ތިރީގައިވާ ވާހަކަކޮޅަކީ 'ތާފިހު (އެއްވެސް އަގެއް ނެތް) ކަންކަމުގެ ގޮތް' [ދަ ބުކް އޮފް ބޭނަލިޓީ] މި ފޮތުން ނެގިފައިވާ ވާހަކަކޮޅެކެވެ. މި ފޮތުގައި މިއަދުގެ ވަރަށް ބޮޑު ހަގީގަތެއްގެ ވާހަކަ ލިޔެފައި ވެއެވެ. ތާކުންތާކު ނުޖެހޭ ކަންކަމީ މީހުންގެ ސަމާލުކަން ލިބި މޮޅެތި ކަންކަމުގައި ވެއެވެ. މިސާލަކަށް ފިރިހެނަކު އަންހެނަކަށް ހެދިގެން ފާޑުފާޑަށް އަންހެންދުޅާ ހަރަކާތް ކުރުމަކީ ވެސް މީހުންގެ ސަމާލުކަން ލިބި، އެ މީހާއަށް 'ފޭނުން’، އެމީހާއާ އިންތިހާއަށް ގަޔާވާ ބަޔަކު ލިބޭ ކަމެވެ. މީސްމީޑިޔާގެ ދުވަސްވަރުގެ ކުރީގައި މިފަދަ ކަންކަމީ އެކަމަށް ސަލާމަތް ބުއްދީގެ އެންމެންހެން އިންކާރުކޮށް، އެކަމާ ނަފުރަތުކުރާ ކަންކަމެވެ.
މި ނަންގަތް ފޮތުގައި ފޮތުގެ މުސައްނިފު، ކެނެޑާގެ ލިޔުންތެރިއެއް ކަމަށްވާ އެލަން ޑޯނޯ ލިޔެފައި އޮވެއެވެ، "ތާފިހު މީހުން (އަޚުލާގީ ހަމަތަކުން ބަލާއިރު، އެއްވެސް އަގެއް ނެތް ދަށުދަރަޖައިގެ އަމަލުތައް ކުރާ މީހުން)، މިއަދު، އަޚުލާގީ ހަނގުރާމަ، ކާމިޔާބުކޮށް، އެ މީހުން އެދޭ ގޮތަށް ކަންތައްކުރެވޭ ގޮތް ހަދައިފިއެވެ. ޒަމާން ބަދަލުވެއްޖެއެވެ. ހައްގާއި އަގުތަކުގެ ޒަމާނެވެ. އެހެނީ ތާފިހު މީހުން ހުރިހާ ކަމެއްގައި ހިފައިފިއެވެ. އެ މީހުންގެ ތާފިހު އަދި ފަސާދަ ގޮތްތަކާއި އެކުގައެވެ. މާތް އަގުތަކާއި މަތިވެރި އުސޫލުތައް ނެތިދިޔުމުން، ރޭވިގެން ހިންގާލެވޭ ފަސާދަވެރި ދަށުދަރަޖައިގެ އަމަލުތަކަކީ މީހުންގެ ޛައުގަށް، ބަލަން ބޭނުންވާ ރަހައަށް، އެދޭ ކަންކަމަށްވެ، އަޚުލާގަކީ ވެސް އަގުތަކަކީ ވެސް އެކަންކަމަށްވެ، ފެންމަތިވެއްޖެއެވެ. ދެން، މި ޒަމާނަކީ އަޚުލާގީ ގޮތުން އެންމެ ދަށު ދަރަޖައިގެ މީހުން ރަސްކަންކުރާ ޒަމާނަށް ވެއްޖެއެވެ."
ދެން ހެއްޔެވެ؟ އަޚުލާގީ ގޮތުން މީހާ ދަށު ދަރަޖައަކަށް ވެއްޓި އެކަން އިތުރުވި ވަރަކަށް އޭނައަށް ތަބާވާ މީހުން އިތުރުވެ، އޭނަގެ މަޝްހޫރުކަން އިތުރުވެގެންދެއެވެ.
މިފަދަ ތާފިހު މީހުންނަށް، އެ މީހުން އެދޭ ކަންކަން ކޮށްދިނުމުގައި އަދުގެ މާސް މީޑިއާ ކާމިޔާބު ހޯދައިފިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ބޭރު ފުށުގެ 'ރީތި’ކަމެއް ހުރި އަންހެނެއް ވިޔަސް ނޫނީ ފިރިހެނެއް ވިޔަސް އެ މީހުންގެ މުޑުދާރު ގޮތްތައް އެހެން މީހުންގެ މައްޗަށް ހުށަހަޅާލެވި، ހިންގާލެވޭ ގޮތް ވެއްޖެއެވެ. މީސް މީޑިޔާގެ ތަފާތު މިންބަރުތައް މެދުވެރިކޮށެވެ. މި ގޮތުން ހުށަހަޅާލެވޭ ހުށަހަޅާލެވުންތަކުގައި، އެއީ މަންޒަރު ކަމުގައި ވިޔަސް ނޫނީ ވާހަކަތައް ކަމުގައި ވިޔަސް، އޭގައި އެއްވެސް ހަގީގީ ފައިދާއެއް އަގެއް ނޯވެއެވެ.