ތިރި ހިތްޕުޅެއް ތުނި ހިތްޕުޅެއް އޯގާވިތެރި ހެޔޮހިތްޕުޅެއް
ދިރިއުޅުމުގައި ސާދާއެއީ ލޮބުވެތި ޤަދަރުވެރި ބޭފުޅެއް
އަޅުގަނޑު ދިވެހިބަހާ މެދު ލިޔުނު "ދިވެހިބަސް- ދިވެހީންގެ ޝަރަފް"ގެ ނަކަލެއް ހަދިޔާކުރަން ބޭނުންވެގެން އަޅުގަނޑު އެދުނު އެދުމެއްގެ މަތީން އެ ބޭފުޅަކު ވިދާޅުވި ތަނަށް ވިދާޅުވި ގަޑިޔަށް އަޅުގަނޑު ދިޔައިމެވެ.
އެއީ ޢިލްމުގައި ކަނޑެކެވެ. ޙިކުމަތުގައި ފަރުބަދައެކެވެ. ޢިލްމާއި ޙިކުމަތުގެ އުސްކަން އުޑާވާހަކަ ގޮވައިހައި ވެއެވެ. އެއީ ތަފާތު ނަޒަރުން ވިސްނުން އިސްކުރައްވައި ޢިލްމީ ހަމަތަކާއި މިންގަނޑުތަކުގެ އަލީގައި، އުނދަގޫ ދިމަދިމާތަކާއި ހައްލުކުރަން އުނދަގޫ މައްސަލަތައް ފަސޭހަ މަގުތަކުން، ލުއި ލަފުޒުތަކުން ފުރިހަމަ ހައްލުތައް ނެރުއްވައި ހާމަކޮށްދެއްވާ މުޢައްލިމެކެވެ. މިއީ އަޅުގަނޑުގެ ހިތުގައި އެ ބޭފުޅެއްގެ ފުރަމަލަ ކުރެހިފައި އޮންނަ ގޮތެވެ.
އެއީ އަޅުގަނޑު ދެކެފަރިތަ، އަދި މާބޮޑަށް ދަންނަ، އަމުދުން އަޅުގަނޑުގެ ހިތުން އެ ބޭފުޅަކަށް ކުރާ އިޙުތިރާމަކާއި ޤަދަރަކާ ހުރެ ބައްދަލުކުރަން ވެސް ވަރަށް ޖެހިލުންވާ ބޭފުޅެކެވެ. އެއީ ވާހަކަފުޅެއް ވިދާޅުވެއްޖެއްޔާ އެ ވިދާޅުވި ވާހަކަފުޅަކާ ގުޅުވައިގެން ކުރިޔަށް ދާން އަޅުގަނޑަށް ނޭނގިދާނެތީ ޖެހިލުންވާ ޖެހިލުންވުމެކެވެ. އެ ބޭފުޅެއްގެ ޢިލްމީ އުޑުގެ ތަރިތަކުގެ އަލީގެ ކުރިމަތީގައި އަޅުގަނޑުގެ ހައިސިއްޔަތު ކުޑަކަމާއި ހުރިހައި މާނައެއްގައި ވެސް އަޅުގަނޑުގެ "ތިރިކަން" ހިތަށް ވަދެ އުނދަގޫކުރާ ވަރުން ޖެހިލުންވާ ޖެހިލުންވުމެއް ވެސް މެއެވެ.
އާދޭހެވެ! އަޅުގަނޑު ދުށީ ވިދާޅުވި ގަޑީގެ މާކުރިން އެ ތަނަށް ގޮސް އެ ބޭފުޅަކު ވަޑައިގަންނަވަންދެން އިންތިޒާރުގައި މަޑުކޮށްލާށެވެ. މި ނިޔަތުގައި އަޅުގަނޑު އެ ތަނަށް ގޮސް އިށީންނާނެ ތަނެއް ބެލީމެވެ. އޭރު ވިދާޅުވި ގަޑި ޖެހެން ހައެއްކަ މިނިޓު ހުއްޓެވެ. ތަނުގެ ތެރޭގެ މާހައުލު އޮތް ގޮސް ވެސް ބަލައިލައިފައި މަޑުކުރާނީ ވަންނަ ދޮރުމަތީގައޭ ނޫނީ ދޮރުކައިރީގައޭ ހިތަށް އަރައި އެ ދިމާއަށް ދިޔަ އިރު ދޮރުން ބޭރު މަގާ ވީ ދިމާއިން އެ ފަރާތެއްގައި އެ ބޭފުޅަކު ހުންނެވިއެވެ. ސިޓީއުރައެއް އަތްޕުޅުގައި އޮތެވެ. އަޅުގަނޑު ނުކުމެފައި ސަލާން ދަންނަވައިލުމުން "އަޝްރަފް މާ ކުރިން ތިޔަ ވަޑައިގަތީ. އަޅުގަނޑު މި ހުރީ އަޝްރަފްގެ އިންތިޒާރުގައި" ވިދާޅުވިއެވެ.
ސަލާމްކޮށްލެއްވިއެވެ. ރަސްމީ ގަޑިއެއް ނޫނިއްޔާ އަބަދުވެސް އެ ބޭފުޅަކު ހުންނަނަވާ ހެދުންކޮޅުގައެވެ. އަތްކުރު ގަމީސްކޮޅެއްގައެވެ. ބެގީކުރައްވައިގެންނެވެ. އެއީ ސާދާ ބެގީއެކެވެ. އަބަދުވެސް ފެންނަ ސޫރައެވެ. އަރުއްވައިގެން ހުންނެވީ ފައިވާނަކަށެވެ. އެއްވެސް ކިބުރެއް ބޮޑާކަމެއް ނެތް ސާދާ އިންސާނާ އަޅިގަނޑު ގޮވައިގެން ހިންގަވައިވަޑައިގަތެވެ. އެއަށް ފަހު އެއް އަރިމައްޗެއްގައި ހުރި މޭޒެއް ދައްކަވައިފައި މިތަން ރަނގަޅު ނޫންތޮއޭ ވިދާޅުވިއެވެ. އަޅުގަނޑު އާދޭހެ ދެންނެވީމެވެ. އަތްޕުޅުން އިޝާރާތް ކުރައްވައި "އިށީނދެވަޑައިގަންނަވާ" ވިދާޅުވިއެވެ. އަޅުގަނޑު ދެންނެވީމެވެ. "ސަރ އިށީނދެވަޑައިގަންނަވަން ވީ ނޫންތޯ؟"އެވެ. އެ ބޭފުޅަކު އިށީނދެވަޑައިގަތުމުން އަޅުގަނޑު ވެސް އިށީނީމެވެ.
ވޭޓަރަށް ވިދާޅުވީ އެ ބޭފުޅެކެވެ. އަޅުގަނޑު ބޭނުމީ ކޮން އެއްޗެއްތޯ ވިދާޅުވުމުން ނެސްކެފޭއެކޭ ދެންނެވުމުން ނެސްކެފޭ ކިރު ދެ ކޮފީއަށް އޯޑަރު ދެއްވިއެވެ. ދެން ހިނގީ ދިހަވަރަށް ސިކުންތުގެ ހިނދުކޮޅެކެވެ. "އަޅުގަނޑު ވެސް އަޝްރަފަށް އަރުވަން ދެތިން ފޮތް ގެނައިން. މިއީ އަޅުގަނޑު ކޮށްލި މަސައްކަތްތަކެއް." އެއްކަލަ ސިޓީ އުރައިން ފޮތްކޮޅެއް ނަންގަވަމުން ވިދާޅުވިއެވެ. އަޅުގަނޑު އިނީ ބުނާނެ އެއްވެސް އެއްޗެއް ނޭނގިފައެވެ. ދަންނަވާނީ ވެސް ވަކި ކީކޭތޯއެވެ! އަޅުގަނޑު ހަމަ ހަގީގަތުގައި ވެސް އޭރު ވެސް އިނީ ވަރަށް ޖެހިލުން ވެފައެވެ. އެ ސަބަބު އިސްވެ ދަންނަވައިފީމެވެ.
އަޅުގަނޑަށް ދެއްވި ތިން ފޮތް ތިން ޖަވާހިރު ފަދައެވެ. އެއް ފޮތަކީ "ކުށުން ރައްކައުތެރިވުން" މި ނަމުގައި ލިޔުއްވައިފައި އޮތް ފޮތެކެވެ. އެއީ އިނގިރޭސިބަހުން ދިވެހިބަހަށް ކުރައްވައިފައިވާ ތަރުޖަމާއެކެވެ. ފޮތް ލިޔުއްވައިފައި އޮތީ ފަސް ބާބެއްގެ މައްޗަށެވެ. އެ ފޮތަކީ އަލްއިމާމް ޣަޒާލީ ލިޔުއްވި ފޮތެކެވެ. ފޮތުގެ އަސްލު ނަމަކީ އަލްމުންޤިޛް މިނައްޟިލާލި"އެވެ.
ދެވަނައަށް ފޮތަކަށް ދެއްވީ "ކަލާނގެ ހޯދުމުގައި" މި ނަމުގައި އޮތް ފޮތެކެވެ. މި ފޮތުގެ މައުލާނާ ވަޙީދުއްދީން ޚާން ލިޔުއްވި "އިން ސަރޗް އޮފް ގޯޑް"އެވެ. އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާ ކުރެއްވީ ޓީމަކުންނެވެ. އެ ޓީމުގެ އެންމެ އިސް އެއް މެންބަރަކަށް މި ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. ފޮތުން އެ ކަން އެނގެއެވެ.
ތިންވަނައަށް ދެއްވީ "ކީރިތި ޤުރުއާންގެ %80 ލަފުޒުގެ މާނަ" މިހެން ކިޔާ ފޮތެކެވެ. މި ފޮތް ވެސް ލިޔުއްވައިފައި ވަނީ ޢިލްމުވެރީންގެ ޓީމަކުންނެވެ. އެންމެ އިސް ނަމަކަށް އޮތީ މި ބޭފުޅެއްގެ ނަންފުޅެވެ.
މި ލިބުނު ތިން ޖަވާހިރަށް ވަކިވަކިން، މަތިމަތިން ބަލައިލައި ސިޓީއުރައަށް ލީމެވެ. ކޮންމެވެސް އެހެން ފަހަރަކު މި ފޮތްތަކުގެ ކުރު މުރާޖަޢާއެއް ދަންނަވާ ނަމެވެ.
އަޅުގަނޑުގެ ފޮތް ވެސް އެރުވީމެވެ. ފުރަތަމަވެސް ވިދާޅުވީ ޗާޕު ވަރަށް ފުރިހަމަ ކަމުގައެވެ. ފޮތުގެ ސައިޒާއި ސަފުހާތަކުގެ އަދަދު ވަރަށް ހެޔޮވަރުކަމުގައެވެ. އަދި ފޮތުގެ އަރިމަތީގައި ފޮތުގެ ކުރު މައުލޫމާތު ހުރުން އެއީ ވަރަށް މުހިންމު ވިސްނުމެއް ކަމުގައި ވެސް ވިދާޅުވިއެވެ. ފޮތުގެ ފެށުމަށާއި ބައެއް ސަފުހާތަކަށް އަވަސް ނަޒަރެއް ހިންގެވުމަށް ފަހު "މިއީ ވަރަށް މުހިންމު ފޮތެއް. ތިޔަ ކުރެއްވީ ވަރަށް ރަނގަޅު ކަމެއް. އަދި އަޅުގަނޑަށް ހަދިޔާއަކަށް ދެއްވީވީ ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށް އުފާވެއްޖެ. މި ފޮތް ކިޔާނަން. އަޅުގަނޑަށް ފެނޭ ރައީސުލްޖުމުހޫރިއްޔާއަށް ފޮތެއް އަރުވަން."
އަޅުގަނޑު ދެންނެވީމެވެ. ރައީސަށް ފޮތެއް އަރުވަން މިވާދަކަށް (އެޕޮއިންޓްމެންޓް)އަކަށް ވާނީ ދަންނަވައިފައެވެ. އަދި ވަކި އެއްޗެއް ވިދާޅު ނުވާކަމަށެވެ.
"އަޅުގަނޑު އެރުވި ދައުވަތު ގަބޫލުފުޅުކުރެއްވި ކަން އެއީ އަޅުގަނޑަށް ލިބުނު ވަރަށް މަތިވެރި އުފަލެއް. އަދި ތިޔަ ވިދާޅުވި ހެޔޮބަސްފުޅުތަކަށް ޓަކައި ވަރަށް އިހުތިރާމާ އެކު ޝުކުރު ދަންނަވަން." އަޅުގަނޑު ދެންނެވީމެވެ.
ވާހަކަތައް ކުރިއަށް ދިޔައީ ކޮފީއާ ވެސް އެކުއެކީގައި ހެންނެވެ. މިހާރު ކުރައްވަނީ ކޮން މަސައްކަތްޕުޅެއްތޯ ދެންނެވުމުން ތިން ފޮތެއްގެ މަސައްކަތް ކުރައްވާ ކަމުގައެވެ. އަޅުގަނޑު ވެސް އަޅުގަނޑު ލިޔަމުން ގެންދާ އިތުރު ފޮތްތަކުގެ ތައާރަފެއް އެރުވީމެވެ.
ކުރަންވީ ކަމަކީ އެއީ ކަމާއި ލިބިފައިވާ އިލްމެއް އަނެއްކުންނަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމުކަމެއް ކަން ވިދާޅުވިއެވެ. އެއީ ފޮރުވަން ޖެހޭ އެއްޗެއް ނޫންކަމާއި އަބަދުވެސް ބަލަންވާނީ ލިބިފައިވާ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
ގާތްގަނޑަކަށް ތިރީހަކަށް މިނިޓުގެ އެ ކުރު ބައްދަލުވުމުން ލައްކަ އެއްޗެއް އަޅުގަނޑުގެ ޚަޒާނާއަށް އެއްވިއެވެ. އެތައް އައު ވިސްނުމެވެ. ހޯދައިބަލަން ވެފައި ހުރި ތަފާތު ދިމަދިމާތަކެވެ.
މި ސާދާ ސީދާ، ހިތްޕުޅު ތިރި، ހިތްޕުޅު ހެޔޮ އޯގާވެރި، އިންސާނަކީ އަޅުގަނޑުގެ ދިވެހިބަހުގެ ޑިގުރީގެ އެކޫސްޓިކް ފޮނެޓިކްގެ ދާރިސެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފުރަތަމަ ވައިސްޗާންސެލަރެވެ. ފަހުން އެތަނުގެ ޗާންސެލަރެވެ. އާދެހޭވެ! ޑރ ޙަސަން ޙަމީދެވެ.
އެ މަނިކުފާނުގެ މިޒާޖުފުޅުން ދަސްވީ ހަޔާތަކީ މާބޮޑު އަގެއް ހުރި މާ ބޮޑު އެއްޗަކަށް ހަދައިގެން އުޅެންވީ އެއްޗެއް ނޫންކަމެވެ. ކޮންމެ އާދަމުގެ ދަރިއަކީ ވެސް މަޚުލޫޤެއް ކަމެވެ. ކިތަންމެ މަތީ އިލްމީ ފާހަކާއި ކިތަންމެ ބޮޑު ހައިސިއްޔަތާއި އިއްޒަތެއް ލިބިފައި ވީ ނަމަވެސް ކޮންމެ މީހަކީ ވެސް ހަމަ އިންސާނެއް ކަމެވެ. އަޖަލު ޖެހުމުން ތިން ފިލާލީ ފޮށްޓެއްގައި އެކަނި ދާން ޖެހޭ މީހެއް ކަމެވެ. ހައިސިއްޔަތާއި މަގާމާއި އިއްޒަތާއި ޝަރަފަކީ ވަގުތީ އެއްޗެއް ކަމެވެ. ދާއިމީ ގޮތެއްގައި ދިރިދިރި ހުންނަ އެއްޗަކީ ހެޔޮ ޢަމަލުގެ ރަމްޒުތައް ކަމެވެ.
އެ މަނިކުފާނުގެ ކޮންމެ ބަސްފުޅަކުން ވިސްނުނީ މި ކަމެވެ. ކޮންމެ އިބާރާތަކުން ދުވީ މި މީރުވަހެވެ. އެ މަނިކުފާނުގެ ޢިލްމީ ކޮންމެ މަސައްކަތަކުން ވެސް ވިދަނީ މި ޝުހުރަތެވެ. އަޅުގަނޑު ހިތުން ދިވެހި ބަހަށާއި ތާނައަކުރަށާއި ދިވެހި ގައުމިއްޔަތަށް ޢިލްމީ ނަޒަރުތަކުން ޚިދުމަތް ކުރުމުގެ ރޭހުގެ އެއްވަނައިގައި އެ މަނިކުފާނުގެ ނަންފުޅު ވިދާނެއެވެ.
ޑޮކްޓަރު ކަމުގެ ލަގަބު އެ ނަންފުޅުގެ ކުރިޔަށް އައުމަކުން ނައުމަކުން ހަސަން ހަމީދުގެ ޝަޚުޞިއްޔަތުން އުނިވާ އެއްވެސް ކަމެއް ނެތްކަމުގެ އިހުސާސްވުމުން އެ މަނިކުފާނުގެ އެ ލޯބިވެތި ޝަޚުޞިއްޔަތަށް ކުރުނީސް ކުރެވެނީ ހިތުގެ އެންމެ މަތީ އިޙުތިރާމާއި ޤަދަރެވެ. ހުސްވުމެއް ނެތް ކުލުނާއި ލޯތްބެވެ.
އާދޭހެވެ! އާދޭހެވެ! އެއީ ހަމަ ތިރި ހިތްޕުޅެކެވެ. ތުނި ހިތްޕުޅެކެވެ. އޯގާތެރިވި ހެޔޮހިތްޕުޅެއް ވެސްމެއެވެ. ދިރިއުޅުމުގެ ނިސްބަތުގައި ސާދާ އުޅުއްވުމެކެވެ. އެއީ ޤަދަރުވެރި ލޮބުވެތި ބޭފުޅެކެވެ. މުޙްތަރަމް ޑރ ޙަސަން ޙަމީދަކީ މިއީއެވެ.
One Response
ވަރަށް ހިތްގައިމު ޤަލަމީ ސިފަކުރުމެއް. ޝުކުރިއްޔާ. މިއިން އެނގެނީ ކިތަންމެ ކުޑަކަމަކާ މެދުވެސް ކިޔާ ހިތްވާގޮތަކަށް އެއްޗެއް ލިޔެވިދާނެކަމަށް.