Support Us

މޯލްޑިވިއަނުން އެއާބަސް އޭ.330-200 މަރުކާގެ މަތިންދާބޯޓެއް ގެންނަނީ

މޯލްޑިވިއަނުން އެއާބަސް އޭ.330-200 މަރުކާގެ މަތިންދާބޯޓެއް ގެނައުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ މޯލްޑިވިއަންގެ ހިދުމަތްތައް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތުގެ މަތިން މޯލްޑިވިއަނުން ޓްރޫނޫރްޑް ކުންފުންޏާއެކު ވީ އެއްބަސްވުމެކެވެ.

ޓްރޫނޫރްޑް ކުންފުންޏަކީ ނެދަލެންޑްސްގައި ގާއިމުކޮށްފައިވާ ފުޅާ ދާއިރާއެއްގައި މަތިންދާބޯޓު ކުއްޔަށް ދޭ ކުންފުންޏެކެވެ. އެއާބަސް އޭ.330-200 މަރުކާގެ މަތިންދާބޯޓުގެ ދިގުމިނުގައި 193 ފޫޓު ހުރެއެވެ. ސީޓުގެ އަދަދަކީ 380 އެވެ. ދަތުރުކުރެވޭ ސަރަހައްދަކީ 8،357 މޭލެވެ. އާއްމު ގޮތެއްގައި ދަތުރުކުރާ ދުވެއްޔަކީ ގަޑިއަކު 541 މޭލެވެ. އެންމެ ބާރު ދުވެއްޔަކީ ގަޑިއަކު 567 މޭލެވެ.

ގައުމީ އެއާލައިން އާއި ޓްރޫނޫރްޑްއިން އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން އާއި މޯލްޑިވިއަންގެ މެނެޖިންގ ޑައިރެކްޓަރ އިބްރާހީމް އިޔާސް އާއި މޯލްޑިވިއަން އަދި ޓްރޫނޫރްޑްގެ އިސް މަންދޫބުން ބައިވެރިވެވަޑައިގަތެވެ.

އެއާބަސް އޭ.330-200 މަރުކާގެ މަތިންދާބޯޓެއް ގެނައުމުން މޯލްޑިވިއަންގެ ހިދުމަތްތައް ފުޅާކުރެވޭނެ ކަމަށާއި ދަތުރުކުރެވޭނެ އާ މަންޒިލްތައް ހޯދުމަށާއި ދަތުރުފަތުރުގެ މާ ރަނގަޅު ތަޖުރިބާއެއް ފަސިންޖަރުންނަށް ފޯރުކޮށްދެވޭނެ ކަމަށް މޯލްޑިވިއަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުންޏެވެ.

"މި އެއްބަސްވުމަކީ މޯލްޑިވިއަންގެ ތަރައްގީއަށާއި އުފެއްދުންތެރިކަމަށް ދެގޮތެއްނުވެ ދެމުންދާ އިސްކަން ރަމްޒުކޮށްދޭ ހެއްކެއް. އަހަރެމެންގެ ބައިނަލްއަގުވާމީ ވިއުގަ ފުޅާކޮށްލުމަށާއި މި ސަރަހައްދުގެ ފަތުރުވެރިކަމާއި ވިޔަފާރީގައި އާ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް މުހިންމު ދައުރެއް އަދާކުރެވިގެންދާނެ،" އިޔާސް ވިދާޅުވިއެވެ.

އެއާބަސް އޭ.330-200 މަރުކާގެ މަތިންދާބޯޓަކީ ފުޅާ ދާއިރާއަކަށް ފުރިހަމަ އަދި ފަސިންޖަރުންނަށް އަރާމުކަން ފޯރުކޮށްދެވޭނެ ގާބިލުކަން ހުރި މަތިންދާބޯޓެއް ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

"ވައިގެ މަގުން ދަތުރު ކުރުމަށް މޯލްޑިވިއަންގެ ކިބައިން އެދެމުން އަންނަ އަދި އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ހިދުމަތް ދީ، ފަސިންޖަރުންނަށް ފަސޭހަކަން ފޯރުކޮށްދިނުމުގެ އިތުރުން ފްލައިޓް އިހުތިޔާރުކުރުމުގެ ފުރުސަތުތައް ވެސް ފަހިކޮށްދެވޭނެ،" މޯލްޑިވިއަންގެ ބަޔާނުގައި ބުންޏެވެ.

ޓްރޫނޫރްޑް ދޭ ހިދުމަތްތަކުގެ ތެރޭގައި ކޮންމެ އެއާލައިނަކަށް ވެސް އެ އެއާލައިނަކަށް ބޭނުންވާ ހާއްސަ ގޮތަށް ހައްލުތައް ދިނުން ހިމެނެއެވެ. އެއީ ޓްރޫނޫރްޑްއާ ގުޅިފައިވާ އެއާލައިންތަކުގެ ތަރައްގީ އާއި ކާމިޔާބަށްޓަކައި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތާއި އޮޕަރޭޝަންތައް ފުރިހަމަކޮށްދިނުމަށެވެ.

މޯލްޑިވިއަނުން މިހާރު ދަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ވިއުގަތައް ތަރައްގީކޮށް އަދި އިތުރަށް ތަރައްގީކުރަމުންނެވެ. މޯލްޑިވިއަން ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި ރާއްޖޭގެ 16 ޑޮމެސްޓިކް އެއާޕޯޓާއި އިންޑިއާ، ބަންގްލަދޭޝް އަދި ޝްރީ ލަންކާގެ މަންޒިލްތައް ހިމެނެއެވެ. މޯލްޑިވިއަނުން އެއްގަމަށް ޖައްސާ މަތިންދާބޯޓުގެ އިތުރުން ކަނޑަށް ޖައްސާ ސީޕްލޭންގެ ހިދުމަތް ވެސް ދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *