އުފަލުން ހަނާއެޅި މަންމައެއް އުފުލީ ލަފާ ހެޔޮ ކުދިބައެއް
ސަފުތައް ބަދަހި އެކުވެރި ބައެއް ޅަފުރާގެ ދުށް މީ ދުނިޔެއެއް
ދެކެފަރިތަ އެކުވެރި ރައްޓެހިން އެކި މިންވަރުގެ ރަޙުމަތްތެރިން
މެކި ނެތް ކުށެއް އިއްފަތްތެރިން ދެކި އުޅުނު އިހު މީ ދުނިޔެއެއް
ޙާލަތު ބަދަލު ކުރަނީ އަތުން ދާމަގުތަކުން ހިނގަމުން ކަތުން
ހާހުން މިފަދަ ހިނގި ކަންކަމުން ޙާލަތު ބަދަލުވީ ދުނިޔެ އެއް
ވައިރޯޅިތައް މާ ދުރުދުރުން އައިބާރުގައި ގަދަ ފުލުފުލުން
މައި އޮޑި ރިޔާ ވީ ފުނޑުފުނޑުން ދާ ކުނބުހަޔަށް މީ ދުނިޔެ އެއް
ރައްކައުކަމުން ދީނުގެ މޮހެވި ޝައްކާއި ވަހުމަށް ބޯ މެހެވި
ފައްކާ ސަގާފަތު ގޮސް ފޮހެވި ދައްކާ މިއީ ހަޑި ދުނިޔެ އެއް
މަކަރާއި ޙީލަތްތައް ހަދާ އެކަކަށް ވުރެން އަނެކަކު ނުބައި
ދެކަކޫ ދެމެދު ސިއްރެއް ނުވާ ސަކަރާތްތަކުގެ މީ ދުނިޔެ އެއް
ރިޝްވަތުގެ ހަޑި ޢަމަލުން ކަމުން އިސްރާފުގައި ފޭރާންލަމުން
ވިސްނާ ފަހަށް ނުލެވޭ ކަމުން މިސްރާބު ނެތް މީ ދުނިޔެ އެއް
މީހުންގެ ޙުރުމަތް ތިބެ ކަނޑާ މީހުންގެ ޙައްޤުތަކަށް އަރާ
މީހުންގެ މުޅަމަސް ކައިހަދާ މީހުން އުޅޭ މީ ދުނިޔެ އެއް
ޙަމަލާ ދެމުން މޫނަށް ތިމާ ޢަމަލާ ބަހާ ނުމެކޮށް ދިމާ
ކަމަކަށް ވުމުން ބޭނުން ނަމާ ހަމައެއް ނުވާ މީ ދުނިޔެ އެއް
މީ ކޮން ބަޔަކު ހެދި ވިޔުގައެއް މީގައި އޮތީ ކޮން ދަރުމަޔެއް
ނީރާލަނީ ލޭކަރުނަޔެއް މީ ކޮންކަހަލަ އަޅެ ދުނިޔެ އެއް
