Support Us

އެމް.ޕީ.އެލް ސީ.އީ.އޯ ވަޖީހުގެ ހާއްސަ މެސެޖެއް

ތިރީގައި މިވަނީ "އުތުރު މެރިޓައިމް ސާވިސަސް" ވެބުސައިޓާ ބެހޭ ގޮތުން އެމް.ޕީ.އެލްގެ ސީ.އީ.އޯ މުހައްމަދު ވަޖީހު އެކްސްގައި ދެއްވައިފައިވާ ހާއްސަ މެސެޖެކެވެ.

"ގުޅި ލާމެހިފައިވާ ދުނިޔެ އެއްގައި، ރާއްޖެ އުފެދިފައި މިވަނީ، މެރިޓައިމް ދާއިރާއިން ބޮޑެތި ނަފާ ތަކެއް ގައުމަށް ހޯދާ ދެވިދާނެ ފަދަ މުހިންމު ލޮކޭޝަނެއްގައި ކަން އެންމެންވެސް ގަބޫކު ކުރެއެވެ. އެހެނަސް ހިތާމަޔަކީ މިބޮޑު މަންފަޢަ މިހާތަނަށް އެއްވެސް ސަރުކާރަކަށް ގައުމަށް ހޯދާދެވިފައި ނެތްކަނެވެ.

"އަނަރޫފަވެފައިވާ ރާއްޖޭގެ އިގުތިސާދު، ދިރުވައި ކޮޅަށް ޖެއްސެވުމަށްޓަކައި، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށްޓެވުމާއެކު އެމަނިކުފާނު ފެށްޓެވި މަސައްކަތްޕުޅު ތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއްކަމަކީ ރާއްޖޭގެ މެރިޓައިމް ދާއިރާއިން ދެވޭ ޚިދުމަތްތައް ފުޅާ ކުރައްވައި އިގުތިސާދީ ގޮތުން ގައުމަށް ބޮޑު މަންފަޢަ ތަކެއް މިދާއިރާއިން ހޯއްދަވާ ދެއްވުމުގެ މަސައްކަތްޕުޅު ތަކެވެ.

"އެގޮތުން އެމްޕީއެލް އިން ލައުންޗް ކޮށްފައިވާ "އުތުރު މެރިޓައިމް ސާވިސަސް" (ums.mv) ވެބުސައިޓަކީ، ރާއްޖޭގެ އުތުރުގައި ހިންގުމަށް ތައްޔާރު ވަމުންދާ މެރިޓައިމް ޚިދުމަތްތަކާއި ބެހޭ މައުލޫމާތު ސާފު ކޮށްދޭ ވެބު ސައިޓެކެވެ. އަދި މި ޚިދުމަތް ތައް ފުޅާ ވަމުންދާ ވަރަކަށް، އެމައުލޫމާތު ތައް ވެބުސައިޓު ގައި އަޕުޑޭޓު ކުރެވެ މުން ގެންދެވޭނެ އެވެ.

"އިހަވަންދިއްޕޮޅުގެ ރަށްތަކާއި ވަރަށް ކައިރިން، ކޮންމެ 24 ގަޑި އިރެެއްގެ ތެރޭ ދުނިޔޭގެ އެކި ގައުމު ތަކުގެ 250 ވަރަކަށް ބޮޑެތި ކާގޯ ބޯޓު (ެއާގު ބޯޓު) ދަތުރު ކުރަމުންދާ އިރު އަޅުގަޑުމެންގެ އަމާޒަކީ، މިބޯޓު ތަކަށް ބެއިނުންވާ އެކި އެކި ޚިދުމަތްތައް ފޯރު ކޮށްދޭނެ އިންތިޒާމްތައް ހަމަޖެއްސައިދިނުމެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުންވެސް ކާގޯ ބޯޓު ފަހަރަށް ފޯރު ކޮށްދޭ މިފަދަ ޚިދުމަތްތަކުގެ ތެރޭ ހިމެނޭ އެންމެ މުހިންމު 14 ޚިދުމަތް، ފޯރުކޮށް ދިނުމަށްޓަކައި އަޅުގަޑުމެން މިދަނީ ތައްޔާރު ވަމުންނެވެ. އެކަންތައްތަކުގެ މައުލޫމާތު ޔޫއެމްއެސް ވެބުސައިޓގައި ހިމެނިފައިވާނެ އެވެ. މީގެ ތެރެއިން ތެލުގެ ޚިދުމަތް ފިޔަވައި އެހެން ހުރިހާ ޚިދުމަތްތަކެއް ފޯރު ކޮށްދޭނީ އެމްޕީއެލް އިންނެވެ. ތެލުގެ ޚިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯ އިންނެވެ.

"އަޅުގަޑުމެންގެ އަމާޒަކީ، މިއީ އިންޓަރނޭޝަލަލް މާކެޓަށް ދެވޭ ޚިދުމަތް ތަކަކަށް ވާއިރު، ކޮމްޕެޓިޓިވު މާކެޓެއްގެ ތެރެއިން، އެޓުރެކްޓިވް ޚިދުމަތް ތަކެއް ފޯރު ކޮށްދީ، ރަގަޅު މާކެޓް ޝެއާރ އެއް ރާއްޖެ އަށް ހޯދުމެވެ. މި ޚިދުމަތްތަކާއި ބެހޭ މައުލޫމާތު، އެމްޕޕީއެލް ގެ (ums.mv) ވެބު ސައިޓުން މިހާރު ލިބިވަޑައިގަންނަވާނެ އެވެ.

"އިރާދަކުރެއްވިއްޔާ، މެރިޓައިމް ދާއިރާ އިން، މިފެށޭ ޚިދުމަތް ތަކުން، ކައިރި މުސްތަގުބަލެއްގެ ތެރޭ، އަޅުގަޑުމެންގެ ގައުމަށް، ގައުމުގެ އިގުތިސާދަށް ހެޔޮ މަންފަޢަ ތަކެއް ކުރަން ފަށާނެ އެވެ.

މިއީ 24 ގަޑި އިރުގެ އޮޕަރޭޝަނަކަށް ވާއިރު، މިޚިދުމަތް ދޭނެ މުވައްޒަފުން މިކަމަށް އަހުލުވެރިކުރުވައި، މިކަމަށް ބެއިނުންވާ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް އަޅުގަޑުމެން މިދަނީ ކުރަމުންނެވެ."