Support Us

އިމްތިހާނުން ފާސްވި ހަބަރު ބައްޕައަށް ދީފައި އަމީތާ ޕްރަޖަޕަތީ އޭނާގެ ބައްޕަގެ ގައިގައި ބައްދައިލައިގެން ދެ މީހުން ރޮނީ

ޗާޓާޑް އެކައުންޓެންޓަކަށްވި ސައި ވިއްކާ މީހާގެ ދަރިފުޅު

އިންޑިއާގެ ވެރިރަށް ދިއްލީއަށް އުފަން އަމީތާ ޕްރަޖަޕަތީގެ ހަޔާތަކީ އާދަޔާހިލާފު ވާހަކައެކެވެ. އޭނާ އާއި އޭނާގެ ބައްޕަ އަދި މަންމަ ދިރިއުޅެނީ ފަގީރު ބަސްތީގައި ޖިފުޓިއެއްގައެވެ. އާއިލާގެ ހުރިހާ ކަމެއް ބައްޕަ ބަލަހައްޓަނީ ސައި ވިއްކައިގެންނެވެ.

ނަމަވެސް މިހާރު ހުރިހާ ކަމެއް ވަނީ ބަދަލުވެފައެވެ. ސަބަބަކީ 10 އަހަރުގެ ބުރަ މަސައްކަތުން އަމީތާ ވަނީ ޗާޓާޑް އެކައުންޓެންޓަކަށްވާން އޮންނަ ދަތި، އުނދަގޫ އިމްތިހާނުން ފާސްވެފައެވެ.

އަމީތާ ބުނީ އޭނާއަށް މަތީ ތައުލީމު ހާސިލުކޮށްދޭން މައިންބަފައިން ކުރަމުން އައި ބުރަ މަސައްކަތަށް ތިމާގެ މީހުންގެ ފަރާތުން ލިބެމުން ދިޔަ މަލާމާތާމެދު އޭނާގެ މައިންބަފައިން އަޅައެއްނުލައި ކަމަށެވެ. އޭނާއަށް ކިޔަވައިދިނުމުގައި މާލީ ދަތިތަކެއް މައިންބަފައިންނަށް ކުރިމަތިވި ނަމަވެސްމެއެވެ. ޗާޓާޑް އެކައުންޓެންޓަކަށްވުމުގެ ހުވަފެން ހަގީގަތަކަށްވީ އޭނާގެ ބައްޕަ އޭނާއާމެދު އިތުބާރުކުރީމާ ކަމަށެވެ.

ޗާޓާޑް އެކައުންޓެންޓަކަށް ވާން އިށީން އިމްތިހާނުން ފާސްވިކަމުގެ ހަބަރު ބައްޕައަށް ދިން ވަގުތު އަމީތާއަށާއި އޭނާގެ ބައްޕައަށް ރޮވުނު ވީޑިއޯއެއް އަމީތާ ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލައިފައެވެ. މި ވީޑިއޯއިން ފެންނަނީ އަމީތާ އޭނާގެ ބައްޕަގެ ގައިގައި ބައްދައިލަމުން ރޯ މަންޒަރެވެ.

ބައްޕަ ސައި ވިއްކައިގެން ލިބުނު ފައިސާއިން ޗާޓާޑް އެކައުންޓެންޓަކަށްވި އަމީތާ ޕްރަޖަޕަތީ

އިމްތިހާނުން ފާސްވުމާއެކު އަމީތާ ވަނީ އޭނާގެ ލިންކްޑްއިން ސަފުހާގައި އަސަރުގަދަ ލިޔުމެއް އޭނާގެ މައިންބަފައިންނަށް މުހާތަބުކޮށް ލިޔެފައެވެ. އެ ލިޔުން ވަނީ ވައިރަލްވެފައެވެ. މިހާތަނަށް 1.6 ލައްކަ "ރިއެކްޝަން" ލިބިފައިވާއިރު 9،000 އަށްވުރެ ގިނަ ކޮމެންޓް ލިބިފައިވެއެވެ. ތިރީގައި މި ވަނީ އެ މެސެޖެވެ:

"ބައްޕާއެވެ.

އަހަރެން މި ވަނީ ޗާޓާޑް އެކައުންޓެންޓަކަށްވެފައެވެ. އެ ކަމަށް 10 އަހަރު ނެގިއެވެ. މިއީ ހުވަފެނެއްތޯ ނުވަތަ ހަގީގަތަކަށް ކޮންމެވެސް ދުވަހަކުންވާނެތޯ ކޮންމެ ދުވަހަކު އަހަރެންގެ ނަފުސާ ކުރާ ސުވާލެކެވެ. ޖުލައި 11 ވަނަ ދުވަހު މި ކަން ހަގީގަތަކަށްވެއްޖެއެވެ.

އާނއެކެވެ. ހުވަފެނަކީ ހަގީގަތަށްވާ އެއްޗެކެވެ. މީހުން ބުނެއުޅުނެވެ؛ ތިޔަހާ ބޮޑު ކޯހެއްގައި އަހަރެން ބައިވެރިކޮށްގެން އުޅެނީ ކީއްވެ ހެއްޔެވެ؟ ތިބާގެ ދަރިފުޅަށް އެ ކަން ކާމިޔާބެއް ނުވާނެއެވެ. ސަބަބަކީ އަހަރެންނަކީ އާދައިގެ ފެންވަރުގެ ދަރިވަރަކަށް ވުރެ ވެސް ދަށް ފެންވަރުގެ ކިޔަވާ ކުއްޖަކަށްވާތީއެވެ.

އެ މީހުން ބުނެއުޅުނެވެ؛ ސައި ވިއްކައިގެން ތިބާގެ ދަރިފުޅަށް އެހާ ބޮޑަށް ކިޔަވައިދިނުމަކީ ތިބާއަށް ވާނެ ކަމެއް ނޫނެވެ. މިހެންވެ އޭގެ ބަދަލުގައި ފައިސާ ރައްކާކޮށްފައި ގެއެއް އަޅާށެވެ. ބޮޑެތިވެފައިވާ އަންހެން ދަރިން ގޮވައިގެން މަގުމަތީގައި ދިރިއުޅޭނީ ކިހިނަކުން ހެއްޔެވެ؟ އެހެން ނޫނަސް ކޮންމެވެސް ދުވަހަކުން ތިބާ ދޫކޮށްފައި އެ ދަރިން ދާނެ ނޫން ހެއްޔެވެ؟ ސަބަބަކީ އެ ދަރިންނަކީ އެހެން ބައެއްގެ އަރަންޏެއް ނޫން ހެއްޔެވެ؟ އަދި ތިބާއަށް ލިބޭނެ އެއްޗެއް ނޯންނާނެ ނޫން ހެއްޔެވެ؟

އާނއެކެވެ. ހަމަ ޔަގީނުން ވެސް އަހަރެން އުޅެނީ ބަސްތީގައެވެ. (މިއީ ވަރަށް މަދު ބަޔަކަށް އެނގޭ ކަމެކެވެ.) ނަމަވެސް އެ ކަމާ އަހަރެން މިހާރު ލަދެއް ނުގަނެއެވެ.

ބައެއް މީހުން ބުނެއުޅުނެވެ؛ ބަސްތީގައި ދިރިއުޅޭނީ 'މޮޔަ ސިކުނޑި’ތަކެކެވެ. ތެދެކެވެ. ވަރަށް ބޮޑު ތެދެކެވެ. އަހަރެންގެ ސިކުނޑި މޮޔަ ނޫން ނަމަ، އަހަރެން މިއަދު މި ހުރި ހިސާބަކަށް ނާދެވުނީހެވެ. އަދި މިހާރު އަހަރެންގެ ބައްޕައަށް ގެއެއް އަޅައިދިނުމުގެ ގާބިލުކަން އަހަރެންނަށް މި ވަނީ ލިބިފައެވެ. އޭނާގެ ހުރިހާ އެދުމެއް އަހަރެންނަށް ފުއްދައިދެވޭނެއެވެ.

ފުރަތަމަ ފަހަރަށް އަހަރެންގެ ބައްޕަގެ ގައިގައި ބައްދައިލުމަށް ފަހު ރޮއިގަނެވުނެވެ؛ މިއީ އަމާންކަމެވެ. މި ހިނދުކޮޅަށް އަހަރެން ދިގު އިންތިޒާރެއް ކުރީމެވެ. ލޯ ހުޅުވައިގެން ހުރެ މި ހުވަފެން ހިޔާލަށް ގެނައިމެވެ. އަދި މިއަދު މި ވަނީ މި ހުވަފެން ހަގީގަތަކަށްވެފައެވެ.

ހުރިހާ އެންމެންގެ ގާތުގައި ވެސް އަހަރެން ބުނެލަން ބޭނުންވަނީ އެއްވެސް ކަމެއް ކުރަން ލަހެއް ނުވާނެކަމެވެ. އަދި ހުވަފެންތައް ވެސް ހަގީގަތަށްވާނެކަމެވެ.

އަހަރެން މިއަދު މި ވީ މީހަކަށް ވީ ބައްޕަ އާއި މަންމަގެ ސަބަބުންނެވެ. އަހަރެންނާމެދު އެ މީހުން ގަބޫލުކުރި ގަބޫލުކުރުންތަކުގެ ސަބަބުންނެވެ. އަދި އެއްވެސް ހާލެއްގައި އަހަރެން އެ ދެ މީހުން ދޫނުކޮށްލާނެކަން އެ ދެމީހުންގެ ހިޔާލަށް ގެނެވިފައިވާތީއެވެ. އަދި ޚުދު އަހަރެންގެ އަންހެން ދަރިންނަށް އަހަރެން ކިޔަވައިދޭނެކަން އެ ދެ މީހުން ގަބޫލުކުރީމައެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް