Support Us

އެމް.ޑަބްލިޔު.އެސް.ސީގެ "ފެނުން ދިރުން" ކުރެހުމުގެ މުބާރާތް، އިނާމު އެއް ލައްކަ ރުފިޔާ

"ފެނުން ދިރުން" ނަމުގައި އެމް.ޑަބްލިޔު.އެސް.ސީން ކުރެހުމުގެ މުބާރާތެއް އިފްތިތާހްކޮށްފިއެވެ.

ސަލްޓަން ޕާކުގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެއް ލައްކަ ރުފިޔާގެ އިނާމު ލިބޭ މި މުބާރާތް އިފްތިތާހް ކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަޙީދާއި އެމް.ޑަބްލިޔު.އެސް.ސީ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދެވެ.

މި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތަކުން އެންމެ މޮޅު ތިން ކުރެހުމަށް ވަނީ އިނާމު ހުށަހަޅައިފައެވެ.

އިނާމުތައް

1 ވަނަ 50،000ރ.
2 ވަނަ 35،000ރ.
3 ވަނަ 15،000ރ.

މީގެ އިތުރުން އެންމެ މޮޅު ފަސް ކުރެހުމެއް ހޮވައި އެ ކުރުހުންތަކަށްވެސް ފައިސާގެ އިނާމެއް ލިބިގެންދާނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުނެއެވެ. މި ފަސް ކުރެހުން ހޮވާނީ އާންމުންގެ މެދުގައި އެންމެ މަގުބޫލު ފަސް ކުރެހުމަށް ބެލުފަހުގައެވެ.

"ފެނުން ދިރުން" ކުރެހުމުގެ މުބާރާތް އިންސާފުކުރާނީ އެން.ސީ.އޭ އިން އެކުލަވާލައިފައިވާ، ކުރެހުމުގެ ފަންނުވެރީންގެ ފަނޑިޔާރުންގެ ޕެނަލަކުން ކަމަށް ވެސް އެމް.ޑަބްލިޔު.އެސް.ސީން ބުނެއެވެ.

"މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، 18 އަހަރުން މަތީ ކޮންމެ ބޭފުޅަކަށްވެސް ވަނީ ހުޅުވާލެވިފައެވެ. މިގޮތުން މި މުބާރާތުގެ ވެބްސައިޓް www.fenundhirun.mwsc.com.mv މެދުވެރިކޮށް ރަޖިސްޓަރކޮށް އަދި މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ލިބިގެން ދާނެއެވެ. މީގެ އިތުރުން މި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް އާންމުންނަށް ދައްކާލުމަށްޓަކައި ނެޝަނަލް އާރޓްސް ގެލަރީގައި ޚާއްސަ މައުރަޒެއް ޖުލައި މަހުގެ 27 އިން 30 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ." އެމް.ޑަބްލިޔު.އެސް.ސީގެ ބަޔާނުގައިވެއެވެ.

"މި މުބާރާތުގަައި ބައިވެރި ކުރެވޭ ކުރެހުންތައް އާންމުންނަށް ގަތުމަށް ހުޅުވާލައި ކުރެހުންތައް ވިއްކުމުގެ ފުރުސަތުވެސް އެގްޒިބިޝަންގައި ހުޅެވިގެން ދާނެއެވެ. މިގޮތުން، ކޮންމެ އާޓިސްޓަކަށް ކުރެހުމުގެ އަގުގެ 15% ލިބިގެންދާނެއެވެ. އަދި ބާކީ %85 ބޭނުން ކުރެވޭނީ ކުރެހުންތެރިންގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމަށެވެ. އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި މުޖުތަމަޢަށް ފައިދާ ކުރުވާ ފަދަ ޙަރަކާތްތަކެއް ހިންގުމެވެ. އަދި، މި ފަދަ ޙަރަކާތްތަކުން ފަރުދީ ޒިންމާ އިތުރުވެ ފަހި މާދަމާއަކަށް މަގުފަހިވެގެންދިއުމެވެ."