Support Us

ހުސްގޮނޑި ބެހެއްޓީ ރައީސް ޔާމީނަށް އޮތް އިހުތިރާމުން، އަބަދުވެސް އެ ގަދަރު އޮންނާނެ: ރައީސް

ރިޔާސީ އިންތިހާބުގެ ކެންޕެއިންގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ޖަހައިފައިވާ ގޮނޑި ބަހައްޓަމުން ގެންދިޔައީ އެމަނިކުފާނަށް އިހުތިރާމްކުރާތީ ކަމަށާއި އަބަދުވެސް އެ ގަދަރު ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ވެރިކަމަށް އައިސްފައިވަނީ ހުސްގޮނޑި ދައްކައިގެން ކަމަށް ރައީސް ޔާމީނާއި އިދިކޮޅު އެމްޑީޕީން ވެސް ގެންދަނީ ބުނަމުންނެވެ.

ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުން ރައީސް ޔާމީން ޖަލަށް ލުމާ އެކު ޕީޕީއެމްގެ ލީޑަޝިޕުން މަސައްކަތްކުރަމުން ގެންދިޔައީ ރައީސް ޔާމީން މިނިވަން ކުރެވޭތޯ ކަމަށާއި ނަމަވެސް އެކަން ނުވި ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރެއްވޭ ގޮތް ނުވުމުން ޕީޕީއެމްގެ ލީޑަޝިޕްގެ ނިންމުމާ އެއްގޮތަށް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލެއްވީ ކަމަށް ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިން ކުރައްވަމުން ގެންދެވީ ވެރިކަން ލިބިވަޑައިގެންފިނަމަ ދިވެހިންގެ ރާއްޖެއެއް ގާއިމްކޮށް، ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގެންނަން ކަމަަށާއި އެ ނުފޫޒު ފޯރުވުން ހުއްޓުވިއްޖެ ނަމަ، ރައީސް ޔާމީން މައްޗަށް ކޮށްފައި އޮތް ނުރަނގަޅު ހުކުމުން އެމަނިކުފާނު މިނިވަންވާނެ ކަމަށް ގަބޫލްކުރައްވާތީ ދައްކަވަމުން ގެންދެވީ އެވާހަކަތައް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެމަނިކުފާނުގެ ހައްގު މަގާމުގައި އެ ގޮނޑި އަޅުގަނޑުމެން އެމަނިފާނަށް (ރައީސް ޔާމީނަށް) ރެސްޕެކްޓްކުރާތީ ބަހައްޓަމުން އަންނަނީ. އޭރު ވެސް މިއަދުވެސް އަދި މާދަމާ ވެސް އަޅުގަނޑުގެ ހިތުގައި އެމަނިކުފާނަށް އޮންނާނީ ގަދަރު، އަބަދުވެސް އޮންނާނީ ގަދަރު،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނީ ހުސް ގޮނޑި ބަހައްޓައިގެން ކަމަށް ބައެއް ފަރާތްތަކުން ދުށްނަމަވެސް ރިޔާސީ އިންތިހާބަށް ފަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މި ސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކުން އުއްމީދު ވެސް ނުކުރާ ވަރުގެ ބޮޑު ކާމިޔާބީއެއް ހޯދައި މަޖިލީހުގެ ސުޕާ މެޖޯރިޓީ ވެސް މި ސަރުކާރަށް ނަގައިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *