ލަވަޔަކީ 2005މ. ގައި ގ.ދ.ތިނަދޫ "ކޮމްބޯ ބޭންޑް" އިން ނެރުނު "ފަތެވަރެ" އަލްބަމްގައި ހިމެނުނު ލަވަޔެކެވެ. ގ.ދ. ތިނަދޫގައި ތަޢުލީމީ ދާއިރާގައި ވަރަށް ޚިދުމަތްތެރި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ، އަދި އެއިރުވެސް ހަމަ އެ ދާއިރާގައި ހަމަ އެހައި ޚިދުމަތްތެރިކަމާއެކު އުޅުއްވި، އަޅުގަނޑުގެ އަޚު މުޙައްމަދު ޢަޖީބުގެ އަމިއްލަފުޅު ރާގަކަށް ހެދިގެން، އަލްއަޚް ޢަލީ ރަމީޒުގެ ޖާދުވީ އަޑުން ވިރުވައި އަޅައިލެވުނު ލަވަޔެކެވެ. ލަވައިގައި ބޭނުންކުރެވިފައިވާ ޅެމަކީ، މިދެންނެވި ބޭންޑުގެ ކަންކަން އިސްކޮށް ހިންގަވަން އެއިރު ހުންނެވި، އަޅުގަނޑުގެ ޚާއްޞަ އަޚް ނާޒިމްގެ އެދިވަޑައިގަތުމަކަށް އަޅުގަނޑު ހެދި ޅެމެކެވެ.
"ފިޔަ ރީތި ނަލަވި މުނިޔާ" މި ޅެން ލަވަޔެއްގެ ސިފައިގައި ވުޖޫދަށް އައުމާ ވިދިގެން އެ ޅެން ވެސް ޅެމުގެ ގިންތީންނާއި ފަންތީން ބައެއް މާޙައުލުގައި ވަކިވެ، ފަރިއްސަކަށް ވެއްޖެއެވެ. ނުވަތަ ކޮންމެވެސް ބަޔަކު އެ ޅެން ފަރިއްސަކަށް ހަދައިގެން ކިޔާން ވެސް ފަށައިފިއެވެ. މިހައިރަކަށް އައިސް ރާއްޖޭގައި މަޤުބޫލު "ކަރޯކޭ" ކިޔާ ތަންތާނގައި އެ ޅެމުގެ ލަފުޒުތަކަށް ބަދަލު ގެނެސްގެން ކިޔައި ހެދުމުގެ ސަބަބުން ޅެމުގެ ޙަޤީޤީ މާނަވެސް އޮޅޭ ހިސާބަށް ހިނގައްޖެއެވެ. އެހެން ނަމަވެސް، ފަރިއްސަކަށް ވީ މި ޅެން ވިދާޅުވާ އެންމެ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަމެވެ.
ކަން އެހެން އޮވެމެ، އަޅުގަނޑު މިތާނގައި ކޮށްލާން ޤަޞްދުކުރާ މަސައްކަތަކީ "ފިޔަ ރީތި ނަލަވި މުނިޔާ" މި ޅެމުގެ އަސްލު މިތާނގައި ލިޔެލުމާ އެކު، ޅެމުގެ ކޮންމެ ބައިތެއްގެ މާނަ ލިޔެލުމެވެ. އަދި، އޭގެ ފަހުން، ޅެމުގެ ޖުމުލަ މާނަ ހިމެނޭ ޚުލާޞާޔެއްވެސް، ސުވާލުތަކެއްގެ ސިފައިގައި ނަމަވެސް، މިތާނގައި ލިޔެލުމެވެ. އެކަމަކު، އޭގެ ކުރީން ދަންނަވައިލާން ބޭނުން ވާހަކަޔެއް ވެސް އެބަ އޮތެވެ. އެއީ، ދިވެހި ޅެންވެރިކަމުގެ ތެރޭގައި ހިމެނޭ ބާވަތެއް ކަމުގައި ހިމެނޭ "ޅެން" މި ބާވަތުގައި ހިމެނޭ ބައެއް ސިފަތައް ކަމުގައިވާ، ވަޒަނާއި، ކާފިޔާޔާއި، ބަނޑުވައްއަކުރާއި (ނުވަތަ ބައެއް ބޭފުޅުން ވިދާޅުވާނޭ ގޮތަށް، ބަނޑުވައްއަޑާއި)، ދެންވެސް އެ މަގުން ހުންނާން ޖެހޭ ބަހާތައް މި ޅެމުގައި ހުރި ނެތް ގޮތަށް ވެސް ތިޔަ ބޭފުޅުން ބައްލަވައިލެއްވުން އެދޭ ވާހަކަޔެވެ. އެޔަށް ފަހު، ދެން ފަށަމާތޯއެވެ!
ޅެމުގެ ފުރަތަމަ ބައިތު، ނުވަތަ ޅެން ލަވަޔަކަށް ހެދީމައި މައިގަނޑަށް ވާ ބައި ފެށެނީ ކޮންމެވެސް މީހަކު މުނިޔާޔަކާ މުޚާޠަބް ކޮށް ބުނާ އެއްޗަކުންނެވެ. މުނިޔާޔަކީ އަޑު ރީތި، ކުޑަ ދޫންޏެއް ކަމަށް ދިވެހީން ކިޔައި އުޅެއެވެ. ޅެމުގެ ބާވަތަށް ބަލާއިރު، ޅެމުގައި މި ބުނާ މުނިޔާޔަކީ މަޖާޒީ މުނިޔާޔަކަށް ވުން ވަރަށް ގާތެވެ. ޒުވާން އަންހެން ކުއްޖަކަށް ވުން ވެސް ހަމަ އެހައި ގާތެވެ. އަދި ހަމަ އެޔާ އެކު، އެ މަޖާޒީ މުނިޔާގެ ފިޔަ ރީތިވުމުން ދެން އެ ވާ ގޮތް މިހައިރު އެންމެ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ހީކުރަމެވެ.
ކޮންމެއަކަސް، މުނިޔާޔާ މުޚާޠަބްކުރާ މީހާ މުނިޔާޔާ ކުރަނީ ސުވާލެކެވެ. ވީ ގޮތެއް އަންގައިވެސް ނުލައި މުނިޔާ ކޮންމެވެސް ތާކަށް ދިޔަ ވާހަކައެވެ. މުނިޔާ ވީ ތަނެއް، ދިޔަ ތަނެއް ވެސް ނޭނގޭ ވާހަކައެވެ. މުނިޔާ އެ ތަނެއްގައި ބައިންދައިފައި އިން ހިޔާ، ނުވަތަ ފުރިހަމަ އަޅައިލުމާއި ޙިމާޔަތުގައި އިން ތަން ނޫން ރަނގަޅު އެހެން ތަނެއް އަޅެ ކޮބައިހޭ، އެ ކަމާ މެދު ފިކުރު ހިންގައިލައި ބަލައިލަ ބަލާށޭ، އެއިރުން މި ބުނާ އެއްޗެއް ވިސްނިދާނެޔޭ، ތިބާގެ ނަމުގައި މި ލަވަ ނުވަތަ ރާގު މި ކިޔަނީ އެހެން ވެޔޭ ބުނާ ވާހަކައެވެ.
ޅެމުގެ މި ބައިތު މިހައިރަކަށް އައިސް އެކި ތާ އެކި ގޮތަށް ލިޔެވިފައި ހުއްޓައިވެސް އެބަ ފެނެއެވެ. ވަކީން ޚާއްޞަކޮށް، "ވިޔަވާނެ" އަދި "ނިޔަނެތި" މި ދެ ލަފުޒު އެހެން ލަފުޒުތަކަކަށް ބަދަލުވެފައި ހުއްޓައި އެބަ ފެނެއެވެ. އެހެން ކަމުން، އެ ދެ ލަފުޒުގެ މާނަޔަށް އަލިއަޅުވައިލީމައި އެ މައްސަލަ ޙައްލުވާނޭ ކަމަށް ފެނެއެވެ. "ވިޔަވުން" މި ލަފުޒުގެ މާނަޔަކީ "އެނގުން" ނުވަތަ "އޮޅުންފިލުން" މިއެވެ. "ނިޔަނެތި" މި ލަފުޒުގެ މާނަޔަކީ "މަޑުމައިތިރި" ނުވަތަ "އަބުރުވެރި" މިއެވެ.
މި ބައިތުގެ މާނަޔަކީ، މިޔަ ތޫނު ޚަންޖަރެއް ފަދަ ތިޔަ ކަޅިރަވައިގެ ޖާދޫއިން އެތަކެއް ސަތޭކަ ("ހިޔަ" އަދި "ސައްތަ" މި ދެ ލަފުޒުގެ މާނަތަކުގެ ތެރެއިން ހިސާބުގެ ޢަދަދު ތަކަށް ނިސްބަތްވާ މާނަތައް ރަނގަޅު ރަދީފަކުން ބައްލަވައިލެއްވުން އެދެން) މީހުންގެ ހިތް ކަފައިގެން ނުދަނީސް ނުވަތަ އެ ހިތްތަކުގައި ޅިޔަ ނާޅަނީސް (މުނިޔާ ކުރީން އިން ޙިމާޔަތުގެ ހިޔަލަށް) އަވަހަށް އެނބުރި އަންނާށޭ އެވެ.
މި ބައިތުގެ މާނަޔަކީ، އަގު ބޮޑު ހުވަނދު ކަވައިގެން، ނުވަތަ ދުން ކަވާ ބީދައިން މީރުވަސް ދުވާ ސެންޓާއި އަތަރު ފަދަ އެއްޗިހި ގައިގައި އުނގުޅައިގެން ތިޔަ ގޮތަށް މަގުތައް މަތީ ހިނގައި އުޅޭ އިރު ހުނގާއި މާވަހަރާ ދޭތި އެކަތި އަނެއްކައްޗާ ނުއޮޅުވައި އުޅޭން ވާނެޔޭއެވެ. ހުނގަކީ ބައެއް ރާއްޖެތަކުގައި ކެއްކުމުގެ ތެރޭގައި ބޭނުންކުރާ އެއްޗެއް ކަމަށް ވިޔަސް، ދިވެހީންގެ ތެރޭގައި ދިވެހި ބޭހަށް ބޭނުންކޮށް އުޅޭ، ގަދަ ޒަވި ވަހެއް ހުންނަ އެއްޗެއް ކަމަށް ވެއެވެ. މާވަހަރުން ދުންއެޅީމައި އެ ހުންނަ މާތް މީރުވަސް ހުންނަ އެއްޗަކަށް ނުވެއެވެ. އެހެން ވީމައި، އެ ދޭތި އޮޅުވައިގެން ނުވާނެޔޭއެވެ. އަދި ހަމަ އެޔާއެކު، އެއްވެސް ޙާލެއްގައި ދަގުޔަށް ނުވެ (މުނިޔާ ކުރީން އިން ޙިމާޔަތުގެ ހިޔަލަށް) އަވަހަށް އެނބުރި އަންނާށޭ އެވެ. ދަގުޔަކީ މަޢުދަނީ ތަކެތި ވިރުވީމައި ބާކީ ވެފައި ހުންނަ ބޭކާރު ބަޔަށް ކިޔާ ނަމެކެވެ.
މި ބައިތުގެ މާނަޔަކީ، އޭ ސިފަޔާއި ރޫފަ ރީތި މުނިޔާޔާއޭ، މިހައިރު ތިޔަ އުޅޭ ގޮތަށް އުޅެނިކޮށް، ދިވެހި އަދަބީ ހަރު ބަހެއްގައި އެ އޮންނަ "އަލަގަހަކުން ކެޔޮ ނިރެއް ނުފަޅާނެޔޭ" (މާނަ: ނުބައި އެއްޗަކުން ރަނގަޅު އެއްޗެއް ނުއުފެދޭނެޔޭ ބުނުމަށް ބުނެއުޅޭ ބަހެއް.) އެ ބަހުގައި ނުވާނޭ ކަމަށް އެ ބުނާ ކަންތައް ވެ، އަލަގަހަކުން ސަންފާކެޔޮ ނިރެއް ފަޅައި، އެ ނިރުން ތިމާގެ އުރު ފަޅުފިލުވައިލާން މަޖުބޫރު ނުވަނީސް ބިރުވެތިވާށޭ، ފުރުޞަތު އޮއްވައި (މުނިޔާ ކުރީން އިން ޙިމާޔަތުގެ ހިޔަލަށް) އަވަހަށް އެނބުރި އަންނާށޭ އެވެ.
ޖުމުލަކޮށް ދަންނަވާ ކަމަށް ވަންޏާ، މި ޅެމަކީ ނުލާހިކު ރައްކާތެރި ރަނގަޅު މާޙައުލެއްގައި ދިރިއުޅެމުން ގެންދިޔަ ޒުވާން އަންހެންކުއްޖަކު އެ މާޙައުލު ދޫކޮށްލައިފައި، ދިޔަ ނުދިޔަ ތަނެއްވެސް ނުބުނެ ނިކުމެގެން ދިޔައިމައި އެ ކުއްޖަކަށް ދޭ ނަސޭހަތަކަށްވެސް ވެދާނެ، އެހެން ނޫންތޯއެވެ؟ ނިކަން ވިސްނައި ފިކުރުކޮށް ބަލާށޭ، ތިބާޔަށް މިޔަށް ވުރެ ރަނގަޅު ހިޔާވަހިކަމެއް އަދިއެއް ނެތެއް ނޫންހޭ، ލަނޑެއް ނުލިބެނީސް އަވަހަށް އެނބުރި އަންނާށޭ ބުނާ ބުނުމަކަށް ވެސް ވެދާނެ ނޫންތޯއެވެ؟ ތިބާގެ ތޫނު ކަޅިރަވައިގެ ޖާދޫގައި ޖެހިގެން އެތައް ބައެއްގެ ހިތް ކަތިނުލެވެނީސް އެނބުރި އަންނާށޭ ބުނާ ބުނުމަކަށް ވެސް ވެދާނެ ނޫންތޯއެވެ؟ މީރުވަސް ދުވާ އަތަރާއި ސެންޓު ޖަހައިގެން މަގުތަކުގައި ހިނގައި އުޅޭ އިރު، ފަހަރުގައި ކަން ދިމާވާ ގޮތަކުން ހެޔޮ އެއްޗެއް، ނުބައި އެއްޗެއް ވަކި ނުވެ، ދުނިޔޭގެ ހޫނުގައި މީހާ އަނދައި، ދަގުއި ކޮޅަކަށް ވެ، ބޭކާރު އެއްޗަކަށް ނުވަނީސް އަވަހަށް އެނބުރި އަންނާށޭ ބުނާ ބުނުމަކަށް ވެސް ވެދާނެ، ދެއްތޯއެވެ؟ އަދި ވަރަށް ދެރަ ގޮތެއް ދިމާވެގެން، ދިވެހި ހަރުބަހެއް އެކޮޅުކޮޅުން ޖެހި، މުސްތަޙީލު ކަމަށް ބުނާ ކަމެއް އެއީ ފަސޭހައިން ވާ ކަމަކަށް ވެ، އޭގެ ނަތީޖާ ތިމާ އުރައިގެން އުޅޭން ޖެހޭ ފަދަ ހިތާމަވެރި ގޮތެއް ނުވަނީސް (އެ ބުނާ އެއްޗެއްގެ މާނަޔާ މެދު ވިސްނާވަޑައިގަތުން ކީއްތޯއެވެ؟) އެ ކަމާ ބިރުގަނެ، އަވަހަށް އެނބުރި އަންނާށޭ، އަދި ފުރުޞަތު އެބަ އޮތޭ ބުނާ ބުނުމަކަށްވެސް ވެދާނެ، އެހެން ނޫންތޯއެވެ؟
"ފިޔަ ރީތި ނަލަވި މުނިޔާ" މި ޅެމުގެ ޙަޤީޤީ މާނަ މިހައިރު ދެން އެނގިވަޑައިގެންފި ކަމަށް އަޅުގަނޑު ހީކުރަމެވެ.