Support Us

ކެޔޮނިރު ކޮލަމް

އަދިވެސް!

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް މައުމޫން އަބްދުލްޤައްޔޫމް، 1978 ވަނަ އަހަރު ވަޑައިގެންނެވި ފަހުން 42 އަހަރު ވަނީ އެވެ. މިޖީލުގެ ގިނަ ބަޔަކު 1980 ގެ އަހަރު ތަކުގައި ކިރިޔާ ތަސައްރަފް ފުދެން ފެށިއިރު ވެރިކަމުއި ހުންނެވީ މައުމޫނެވެ. އަދިވެސް ކޯލިޝަނެއްގެ ތެރެއިން ވިއަސް މިޤައުމުގެ ވެރިކަމުގައި، ކޮންމެވެސް އެއް ސިފައެއްގައި މައުމޫން އެބަ ހުންނެވިއެވެ. ފާއިތުވި ސާޅީހަކަށް އަހަރުތެރޭ މި ދިވެހި ޤައުމުގައި ބަދަލުނުވެ އަދިވެސް އޮތީ ހަމައެކަނި މައުމޫނުގެ "ވެރިކަމެއް" ނޫނެވެ. ވަރަށް ގިނަ ކަންކަން އަދިވެސް ހަމަ އޮތީ އިހު އޮތް ގޮތަށެވެ. ބައެއް ކަންކަން ވީގޯހެވެ.

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ފަހު އަހަރު ތަކުގައި ރާއްޖެއަށް ޑްރަގްގެ އަސަރު ފޯރިކަމުގައި ވިއަސް ރާއްޖޭގައި ވަބާއެއް ގޮތުގައި ޑްރަގް ފެތުރެން ފެށީ މައުމޫނުގެ ވެރިކަމުގައެވެ. މިއަދާ ހަމައަށް އެތައް ބިލިއަން ރުފިޔާ މިކަމަށް ހަރަދު ކުރެވި އެތައް ވެރީންނެއް އެތައް ގިނަ ފޮނިކެނޑި ފަހުންވެސް ޑްރަގްގެ ވަބާ އަދިވެސް އޮތީ ހަމަ މުޅި ޤައުމުގައި މޫލާފައެވެ. ޑްރަގް ބޮނީ ކޮންބައެއްކަމާއި ވިއްކަނީ ކޮންބައެއްކަން ގިނަ ބަޔަކަށް އެނގެއެވެ. ނަމަވެސް އެމީހުން ހައްޔަރުކުރިއަސް ދެން ފެންނަނީ އަލުން އެނބުރި އައިސް އެއަށްވުރެ ގަދައަށް އެކަން ކުރާ ތަނެވެ. ޤާނޫނަށް ބޯލަނބާ އާއްމު ރައްޔިތުން ތިބެން ޖެހެނީ އެމީހުން ދެކެ ބިރުން ބަހެއް ބުނަން ނުކެރިފައެވެ.

ވައްކަން ކުރަނީވެސް ގިނަފަހަރަށް ޑްރަގް ނަގާ މީހުންނެވެ. ރޯމާ ދުވާލު ވައްކަން ކުރަނިކޮށް ފެނުނަސް ގޭގެ ވެރިމީހާއާ ދިމާއަށް ބަވާލަނީ ޑްރަގްނަގާ ވަގުކަލޭގެއެވެ. ރައްދުގައި އެއްޗެއް ބުނާކަށް ނުކެރެއެވެ. މިއީ ޕާޓޭއިންގެ ޤައުމެއް ފަދައެވެ. ވަގުންގެ ޤައުމެއް ފަދައެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހު (ވ) އެމް.ޑީ.ޕީގެ ހަރަކާތެއްގައި

މައުމޫނުގެ ދިގު ތިރީސް އަހަރުގެ ވެރިކަމަށް ފަހު ވެރިކަމަށް ވަޑައިގަތް މުހައްމަދު ނަޝީދުގެ ވަރަށް މަޝްހޫރު ބަސްކޮޅެއްގެ ވާހަކަ އެންމެންވެސް ދައްކައެވެ. އެބަސްކޮޅުގެ ވީޑިއޯ ކްލިޕް ނުބަލާ މީހަކު މަދުވާނެއެވެ. އެއީ ޑްރަގް މައްސަލައާ ގުޅޭގޮތުން ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވި ވާހަކައެކެވެ. މުޖުތަމައުގެ އެންމެން އަބަދު ހަމައިގަ ތިބެން ބޭނުން ނުވާނެ ކަމަށާއި، އެމީހުން ބޯނެކަން ޤަބޫލުކުރަން ޖެހޭނެ ކަމަށާއި، އެމީހުން ބޯން އޮތް ހަމައެކަނި އެއްޗަކީ ބާރުގަދަ ޑްރަގް ކަމުގައި ވާނަމަ ބާރުގަދަ ޑްރަގް ގިނަވާނެ ކަމަށާއި، އެހެން ކަމުން ބާރުދަށް ޑްރަގާދޭތެރޭ ދެކޭ ގޮތް ބަދަލުކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ޑްރަގް ބޯކަމަށް ކުރިން ކިޔައި އުޅެނީ ޤައުމުގެ ބައެއް ވެރީންގެ ބައެއް ދަރީންނެވެ. މިހާރު އަޑުއިވެނީ ބައެއް ވެރީންވެސް ބޯ ވާހަކައެވެ. އަދި ނުވިތާކަށް، ބޯންޖެހޭނެއޭ ބުނެ، އެހެން މީހުނަށްވެސް އެއެއްޗެއް ބުއިމަށް ވެރީން ހިތްވަރު ދެނީ އެވެ. ޑްރަގްގެ ވަބާއިން ޤައުމު ސަލާމަތްވާން ކައިރިވެސް ނުވެއެވެ. ވީނަމަވީ އިތުރަށް ގޯހެވެ. ފަޅު ރަށެއްގައި ޕާޓީ ކުރައްވަން ތިއްބަވަނިކޮށް އިދިފުށަށް ބިޑިއަޅުވައިގެން ހައްޔަރު ކުރެވުނު ވެރީން މިއަދު ތިބީ ރައްޔިތުންގެ މަޖުލިހުގަ އާއި ކެބިނެޓް ފަދަ ތަންތަނުގެ އިސް ސަފުގައެވެ. ޑްރަގް ނެގުމަކީ މިއަދު ފެޝަނަކަށް ހަދައިފިއެވެ. ކާމިޔާބުގެ ސިއްރަކަށް ހަދައިފިއެވެ.

ޤައުމެއް ތަރައްޤީވުމަކީ ހަމައެކަނި މާއްދީ ތަރައްޤީ ކަމުގައި ވާނަމަ ދިވެހި ރާއްޖެވެސް ފާއިތުވި ސާޅިހަކަށް އަހަރުތެރޭ ކޮންމެވެސް ވަރަކަށް ތަރައްޤީވެއްޖެ އެވެ. ބައިސިކަލްތައް ސައިކަލަށްވެ، ސައިކަލްތައް ކާރަށްވެ، ޕޭޖަރުތައް މޮބައިލް ފޯނަށްވެ، ޑެސްކްޓޮޕް ކޮމްޕިއުޓަރުތައް ލެޕްޓޮޕަށްވެ، އިމާރާތްތައް 25 ބުރިން މައްޗަށް އުފުލިއްޖެ އެވެ. ނަމަވެސް މި ޤައުމުގެ ވެރީންނަށް ރައްޔިތުން ކުރި ޤަދަރު އޮޔާ ހިނގައްޖެއެވެ. މިއަދު އުމުރުން އެންމެ 15 އަހަރުގެ ކުއްޖާވެސް މޮބައިލް ފޯނު ނަގައިފަ، ޓްވިޓަރ އެކައުންޓެއް ހުޅުވާލާފަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައެއް މިނިސްޓަރުން ޓެގްކޮށްލާފަ ކޮންމެވެސެް އިންޒާރެއް ދީފަ، އަވަގުރާނައެއް ލިއެލާނެއެވެ. އެއާއެކު އޭނަ ނިސްބަތްވާ ޕާޓީގެ ފޮލޯވަރުންތައް އެ ޓްވީޓަށް ލައިކްތައް އޮއްސާލާނެއެވެ. އެއޮތީ ސިޔާސީ މޮޅު ބަހެއް ބުނެވިފައެވެ.

މަޖުލިހުގައި ގިނައީ އިލްމެއް، ހިލްމެއް ނެތް މީހުންނެވެ. މަޖުލިސް މެމްބަރުކަމާ ހަވާލުވާއިރު ޖީބުގަ ހުންނަ ރެޑްލީފް ގަލަން، އެއް އަހަރުތެރޭ ވިހިހާސް ރުފިޔާގެ މޮންޓްބްލޭންކް ގަލަމަކަށް ބަދަލުވެއެވެ. ކެސިއޯ ގަޑި އެއްއަހަރު ތެރޭ އޮމެގާ ގަޑިއަކަށް ބަދަލުވެއެވެ. މަޖުލީހުގެ ތަޅުމުގައި ދައްކަނީ ރައްޔިތަކަށް، ދީނަކަށް، އިސްތިގްލާލަކަށް ބެލުމެއްނެތި ހިތުހުރި ވާހަކައެކެވެ.

ޕާޓީ ނިޒާމް މިޤައުމަށް ތައާރަފްވުމާ އެކު ދީނަށް ވުރެ މުހިއްމު އެއްޗަކަށް ޕާޓީ ވެއްޖެ އެވެ. ޕާޓީގެ ވެރިއަކު ދީނަށް ނުވަތަ ރަސޫލް (ސ.އ.ވ) އަށް ފުރައްސާރަ ކުރިއަސް ގިނަވާނީ އެމީހަކުގެ ދިފާއުގައި ނިކުންނަ މީހުންނެވެ.

ޤައުމު ހިންގަނީ އިލްމެއް ހިލްމެއް ނެތް މަޖުލީހަކާއި، ދައުލަތަށް ބުރަބޮޑު ކައުންސިލަރުން ތަކަކާއި، ޓްވިޓަރގައި ނަށަމުންދާ ޕާޓީ އެކްޓިވިސްޓުންނެވެ. ޤައުމެއްވާ ނެތެވެ.

މައުމޫނުގެ ވެރިކަމުގައި ހިންގި ކަމަށް ބުނާ އެފް.ޕީ.އައި.ޑީގެ ބިޔަ ކޮރަޕްޝަން އުޒުރަކަށް ނަގައިގެން މައުމޫނާ ދެކޮޅަށް ވާހަކަ ދެއްކި މީހުން ވެރިކަމަށް އައިސް ބިޔަ ބޮޑު ކޮރަޕްޝަނެއްގެ ތެރެއިން ޤަައުމުގެ އެންމެ ބޮޑު އެއް ރައުސުލްމާލު، ހުޅުލޭ އެއާޕޯރޓް ނުއަގުގައި އިންޑިއާއަށް ވިއްކާލިއެވެ. އޭގެ ފަހުން އައި ވެރިކަމުގައި ޤާނޫނުއަސާސީ ބަދަލުކޮށްގެން ތަޖުރިބާއެއް ނެތް ޒުވާނަކު ނައިބުރައީސަކަށް ލައިގެން، އެމް.އެމް.ޕީ.އާރް.ސީގެ ނަމުގައި ޤައުމުގެ ހަޒާނާ ދޮވެލިއެވެ. އޭގެ ފަހުން މިހާރު މިއޮތް ވެރިކަމުގައި ބަދަލު ދިނުމުގެ ނަމުގައި ނޫމަޑި ފަދަ ކުންފުނިތަކަށް ބިލިއަނުން ބަދަލުދީ ޤަައުމުގެ ޚަޒާނާ ހުސްވެއްޖެއެވެ. ކޮވިޑް19 އާ ގުޅިގެން އެއް ހާސް މިލިއަން ނުވަތަ އެއް ބިލިއަން ރުފިޔާއާ ގާތަށް މިހާތަނަށް ހަރަދު ކުރެވުނުއިރު އޭގައި ކޮރަޕްޝަން އެކުލެވުނު ވަރެއްވެސް އެނގޭނީ ބިތުފަންގި ނެގުނު ދުވަހަކުންނެވެ.

މި ދިވެހި ޤައުމަކީ އަޖައިބެއް ކަހަލަ ތަނެކެވެ. ސަރުކާރު މިނިސްޓްރީއަކުން ލިޔާ ހުކުރު ޚުތުބާގައި ރިބާ ހަރާމް ކަމަށާއި ރަލުގެ ވިޔަފާރި ހަރާމް ކަމަށް ބުނާނެއެވެ. އެކަމަކު މަތީގައި ބިސްމިﷲ ލިޔެފައި، ރާވިއްކުމުގެ ހުއްދަ ދެނީ ވެސް ހަމަ ސަރުކާރުންނެވެ. އިންޝާﷲ އޭ ބުނެ ރިބާ އެކުލެވޭ ލޯނުން މިސްކިތް އަޅަނީވެސް ހަމަ ސަރުކާރުނެވެ.

ޒީރޯ ޓޮލަރެންސްއޭ ކިޔާފައި ވެރިކަމަށް އައިސް ޕާޓީ އެކްޓިވިސްޓުންނަށް ޤައުމު ހިބަކޮށްދީގެން ކޮރަޕްޝަން އާއްމުވެއްޖެއެވެ. މަސްތުވުން އާއްމުވެއްޖެއެވެ. ރޭޕާ ދެކޮޅަށޭ ކިޔައިގެން މުޒާހަރާކުރިއަސް ރޭޕްވެސް އޮތީ ހަމަ މެކުހަށް ޖަހާފައެވެ. ކުޑަކުދިންނާ ބެހުންވެސް މެކުހަށް ޖަހާފައެވެ. ޑްރަގްވެސް މެކުހަށް ޖަހާފައެވެ. އާއިލީ މީހުނަށް މަޤާމް ދިނުންވެސް މެކުހަށް ޖަހާފައެވެ.

މިވަގުތު މިޤައުމުގެ ވަތުބަތާނައިގަ އަޅާފަ އޮތް އެންމެ ބޮޑު ތިން ޖަރާސީމަކީ ޕާޓި ނިޒާމް، އަދި ރައްޔިތުންގެ (އެކްޓިވިސްޓުންގެ) މަޖުލިސް، އަދި ކައުންސިލްތަކެވެ. ކެރޭ ވެރިއަކު އަރާފަ، ކެރޭނަމަ ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ ޕާޓީ ނިޒާމް އުވާލައި، ކައުންސިލްތައް އުވާލައި، ކޮންމެ އަތޮޅެއްގެ އަތޮޅުވެރިން އެ އަތޮޅެއްގެ ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވައި، ރަށުގެ ކަތީބުން ރަށު ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވައި، މަޖުލިސް މެމްބަރުންނަކީ ދަށްވެގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ތައުލީމީ މީހުނަށް ހެދުމެވެ. މި ތިން ބަދަލު ނުގެންނަހާ ހިނދަކު މިޤައުމު ވާނީ އިތުރަށް ފަސާދައެވެ. އިންސާފު ޤާއިމެއް ނުވާނެއެވެ. މިހާރު މިއޮތް އެޖެންޑާ ވަރަށް ސާފެވެ. އެޖެންޑާގެ މިސްރާބު ވެސް ވަރަށް ސާފެވެ.

މީގެ 40 އަހަރު ކުރީންވެސް މިޤައުމަށް ބޭނުންވީ، މިސްރާބް ބަދަލުކޮށް، އެއްވެސް އެޖެންޑާއެއް ނެތި ޤައުމު އިސްލާހު ކުރެވޭނެ އިހްލާސްތެރި ވެރިއެކެވެ. މައުމޫންގެ އެ އިހްލާސްތެރިކަމާއި ވިޝަން ހުއްޓެވެ. ނަމަވެސް މައުމޫންގެ ލެގަސީގައި ޖެހުނު ލައްގަނޑަކީ ނެޕޮޓިޒަމްއެވެ. އާއިލީ ވެރިކަމެވެ. އަދިވެސް ފެންނަނީ ހަމަ ނެޕޮޓިޒަމް އާއި ކޮރަޕްޝަނާއި މަސްތުވުމެވެ. އޭގެ އިތުރުން ދީނަށް ފުރައްސާރަ ކުރުމާއި ހަޖޫ ޖެހުމެވެ. ޕާޓީ އެކްޓިވިސްޓުންނަށް ވެރިކަން ކޮށްދޭ މަންޒަރެވެ. ރައްޔިތުުންނަކަށް ނޫނެވެ.

ތަކުރާރުކޮށްވެސް ބަޔާންކުރަން އޮތީ ހަމަ އެއް ވާހަކައެކެވެ. މިވަގުތު މިޤައުމުގެ ވަތުބަތާނައިގަ އަޅާފަ އޮތް އެންމެ ބޮޑު ތިން ޖަރާސީމަކީ ޕާޓި ނިޒާމް، ރައްޔިތުންގެ (އެކްޓިވިސްޓުންގެ) މަޖުލިސް، އަދި ކައުންސިލް ތަކެވެ. ކެރޭ ވެރިއަކު އަރާފަ، ކެރޭނަމަ ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ ޕާޓީ ނިޒާމް އުވާލައި، ކައުންސިލްތައް އުވާލައި، ކޮންމެ އަތޮޅެއްގެ އަތޮޅުވެރިން އެ އަތޮޅެއްގެ ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވައި، ރަށުގެ ކަތީބުން ރަށު ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވައި، މަޖުލިސް މެމްބަރުންނަކީ ދަށްވެގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ތައުލީމީ މީހުނަށް ހެދުމެވެ. މި ޤައުމު އަނބުރާ ދިވެހި ރައްޔިތުންގެ ތަނަކަށް ހެދޭނީ މި ތިން ބަދަލުން ފަށައިގެންނެވެ. އިސްލާހީ އެޖެންޑާ ފަށަންޖެހެނީ އެ ހިސާބުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
182222

3 Responses

  1. ވަރަށް ރަނގަޅު ލިޔުމެކެވެ. ގައުމުގެ ކުރިމަގަށް ޓަކައި ކޮންމެހެން ކުރަންވެއްޖެ ކަމެކެވެ. ޕާޓީއަކީ މިރާއްޖޭގެ ހަލާކެވެ. ފަސާދައިގެ ފެށުމެވެ. ބައިބައިވުމުގެ އަސްލެވެ. އަޚް ބުޝްރީގެ މިލިޔުންމަށް 100% އަށް ވުރެވެސް މަތީން މާކުސްދޭން ބޭނުމެވެ.

  2. މިލިއުމަށް 100 އިން 100އަށް ތާއީދުކުރަން. ހިތްވަރު ހުރި ވެރިޔަކު އަމިއްލަ ކެންޑިޑޭކަށް ނުކުތުމަށް ގޮވާލަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *