި ހުރިހައި އުމުރުފުރައެއްގައި ވެސް ސަމާލުކަންދޭ މިންވަރު ކުޑަކަމެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުއްޔާއިން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ދިވެހި އާބާދީގެ 60 އިންސައްތަ އަންހެނުން އަދި 49 އިންސައްތަ ފިރިހެނުންނަކީ އެޖަމުއްޔާއިން ގަބޫލުކުރާ، އިސްކޮޅާއި ގުޅޭގޮތުން ހަށިގަނޑުގެ ރޫފަ ނުވަތަ ބަރުދަން ހުންނަންޖެހޭ ނިސްބަތަށް ބަލާއިރު ބަރު ނުވަތަ ފަލަ މީހުންނެވެ.

މިއީ އަޅާނުލާ ދޫކޮށްލެވޭ ވަރަށްވުރެ ބިރުވެރި މެސެޖެކެވެ. ފަރުދީ ފެންވަރުގަޔާއި ގައުމީ ފެންވަރުގައި މިކަމަށް މަސައްކަތް ތަކެއް ކުރަން ޖެހެއެވެ. ހަރުދަނާ އުސޫލުތަކަކާއި މިންގަޑުތަކެއް ހެދި، ގައުމީ ފެންވަރުގައި ރާވައިލެވިފައިވާ ޕްރޮގްރާމެއްގެ ތެރެއިން ކުރަން ޖެހިފައިވާ މުހިންމު މަސައްކަތެކެވެ.

ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުމަށް ފަރުދީ ފެންވަރުގައި ދޭ ސަމާލުކަން ކުޑަވަނީ އެކަންކަމުން ލިބޭ ފައިދާ ނޭނގޭތީ ކަމަށް ގަބޫލުކުރަން ވަރަށް ދައްޗެވެ. ކަސްރަތު ކުރުމުން ލިބޭ ފައިދާތަކާއި އެކަމުގެ މުހިންމުކަން އެގުނު ނަމަވެސް އެކަން ކުރުމަށް ގިނަ ބަޔަކު އުޒުރުވެރި ވަނީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ހޯދައިލާން މަސައްކަތް ކޮއްލުމުން އެނގުނީ ގިނަ ބަޔަކަށް އާންމުކޮށް ކަސްރަތުކޮށް ނޫޅެވެނީ ވަގުތު ނުލިބޭތީ ކަމަށެވެ.

އާންމު ދިރިއުޅުމުގައި އަޅުގަނޑުމެންގެ ތެރެއިން ގިނަބައެއްގެ ވަގުތު ހޭދަކުރާ ގޮތަށް ބަލައިލަމާ ހިނގާށެވެ. އާމްދަނީ ހޯދުމަށް ދުވާލަކު އަށް ގަޑިއިރު، މަސައްކަތަށް ދިއުމާއި އައުމަށް ގާތްގަނޑަކަށް އެއް ގަޑިއިރު، ގޭތެރޭގައި ކުރަންޖެހޭ ތަފާތު އެކި މަސައްކަތްތައް ކުރުމަށް ދެތިން ގަޑިއިރު، ޓީވީ ބެލުމާއި އަރާމު ކޮށްލުމަށް ތިން ހަތަރު ގަޑިއިރު، އިންޓަނެޓާއި ސޯޝަލް މީޑިއާ އަޕްޑޭޓް ވެލުމަށް ދެތިން ގަޑިއިރު އަދި ނިދަން ހަ ގަޑިއިރު ހޭދަކުރެއެވެ. މި ހުރިހާ ކަމެއް ކުރަން ވަގުތު ހޯދޭއިރު ކަސްރަތު ކުރުމަށް ހަމަ އެންމެ ގަޑިއެއް ހާއިރު ނުލިބެނީ ހެއްޔެވެ؟

ނޫނެކެވެ. ތިޔައީ ހަމަ ތިމާޔަށް ކަސްރަތު ކުރުމުގެ މުހިންމުކަމާ މެދު ވިސްނުން ގެންގުޅެވޭ ގޮތުގެ މައްސަލައެކެވެ. ތިކަން އަވަހަށް ބަދަލުކުރަމާ ހިނގާށެވެ. ކަސްރަތުކުރަން ވަގުތު ނުހޯދޭނަމަ ބަލިއެނދުގައި އޮންނަން ވަގުތު ހޯދަން ޖެހިދާނެއެވެ. ކޮންމެ ދުވަހަކު ގަޑިއެއްހާއިރު ކަސްރަތަށް ޚާއްސަކޮށްލަމާ ހިނގާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
22
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. އާ….! އެބަ ރަގަޅުވޭ ކަސްރަތާއި،ދުވުމުގެ ވާހަކަ ވަރަށް ރަގަޅަށް އެބަ ދައްކަން ޖެހޭ….!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *