އިސްރާއީލުގެ ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެއަށް އެތެރެވިޔަ ނުދޭން ކުރާ މަސައްކަތް ނާކާމިޔާބު ވެއްޖެ ކަމަށް ޔަހޫދީންގެ ނޫހަކުން ރިޕޯޓްކޮށްފިއެވެ.
ޣައްޒާގައި އިސްރާއީލު ސިފައިން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ދެކޮޅު ހެދުމުގެ ގޮތުން އިސްރާއީލުގެ ޕާސްޓްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ނާކާމިޔާބު ވާނީ މި ގޮތަށް ހަމަޖައްސައިފި ނަމަ "އަރަބި-އިސްރާއީލު"ގެ ދެ މިލިއަން މީހުންނަށް ރާއްޖެ ނާދެވޭނެތީ ކަމަށް ޖުވިޝް ކްރޮނިކަލް ނޫހުން ބުންޏެވެ. މި ނޫހަކީ 1841 ވަނަ އަހަރު ގާއިމު ކުރި ނޫހަކަށް ވާތީ، މި ނޫހުން ބުނަނީ މި ނޫހަކީ މިހާރު ދުނިޔޭގައިވާ އެންމެ އުމުރުން ދުވަސްވީ ޔަހޫދީ ނޫސް ކަމަށެވެ.
އަރަބި-އިސްރާއީލު މީހުންނަށް ރާއްޖެ ނުވަދެވޭނެކަން އެނގުމުން އިސްރާއީލު ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް މިހާރު "މަޑުޖައްސައިލައިފައިވާ" ކަމަށް އެ ނޫހުން ބުންޏެވެ.
"މުސްލިމުން ގިނަ ޖަޒީރާގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އޭނާގެ ކެބިނެޓުން ކުރިން ވަނީ ގާނޫނު ބަދަލުކޮށްގެން އިސްރާއީލު މީހުންނަށް ނުވަތަ ދެ ގައުމުގެ (ފަލަސްތީނާއި އިސްރާއީލުގެ) ޕާސްޕޯޓް ގެންގުޅޭ މީހުންނަށް ރާއްޖެ ނުވަދެވޭނެ ގޮތަށް ގާނޫނު ބަދަލު ކުރަން ރާވައިފައިވާ ކަމަށް،" ނޫހުގައި ލިޔެފައިވެއެވެ.
އެ ނޫހުން އިތުރަށް ބުނީ މިދިޔަ ހަފުތާގައި ރާއްޖޭގެ ބަންޑާރަނައިބު އަހްމަދު އުޝާމް އަރަބި-އިސްރޭލު ރައްޔިތުންނަށް ނިސްބަތް ކުރައްވާ ވިދާޅުވި ބަހަކީ "ފަލަސްތީނު ރައްޔިތުން" ކަމަށެވެ. އަދި މިހެންވެ އިސްރާއީލުގެ ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެއަށް ނުވަދެވޭ ގޮތަށް ރާއްޖޭގެ ގާނޫނު ބަދަލު ކުރުމުން އުޝާމް ނިސްބަތް ކުރައްވާ "ފަލަސްތީނު ރައްޔިތުންނަށް"ވެސް ރާއްޖެ ނުވަދެވޭނެތީ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ.
"އެންމެ ބޮޑު ކަންބޮޑުވުމަކީ ވަރަށް ގިނަ ފަލަސްތީނު ރައްޔިތުންގެ އަތުގައި އިސްރާއީލު ޕާސްޕޯޓު އޮތުމާއި މިއީ މިލިއަނުން ގުނާލެވޭ އަދަދެއްގެ ފަލަސްތީނު ރައްޔިތުން ކަމަށާއި ގާނޫނު ބަދަލުކޮށްފައި އެ ހުރިހާ އެންމެންނަށް އެކީއެކައްޗަކަށް ރާއްޖެ ނުވަދެވޭ ގޮތް ހަދައިފި ނަމަ ދެން ވާނީ ކިހިނެތްކަން،" މި ސުވާލު އުޝާމް ކުރެއްވި ކަމަށް އެ ނޫހުން ބުންޏެވެ.
ނޫހުން އިތުރަށް ބުނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވަނީ ގާނޫނު ބަދަލު ކުރަން މަޖިލީހަށް ހުށަހެޅި ބިލް "ފާޑުވެރިގޮތެއްގައި ދިރާސާ ކުރައްވައިފައިވާ" ކަމަށާއި މި ބިލް އަމާޒުކޮށްފައިވަނީ އިސްރާއީލުގެ ޔަހޫދީންނަށްކަން ފާހަގަ ކުރެވޭ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
"އިސްރާއީލުގެ ރައްޔިތެއް ރާއްޖެއަށް ނާދެވޭނެ ގޮތް ހެދުމުން އޭގެ މާނައަކީ އަހަރެމެން މި ބުނަނީ ޔަހޫދީންނަށް ނާދެވޭނެކަން" ކަމަށް ގާސިމް ވިދާޅުވި ކަމަށް ނޫހުގައި ލިޔެފައިވެއެވެ.
"އެހެންކަމުން، އެ މީހުން (ޔަހޫދީން)އަކީ މާތް ﷲ ބާއްވައިލެއްވި ދީނެއްގައި ހިމެނޭ ރަސޫލުންނަށް ތަބާވާ ބަޔަކަށްވާތީ ޔަހޫދީން ރާއްޖެ އެތެރެ ނުވެވޭ ގޮތް ހެދުމުގެ ފުރުސަތާމެދު އަހަރެމެން ވަރަށް ފުންކޮށް ވިސްނައިލަން ޖެހޭ. އަދި މި މޭރުމުން ބަލައިފި ނަމަ، އެ ކަމާމެދު ވަރަށް ފަރުވާތެރި ކަމާއެކު ބަލަންޖެހޭ،" ގާސިމް ވިދާޅުވި ކަމަށް ޖުވިޝް ކްރޮނިކަލް ނޫހުގައި ލިޔެފައިވެއެވެ.
ރާއްޖެއަށް އިސްރާއީލު ރައްޔިތުން ނުވަދެވޭ ގޮތް ހަދަން ރާއްޖެއިން ނިންމީ ރާއްޖޭގެ އިދިކޮޅު ޕާޓީތަކާއި ސަރުކާރުގެ ކޮޅުގައި ތިބި ފަރާތްތައް ވެސް މި 100 ޕަސެންޓް ސުންނީ މުސްލިމް ގައުމުގައި އެ ގޮތަށް ކަންތައް ކުރަން ފެންނާތީ ކަމަށް އެ ނޫހުން ބުންޏެވެ. ސަބަބެއް ކަމަށް ދައްކައިފައިވަނީ އިސްރާއީލާ ހަމާސް އާދެމު ހިނގަމުންދާ ހަނގުރާމަ ކަމަށް އެ ނޫހުން ބުންޏެވެ.
ނޫހުން ބުނީ ގާތްގަނޑަކަށް 528 އިސްރާއީލު ރައްޔިތުން މިއަހަރުގެ ޖަނަވަރީ މަހާއި އެޕްރިލް މަހާ ދެމެދު ރާއްޖެއަށް ޒިޔާރަތްކުރި ކަމަށެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި އިސްރާއީލުގެ 4،644 ރައްޔިތުންނާ އަޅާބަލާއިރު މަދު އަދަދެއް ކަމަށް ދިވެހި ސަރުކާރުގެ ތަފާސްހިސާބުން ދައްކާ ކަމަށް އެ ނޫހުން ބުންޏެވެ.
މިދޔަ އަހަރު ގާތްގަނޑަކަށް 11،000 އިސްރާއީލު ރައްޔިތުން ރާއްޖެއަށް ޒިޔާރަތްކުރި ކަމަށާއި އެއީ ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ އަދަދުގެ ތެރެއިން 0.6 ޕަސެންޓްގެ ނިސްބަތެއް ކަމަށް އެ ނޫހުން ބުންޏެވެ.