"ކޮންމެ ދުވަހަކު ވެސް ތުނޑިއަށް ގޮސް އުދުހިލައި ކިރުކަކުނިތަކާ އެއްކޮށް ކުޅެލުމަކީ ކިރުދޫންޏާއި އެކުވެރި ވައްލަ އާއި ޗޮންޗޮންއިލޮޅި އާއި އިރުވާހުދުގެ އިތުރުން ގޮހޮރުކޭ އާއި ލަގަނާ ވެސް އެންމެ ކުރާހިތްވާ ކަންތަކެވެ. ހުރިހައި އެކުވެރިން ވެސް އަސުރުފަހުން ތުންޑިއަށް ޖަމާވެއްޖެއެވެ. އެކުވެރިންނަށް އެނގޭތަ؟ ކުރިން މިތަނަށް އަންނާނެ މަޅިފަތި ހިފައިގެން ދޫނި ހަފަން އަހަރެންގެ އެކުވެރި މުހައްމަދުވެސް،" ކިރުދޫނި ބުންޏެވެ.
މިއީ އެ ވާހަކައިގެ ފެށުމެވެ. ދިވެހިންގެ ގައުމީ ބަތޮލު ބޮޑުތަކުރުފާނު ނުވަތަ އައްސުލްތޯނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުންނާ ބެހޭ ކުޑަކުދިންގެ ހާއްސަ ވާހަކަފޮތުގެ ފެށުމެވެ. ކުޑަކުދިން ޝައުގުވެރިވާ ގޮތަށް، ދޫނިތަކެއް ހިމަނައިގެން، ކުރެހުންތަކާއެކު ކުރީގެ ނޫސްވެރިޔާ އައިމިނަތު ނިޔާޒާ ލިޔެ ތައްޔާރުކޮށްފައިވާ "ބޮޑުތަކުރުފާނު" ވާހަކައެވެ.
ނިޔާޒާގެ "ބޮޑުތަކުރުފާނު" ވާހަކަ އަކީ މުޅިން ތަފާތު ސްޓައިލެއްގެ ވާހަކައެކެވެ. މިއީ ގައުމީ ދުވަހާއި ބޮޑު ތަކުރުފާނާ ބެހޭ ލިޔުންތައް ފެންނަން ހުއްޓަސް މިފަދަ ގޮތަކަށް ތުއްތު ކުދިންނަށް ހާއްސަ ކޮށްގެން ވާހަކަ ފޮތެއްގެ ސިފައިގައި ބޮޑުތަކުރުފާނުގެ ވާހަކަ ގެނެސްދިން ފުރަތަމަ ފަހަރު ވެސް މެއެވެ.
އުމުރުން ހަ އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އާލާކުރުމުގެ ވިސްނުމުގައި ވަރަށް ވެސް ހިތްގައިމު ގޮތަކަށް ނިޔާޒާ ލިޔެފައިވާ މިވާހަކައިގައި އުޅެނީ ކިރުކަކުނިތަކާ އެކު ތުނޑިމަތީގައި އާންމުކޮށް އުޅޭ އެކި ކަހަލަ ދޫނިތަކެވެ. ވައްލަ އާއި ޗޮންޗޮންއިލޮޅި އާއި އަނދުން އިލޮޅި އާއި އިރުވާހުދުގެ އިތުރުން ގޮހޮރުކޭ އާއި ލަގަނާއެވެ.
ބޮޑުތަކުރުފާނު ތުއްޕުޅުއިރު، ހއ. އުތީމުގެ ތުނޑިމަތީގައި ދޫނި ހިއްޕަވަން އުޅުއްވި ކަމަށް ތާރީހީ ވާހަކަތަކުން އެނގެއެވެ.

ނިޔާޒާ ކިޔައިދިން ގޮތުގައި މިފަދަ ފޮތެއް ލިޔުުމުގެ ޝައުގުވެރިކަން އައީ ދަރިފުޅު ނިދާ ގަޑީގައި ހިޔާލީ ވާހަކަތައް ކިޔައިދިނުމުގެ ބަދަލުގައި ގައުމީ ލޯބި ދަރިފުޅުގެ ހިތުގައި އާލާކުރުމުގެ މަގުސަދުގައި ބޮޑުތަކުރުފާނުގެ ވާހަކަ ކިޔައިދޭން ފެށި ހިސާބުންނެވެ.
"ގައުމުގެ އަބުތޯލުންގެ ވާހަކަތައް އަންނަން އޮތް ޖީލްތަކަށް ކިޔައިދިނުމުގެ ވިސްނުމުގައި ވާހަކަފޮތެއްގެ ސިފައިގައި މި ވާހަކަ ގެެނެސްދޭން ނިންމީ،" ނިޔާޒާ ބުންޏެވެ.
ބޮޑުތަކުރުފާނުގެ ވާހަކަ ނިޔާޒާ ގެނެސްދީފައިވަނީ ތުއްތު ކުދިންގެ އުމުރުފުރާއާ ގުޅޭ ގޮތަށް ޝައުގުވެރިކަމާ އެކު އެކުދިން އަޑުއަހަން ތިބޭނެ ފަދަ ހިތްގައިމު ގޮތަކަށެވެ.

ކުރީގެ ތާރީހީ މިފަދަ ވާހަކައެއް މިއީ ހަމަ ކޮންމެ ތުއްތު ކުއްޖެއްގެ ހިތުގައި ގައުމީވަންތަ ލޯބި އަަށަގެންނެވުމުގެ ގޮތުން ކިޔައިދޭން ހަމަ އެންމެ އެކަށީގެންވާ ފޮތެކެވެ.
"ބޮޑުތަކުރުފާނުގެ ވާހަކަ އަކީ އަސްލު ވާހަކެއްކަން ވެސް ގިނަ ކުދިންނަށް ނޭނގޭ. ކުޑަކުދިންނަށް ހާއްސަކޮށްގެން ގައުމީ ބަތަލެއްގެ ވާހަކަ ލިޔެފައި ހުންނަ ތަނެއް ނުފެނޭ. އެހެންވެ ހިތަށް އެރީ ކުދިންގެ ސިކުނޑިތަކަށް ވިސްނޭނެ ގޮތަށް ވަރަށް ސާދާކޮށް މިވާހަކަތައް ކިޔައިދެވިދާނެއޭ،" ސަން އޮންލައިންގައި ކުރިން މަސައްކަތް ކުރި ނިޔާޒާ ބުންޏެވެ.
މި ފޮތަކީ ބޮޑު ތަކުރުފާނުގެ ޝަހުސިއްޔަތާއި ޕޯޗުގީޒުންގެ އަތުން ދިވެހިރާއްޖެ ސަލާމަތްކުރެއްވުމަށް އެ ތަކުރުފާނު ކުރެއްވި ހިކުމަތްތެރި މަސައްކަތްޕުޅު ކުޑަކުދިންނާ ގުޅޭ ގޮތަކަށް ގެނެސްދީފައިވާ ފޮތެކެެވެ.

"މިއީ ކިޔާލަން ފަސޭހަ، ޝައުގުވެރި ގޮތަކަށް ގެނެސްދީފައިވާ ވާހަކައެއް. ކުޑަކުދިންނަށް ވަރަށް މުހިންމު ވާހަކައެއް،" ނިޔާޒާގެ ފޮތާ ބެހޭ ގޮތުން މައްޝޫރު ވާހަކަލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދު ބުނެފައިވެއެވެ.
ބޮޑުތަކުރުފާނުގެ ވާހަކައިގެ އަސްލު ނުގެއްލޭ ގޮތަށް ތުއްތު ކުދިންނަށް ހާއްސަކޮށްގެން ނިޔާޒާ ނެރެދީފައިވާ މި ވާހަކަ ފޮތުގައި ހިމެނޭ ކުރެހުންތައް ކުރަހާފައިވަނީ ތުއްތު މުސްލިމްގެ ނަމުގައި ވާހަކަ ލިޔަމުން އަންނަ ފާތިމަތު ޝުއާއު އެވެ.
މިފަދަ ގައުމީ ތާރީހު ކުޑަކުދިންގެ ފޮތެއް ވުޖޫދުކުރުމުގައި ނިޔާޒާއަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބިފައި ވަނީ އޭނާގެ ފިިރިމީހާގެ ފަރާތުން ކަމަށް ނިޔާޒާ ބުނެ އެވެ. އަދި ވާހަކައިގެ ކުރެހުންތައް ކުރަހައިދިން ފާތިމަތު ޝުއާއު އާއި ބިންމާ އިބްރާހިމުގެ އެހީތެރިކަމާ ނުލައި މި ފޮތް އެހާ ފުރިހަމަވެގެން ނުދިޔައީސް ކަމަށް ވެސް އޭނާ ބުންޏެވެ.
ބޮޑުތަކުރުފާނު ވާހަކައިގެ އިތުރުން ނިޔާޒާ މިހާރު ވެސް އަންނަނީ ދިވެހި ތާރީހާ ގުޅޭ ގޮތުން ކުޑަކުދިންނަށް ހާއްސަ އިތުރު ފޮތެއް ނެރުމުގެ މަސައްކަތް ކުރަމުންނެވެ.
ނިޔާޒާގެ ބޮޑުތަކުރުފާނު ވާހަކަ، "އަލިފްވާވު" ޕޭޖް މެދުވެރިކޮށް އޮންލައިންކޮށް ގަންނަން ލިބޭނެ އެވެ. އަދި އަސްރަފީ ބުކްޝޮޕާއި ބުކް ރަން އަދި ތިނަދޫ ބުކްސް އެންޑް ޓޯއީސް އިން ވެސް ލިބޭނެ އެވެ.



advertisment