އަލަށް އިންތިޚާބުވި މަޖިލީހުން، ވަރަށް އަވަހަށް މަޖިލީހުގެ ޤަވައިދު އިޞްލާޙް ކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ. މިފަހަރު މަޖިލީހުގެ ޤަވައިދު އިޞްލާޙް ކުރައްވާއިރު ނިމިގެންދިޔަ މަޖިލީހުން، މަޖިލީހުގެ ޤަވައިދަށް އަމަލުކުރި ގޮތާ މެދު ވަރަށް ބޮޑަށް ވިސްނަވަންޖެހެއެވެ. އަދި ބޭރު ޤައުމުތަކުގެ މަޖިލީސްތަކުގައި ލިޔެފައި އޮންނަ ގޮތަށް ބައެއް މާއްދާތައް ލިޔެފައި އޮންނަ ކަމުގައި ވިޔަސް ތަފާތު ގޮތަކަށް މާނަކުރެވިދާނެ ކަމަށް ފެންނަ މާއްދާތަކަށް އިތުރު ތަފްޞީލެއް ދިނުން ރައްކާތެރިއެވެ. އިތުރު ތަފްސީލެއް ނުދޭކަމުގައި ވާނަމަ ނިމިގެންދިޔަ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދިޔައިރު ނުކުތް ކަހަލަ މައްސަލަތަކެއް ކުރިމަތިވުމަކީ ކައިރި ކަމެކެވެ.
މިފަހަރުގެ މަޖިލީހުގައި ވެސް ވެރިކަން ކުރާ ޕާޓީ އަށް ސުޕަ މެޖޯރިޓީ އެބައޮތެވެ. މިހެންވުމާ އެކު އެ ޕާޓީގެ ނުފޫޒު ގަދަ މެމްބަރަކު މަޖިލީހުގެ ޤަވައިދުގައި ބަޔާންކޮށްފައި އޮންނަ ގޮތާ ޚިލާފަށް އެ މެމްބަރަށް ގަވައިދު މާނަކުރެއްވޭ ގޮތަކަށް މައްސަލައެއް ތަޅުމަށް ހުށައަޅުއްވައިފިނަމަ މަޖިލީހުގެ ރިޔާސަތުންނާއި ސުޕަމެޖޯރިޓީން، ބީރުކަންފަތެއް ދިނުމަކީ ވެދާނެކަމެކެވެ. މިފަދަ މައްސަލަތައް ހައްލުކުރެވޭނީ މަޖިލީހުގެ ޤާނޫނީ ލަފާދެއްވާ ބޭފުޅުންނާއި، މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން މިފަދަ ކަންކަމާމެދު ކުރިން ވިސްނަވައި، ތައްޔާރުވެގެން މަޖިލީހުގެ ޖަލްސާތަކަށް ޙާޒިރުވެވަޑައިގަތުމުންނެވެ. ނިމިގެން ދިޔަ މަޖިލީހުގައިވެސް ކޮންމެވެސް ވަރަކަަށް މިގޮތަށް މަސައްކަތްކުރެވޭނެއެވެ. އެހެންނަމަވެސް ޖަލްސާތައް ހިނގަމުން ދިޔަގޮތުން އެމަސައްކަތް ރަނގަޅަށް ކުރެވޭ ކަމަށް ޤަބޫލުކުރަން އުނދަގުލެވެ.
ރައްޔިތުންގެ މަޖިލީހަކީ ވަރަށް ޚަރަދު ބޮޑު މަޖިލީހެކެވެ. އެބޭފުޅުންގެ މުސާރައާއި އިނާޔަތަށް އެކަނިވެސް ކޮންމެ ބޭފުޅަކަށް މަހަކު ލައްކައެއްހާ ރުފިޔާ ޚަރަދުވާނެއެވެ. މީގެ ތެރޭގައި، މަޖިލީސް އޮންނަ ކޮންމެ ދުވަހަކު އެބޭފުޅުންނަށް އަރުވާ ސައިފޮދާއި، ކޮމިޓީ އޮންނަ ދުވަސްދުވަހުގެ ސައިފޮދާއި ސިއްޙީ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ ބޭސްފަރުވާ އަށް ބެންކޮކަށް ނުވަތަ ޑުބާއީ އަށް ދަތުރުކުރެއްވުމަށް ކުރެވޭ ޚަރަދު ނުހިމެނެއެވެ. މީގެ އިތުރަށް ދާއިރާ އަށް ވަޑައިގެންނެވުމުގެ ޚަރަދުވެސް ލިބިވަޑައިގަންނަވައެވެ. އެބޭފުޅުންނަށް ހަވާސާގައި ލިބިވަޑައިގަންނަވާ ފައިދާ އަށް ވެސް ބައްލަވާލައްވާށެވެ. އެބޭފުޅުންގެ ތިމާގެ މީހުންނާއި ރައްޓެހިންނަށް ސަރުކާރާއި ސަރުކާރުގެ ބާރު އޮންނަ ކުންފުނިތަކުން ފަސޭހައިން ވަޒީފާ ލިބުމާއި "ޢިއްޒަތްތެރި މެމްބަރު"ގެ ލަގަބު އޮތުމުން ސަރުކާރުގެ އިދާރާތަކުން ފަސޭހަކަމާ އެކު ކަންތައް ކުރެއްވުން ހިމެނެއެވެ. މިސާލަކަށް ދަންނަވާނަމަ އާސަންދައިގެ އެހީ ހޯއްދަވައިދެއްވަން ބޭނުންވާ ބަޔަކަށް ފަސޭހަކަމާ އެކު އެހީ ހޯއްދަވައިދެއްވުން ފަދަ ކަންކަމެވެ. މި ހުރިހާ ޚަރަދެއްވެސް ކުރެވެނީ އަޅުގަނޑުމެން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާއިންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަޅުގަނޑުމެން މިހާ ބޮޑު ހޭދައެއް ކުރާއިރު، އެބޭފުޅުންގެ ފަރާތްޕުޅުން، ކުރެވޭ ޚަރަދާ އެއްވަރަށް މަސައްކަތްޕުޅު ކުރެވޭތަން ރައްޔިތުންނަށް ދައްކަވަންޖެހެއެވެ. ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ މަޖިލީހެވެ. އެބޭފުޅުންގެ މައިގަނޑު މަސައްކަތްޕުޅަކީ ޤާނޫނު ހެއްދެވުމެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ވަޒީރުންނާ ސުވާލު ކުރުމާއި، ކުއްލި މައްސަލަ ހުށައެޅުމާއި ޤަރާރު ހުށައެޅުން އަންނަނީ އޭގެ ފަހުންނެވެ. ނިމިގެން ދިޔަ މަޖިލީހުގައި އެންމެ ކުޑަ އަހުމިއްޔަތެއް ދީފައިވަނީ ޤާނޫނު ހެދުމަށެވެ. އެކަމުގެ ހެއްކަކީ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމުނު އިރު ސަރުކާރުން ހުށައަޅާފައި އޮތް، އެތަކެއް ދުވަސްވެފައި އޮތް ބިލްތަކަށް މަޖިލީހުން ގޮތެއް ނިންމިފައި ނުވުމެވެ. މިގޮތަށް ދިމާވުމުގެ މައިގަނޑު ސަބަބަކީ މަޖިލީހުގައި ބޭކާރު ކަންކަމަށް ވަގުތު ދީ ބިލްތަކުގެ މަސައްކަތަށް އޮންނަ ވަގުތު ކުޑަވުމެވެ. މިހެން ކަންތައް ކުރެއްވީ، މަޖިލީހުގެ ރިޔާސަތުން، ގަސްދުގައި، އެއިރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަށް، އުނދަގޫކުރެއްވުމުގެ ނިޔަތުގައި، ރިޔާސަތުގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވައިގެން ކަމުގައި ކަމަށް ވެސް ބެލެވިދާނެއެވެ.
މަޖިލީހުން ޤަވައިދު އެކުލަވާލާއިރު ކުއްލި މައްސަލަ، ކުއްލި ވަނީ ކިހިނެތްކަން ވަރަށް ސާފުކޮށް އެނގެން ބޭނުންވެއެވެ. މިސާލަކަށް ދަންނަވާނަމަ މަސްވެރިން ބާނާ ހުރިހާ މަސް، ބޯޓުފަހަރަށް ނުކިރުވުމުން އެއީ ކުއްލި މައްސަލައެއްގެ ގޮތުގައި ނެގިދާނެތޯއެވެ؟ އެ މައްސަލައަކީ ހޯކޯމާރޯ ބޯޓުފަހަރަށް މަސްކިރުވި ޒަމާނުއްސުރެ ވެސް އޮންނަ މައްސަލައެކެވެ.
ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ޤަރާރު ހުށައެޅުމާ މެދުވެސް ބަދަލުތަކެއް ގެނައުމުގެ ފައިދާ ބޮޑެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ހޭދަކުރާ ވަގުތު ދުނިޔޭގެ އެހެން ގިނަ ޤައުމުތަކުގެ މިނިވަން މަޖިލީސްތަކުގެ ޖަލްސާތަކުގައި ހޭދަކުރާ ވަގުތާ އަޅާ ކިޔާލާއިރު ވަރަށް ކުޑައެވެ. މިހެންވުމާ އެކު ޤަރާރު ހުށައެޅުމަށް ބައިގަޑިއެއްހާއިރު ބޭއްވިދާނެއެވެ. ހުށައެޅޭ ޤަރާރަކަށް ވާހަކަ ދައްކަވާނެ މެމްބަރުން ކަނޑައަޅުއްވާނީ ޕާޓީތަކުގެ ލީޑަރުންނެވެ. މަޖިލީހަށް ހުށައެޅޭ ކޮންމެ މައްސަލައެއްގައި މަޖިލީހުގެ ހުރިހާ މެމްބަރުން ޚިޔާލު ފާޅުކުރެއްވުމަށް ފުރުޞަތު އެރުވޭނަމަ މަޖިލީހުން ކަންކަން ނުނިމި ވަރަށް ލަސްވާނެއެވެ.
ކުރިން ވެސް ދެންނެވި ފަދައިން ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިއްމު މަސައްކަތަކީ ޤާނޫނު ހެދުމެވެ. މި މަސައްކަތްކުރުމުގައި ވެސް މިހާރު އޮންނަ އުޞޫލަށް ބަދަލެއް ގެނެވެންޖެހެއެވެ. އަމިއްލަ މެމްބަރުންގެ ބިލް ހުށައެޅުމުގައެވެ. އަމިއްލަ މެމްބަރުންނަށް ބިލް ހުށައެޅެންވާނީ ވަކި ހުދޫދެއްގެ ތެރޭގައެވެ. އިޖްތިމާއީ ކަންކަމުގައެވެ. ޚާރިޖީ ސިޔާސަތާ ބެހޭ ގޮތުންނާއި ދާޚިލީ ސިޔާސަތާ ބެހޭގޮތުންނާއި މާލީ ސިޔާސަތާ ބެހޭގޮތުން އަމިއްލަ މެމްބަރުންނަށް ބިލް ހުށައެޅުމުގެ ފުރުޞަތު އެހެން ޤައުމުތަކުގައި ވެސް ނުއޮވެއެވެ. އެފަދަ ބިލްތައް ހުށައެޅުމުގެ ފުރުޞަތު އޮތުމުން ޤާނޫނު ހެދުމުގެ ވަރަށް ގިނަ ވަގުތު ބޭކާރުވެގެން ދާނެތީވެއެވެ. ވެރިކަންކުރާ ފަރާތުން އެފަދަ ބިލްތައް "މަރާލާނެ"ތީވެއެވެ. ކަންކަމުގައި ޤައުމީ ސިޔާސަތު ރާވައި އެކުލަވާލުމަކީ ވެރިކަންކުރާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. އެފަދަ މައްސަލަތައް ބިލެއްގެ ސިފައިގައި މަޖިލީހަށް ހުށައެޅުމުން، އެއާ މެދު ބަހުސްކުރައްވާ، މަޖިލީހަށް ފެންނަ އިޞްލާޙެއް ގެންނަވައި، އެ ބިލެއް ޤާނޫނަކަށް ހެއްދެވުން ނުވަތަ މަޖިލީހުން ބޭރުކުރެއްވުމުގެ ފުރުޞަތު މަޖިލީހަށް އޮންނާނެއެވެ. އަޅުގަނޑު މިދެންނެވި އަމިއްލަ މެމްބަރުންގެ ބިލްގެ ތެރޭގައި މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުތަކަށް މެމްބަރުން އަމިއްލަފުޅަށް އިޞްލާޙް ހުށައެޅުން ނުހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ އިޢްލާނު ކުރުމަށްފަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަންވާނީ އަލަށް ހޮވުނު މަޖިލީސް ހުވާކުރުމަށް ފަހުގައި ކަމުގައި ގަވައިދުގައި ލިޔެވެންޖެހެއެވެ. މިހާރު އަމަލުކުރަމުންދާ ގަވައިދުގައި އެކަހަލަ މާއްދާއެއް ނެތުމުން، އިންތިޚާބުގައި ރައްޔިތުންގެ ރުހުން ނުލިބި ތިއްބެވި މެމްބަރުން ވެސް ރައްޔިތުންގެ ފަރާތުން ބަސް ވިދާޅުވެ ރައްޔިތުން ތަމްސީލު ކުރައްވަމުން ގެންދެވިތަން ނިމިގެން ދިޔަ މަޖިލީހުން ފެނިގެންދިޔައެވެ. މިއީ ވަރަށް ތާކުންތާކު ނުޖެހޭ، ބުއްދި ގަބޫލުކުރަން އުނދަގޫ، އަދި ޤާނޫނީ މައްސަލަތަކެއް ވެސް ކުރިމަތިކުރެވިދާނެ ކަމެކެވެ. ރަނގަޅު ވާހަކައެކެވެ. އެބޭފުޅުންގެ ދައުރު ހަމައެއްނުވެއެވެ. ޤާނޫނީ ގޮތުން އެބޭފުޅުންގެ ދައުރު ހަމަނުވާތީވެ، މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އެބޭފުޅުންނަށް ލިބިވަޑައިގަންނަވަންޖެހޭ ހުރިހާ އެއްޗެއް ލިބިވަޑައިގަންނަވާނެއެވެ. ހަމައެކަނި ގެއްލޭނީ ރައްޔިތުންގެ ފަރާތުން ބަސްބުނުމުގެ ފުރުޞަތެވެ. ރައްޔިތުންގެ ފަރާތުން އާނބަސް ބުނުމުގެ ފުރުޞަރު ނުވަތަ ނޫން ބަސް ބުނުމުގެ ފުރުޞަތެވެ.