ދޮގާ މަކަރާއި ހީލަތުގައި އަބަދު ކިހިނެއްތަ؟ އުޅެވޭނީ
ހަގާ ދޮށްޓަށް ހިނގާ ކަންކަން މިއަދު ކިހިނެއްތަ؟ އޮޅުވޭނީ
މަލާމާތާ ފުރައްސާރައިން ހިތުގެ ގިނިތައް ނިވާނަމައީ
ހަލާކުވެގެން ނުގޮސް އެ ހިތަށް އެހެން ކިހިނެއްތަ؟ އޮވެވޭނީ
ތިމާ ނޫނީ ތިބޭނީ ހުސް މޮޔައިންކަމުގައި ބަލާނަމައީ
ދިމާޔަށް އަންނަ ހަމަލާޔަށް ފިލަން ކިހިނެއްތަ؟ ދުވެވޭނީ
ޒަމާނާ ޙާލަތާ މެދުގައި ނުވިސްނާ ކަން ކުރާނަމައީ
ޖަމާޢަތުގައި ގަދަރުވެރިއެއް ކަމަށް ކިހިނެއްތަ؟ ގުނެވޭނީ
ތިމާގެ ގޮތާ ފޮތާ ނޭނގޭނެޔޭ ހީކޮށް އުޅޭނަމައީ
ދިމާޔަށް ރައްދުދޭން ޖެހިލުންވެފައި ކިހިނެއްތަ؟ ތިބެވޭނީ
އަތަށް ލިބިފައި ލަގަން އޮތްއިރު އެ ކުރި ކަންކަން ފިލާނަމައީ
ވަތަށް ބޯ ވެއްޓިގެންދާ އިރު ބަލަން ކިހިނެއްތަ؟ ހުރެވޭނީ
ހެވާ ނުބަޔާ ލަފާ ނުލަފާ ތިމާޔަށް ވަކިނުވާ ނަމައީ
އެވާ ގެއްލުން ފަހުމުވާނޭގޮތެއް ކިހިނެއްތަ؟ ބުނެވޭނީ
ބޮޑާކަން ދައްކަމުން ކިބުރުގެ މަގުން ޢުމުރަށް ހިނގާނަމައީ
އުޑާއި ބިމުން ލިބޭހާ ލަޢުނަތުން ކިހިނެއްތަ؟ ރެކެވޭނީ
