Support Us

މާދަމާއިން ފެށިގެން މިފްކޯއިން މަސް ގަންނާނީ ބައިނަލްއަގުވާމީ ބާޒާރުގައި ހުރި އަގަށް: މިފްކޯ

މަސްވެރިންގެ އަތުން މާދަމާއިން ފެށިގެން މަސް ގަންނަމުންދާނީ ބައިނަލްއަގުވާމީ ބާޒާރުގައި މަސް ހުރި އަގަށް ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ) އިން ބުނެފި އެވެ.

މިފްކޯއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް އެ ކުންފުނިން މަސްވެރިންގެ އަތުން މަސް ގަންނަމުން އައިސްފައިވަނީ ބައިނަލްއަގުވާމީ ބާޒާރުގައި މަސް ގަންނަ އަގަށް ނުބަލައި ސަރުކާރުން ކަނޑައަޅާ އަަގަކަށް ކަމަށެވެ.

މިފްކޯއިން ބުނީ އެ ކުންފުނިން މަސްްވެރިންގެ އަތުން މަސް ގަނެ ބައިނަލްއަގުވާމީ ބާޒާރުގައި މަސް ވިކުމަށްފަހު، ލިބޭ އާއްމުދަނީ އަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާ އާއި މަސް ގަނެ ޕްރޮސެސްކުރުމަށް ހިނގާ ހަރަދު މާބޮޑު ކަމަށެވެ. އަދި ބާޒާރުގެ އަގަށް ނުބަލައި މަސްވެރިންގެ އަތުން މަސް ގަނެ ޕްރޮސެސްކޮށް އެކްސްޕޯޓް ކުރަމުން އައިސްފައިވަނީ ލޯން ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށް ބުނެފައިވެ އެވެ.

"އެހެންކަމުން މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފަައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަަމަޖެއްސުމުގެ ގޮތުން މަދަމާއިން ފެށިގެން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުންދާނީ ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަ މަހުގެ އަގު ހުރި މިންވަރަށާއި މަސްގަނެ އެކްސްޕޯޓްކުުރުމަށް ހިނގާނެ ހަރަދުތަކަށް ބަަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގެއްގައި," މިފްކޯއިން ބުނެ އެވެ.

ބައިނަލް އަގުވާމީ ބާޒާރުގައި މިއަދު މަސް ކިލޯއެއްގެ އަގު އުޅެނީ 18ރ. އާއި 20ރ. އާ ދެމެދުގެ އަގެއްގަ އެވެ.

މިދިޔަ ސަރުކާރުގައި މަސްވެރިންގެ އަތުން މަސް ގަންނަ އަގު 17ރ. އިން 25ރ. އަށް ބޮޑުކޮށްފައިވަނިކޮށް، މި ސަރުކާރުން އެ އަގު ވަނީ 20ރ. އަށް ދަށްކޮށްފަ އެވެ.

މަސްވެރިންނަށް ލިބެންޖެެހޭ ލާރި ނުލިބިގެން މަސްވެރިން މުޒާހަރާކުރަމުން ދަނިކޮށް، މިފްކޯއިން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ނުދެއްކި ހުރި ފައިސާ މާދަމާ ދޫކުރާނެ ކަމަށެވެ. އަދި މަސްވެރިންނަށް މާދަމާ ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާ ހިމަނައިގެން ޖުމްލަ 353 މިލިއަން ރުފިޔާ މަސްވެރިންނަށް ދުކުރޭ ފައިސާގެ އަދަދު އަރާނެ ކަމަށް މިފްކޯއިން ބުނެ އެވެ.

މީގެއިތުރުން މިފްކޯއަސް ލިބިފައިވާ އާމްދަނީއިން އިތުރު 389 މިލިއަން ރުފިޔާ މަސްވެރިން ކިރުވާފައިވާ މަހަށް ދޫކޮށްފައިވާ ކަމަށާއި ތެލާއި އައިސް އަށް ދީފައިވާ ކްރިޑިޓް ހިމެނޭހެން މިއަހަރުގެ 831 މިލިއަން ރުފިޔާ މިފްކޯއިން މަސްވެރިންދޯނިތަކަށް ދޫކޮށްފައިވާ ކަމަށް އެކުންފުނިން ބުނެފައިވެ އެވެ.