Support Us

ކެޔޮނިރު ކޮލަމް

އެގަހު ކޭލެއް މިގަހު ކޭލެއް ނޭނގޭ ސިޔާސީ މައިދާން!

މިޤައުމުގައި ސިޔާސީ ވާހަކަ ދެއްކުމަކީ މިހާރު މޮޔަ ކަމެކެވެ. ހައްގުގެ މަގުގައި ހުރީ ކާކު ކަމެއް، ގޯހީ ކާކު ކަމެއް ނޭނގެއެވެ. އެގަހު ކޭލެއް މިގަހު ކޭލެއް ނޭނގެއެވެ. އެއްދުވަހު އިދިކޮޅުގަ ހުންނަ މީހާ އަނެއް ދުވަހު ފެންނަނީ އެއްކޮޅުގަ ހުންނަ ތަނެވެ. ސިޔާސީ މީހުންގެ ކަމަކީ ޑީލް ހެދުމެވެ. ލަދުގަންނަން ޖެހެނީ އާހިރުގައި ލިއުންތެރީންނާއި އާއްމު ރައްޔިތުންނެވެ.

އިއްޔެ "ބްރޯ" އޭ ކިޔައިގެން އެމް.ޑީ.ޕީ މީހުން ލައުނަތް ދިން އަދީބަކީ މިހާރު ރައީސް ސޯލިހާއި ޑީލް ހައްދަވައިގެން ހުންނެވި ބޭފުޅެއް ކަމަށް އަޑު އިވެއެވެ. ރައީސް ނަޝީދާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލާއި ދެމެދު އުފެދިފައިވާ ދެބަސްވުމުގައި ފައްޔާޒަށް އެކި ގޮތްގޮތުން ބާރުވެރިވަނީ އެއްކަލަ "ބްރޯ" އަދީބު ކަމަށް ވެސް ވާހަކަ ދެކެވެއެވެ.

މިއޮއް ހުރިހާ ދުވަހު އެތައް ބަޔަކު އެފަރާތަކަށް ލައުނަތް ދިން ރައީސް ޔާމީނު ކޮބައިތޯއެވެ؟ އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ ރައީސް ޔާމީނުގެ "ހިޔާނާތުގެ" ހުރިހާ ހެއްކެއް ހުރި ކަމަށާއި، ދިގު މުއްދަތަކަށް ޖަލުގައި ހުންނަވަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު މިފެންނަނީ ރައީސް ޔާމީނު ސިޔާސީ ޕާޓީ ހައްދަވައިގެން އަލުން ސިޔާސީ މަސައްކަތް ފައްޓަވާފައިވާ ތަނެވެ. ދައުވާއެއް ސާބިތު ކުރެވުނީ އެންމެ އެއް މިލިއަން ޑޮލަރުގެ މައްސަލައަކަށެވެ. ރޮލެކްސް ގަޑިއޭ ކިޔައިގެން ކޮރަޕްޝަނުގެ ތުހުމަތު އެޅުވި އަހުމަދު ނިހާނަކީ މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިއެއް ކަމުގައިވާ ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅެކެވެ. ކޮރަޕްޝަނުގެެ އެކި ތުހުމަތުގައި އެމް.ޑީ.ޕީ އިން އެންމެ ގަދައަށް އިނގިލި ދިއްކުރި އަބްދުއްރަޙީމް (އަދުރޭ) އަކީ އިދިކޮޅު ޕީ.އެން.ސީގެ ރައީސެވެ. އެއްވެސް ދައުވާއެއް ނުކުރެވެއެވެ. ލަގްޒަރީ އެޕާޓްމެންޓާއި ރޮލެކްސް ގަޑިއާއި އެތައް މިލިއަން ޑޮލަރުގެ ހިޔާނާތާ ގުޅުވައިގެން ޔަޤީން ކަމާއިއެކު އެމް.ޑީ.ޕީގެ އިސްވެރީން ދެއްކި ވާހަކަ އަކީ ތެދެއް ނަމަ އަބްދުއްރަޙީމަށް ދައުވާ ނުކުރެވި ސިޔާސީ މައިދާނުގައި އެހުންނެވެނީ ކީއްވެގެން ބާވައެވެ؟

އެމް.ޑީ.ޕީގެ ރައީސް، މުހައްމަދު ނަޝީދުގެ ބޮލުގައި "ލާދީނީ" ތާޖު އެންމެ ގަދައަށް އެޅުއްވި އެއްބޭފުޅަކީ އަދާލަތު ޕާރޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ. ނަމަވެސް އެދެބޭފުޅުން ވެސް މިހާރު ނިސްބަތް ވަނީ ކޯލިޝަން ސަރުކާރަށެވެ. އެކުގައި ޖަލްސާތަކުން ހިނިތުންވެ ސަލާމް ކުރައްވަމުން އެހެރަގެން ކުރިއަށް ވަޑައިގަންނަވަނީއެވެ. ޝެއިހް އިމްރާން އަރިހު އަޅުގަނޑު ދަންނަވާލަން ހަމަ ބޭނުންވެއެވެ: ރައީސް ނަޝީދު މިހާރު ދީނީ ވީތޯއެވެ؟ ނުވަތަ އަދިވެސް ހަމަ ލާދީނީތޯއެވެ؟

ޑިކްޓޭޓަރުގެ ގޮތުގައި އެމް.ޑީ.ޕީއިން ސިފަކުރި ރައީސް މައުމޫން ވެސް މިއަދު މިފެންނަނީ ރައީސް ނަޝީދާއި އެކު އެއް ކޯލިޝަންއެއްގައި ހިމެނިފައިވާ ތަނެވެ. އެމް.ޑީ.ޕީގެ ޖަލްސާ ތަކުގައި "ތިޔައީ ޒައީމެ އަދު ލޮބުވެތިވި ދިވެހި ޤައުމު ފަހުރުވެރިވާ"ގެ ލަވަ ޖަހައިގެން ރައީސް މައުމޫނަށް މަރުހަބާ ދެންނެވޭ ތަނެވެ. އަޅެ، އެގަހު ކޭލެއް މިގަހު ކޭލެއް އެބަ އެނގޭތޯ އެވެ؟

ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލާގައި ޖަލުގައި ހުންނެވި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަކީ ވެސް އިދިކޮޅު ފަރާތްތަކުން ގިނަގުނަ ފާޑުކިއުންތަކެއް އަމާޒުކުރި ބޭފުޅެކެވެ. މިއަދު އަދީބުވެސް ސިޔާސީ ޕާރޓީއެއް އުފައްދަވައިގެން ކުރިއަށް ދަނީއެވެ. އަދީބުއަށް ޖަލު ހުކުމެއް އައީ ނަމަކަށެވެ. އަނގަ ހުތްވެފަ ބަލަން ތިބެން މިޖެހެނީ އާއްމު ރައްޔިތުންނެވެ. ހިތާމައަކީ އެމް.ޑީ.ޕީގެ ގިނަ މީހުންނަށް ވެސް މި ބޮޑު މަންޒަރު ނުވިސްނޭ ކަމެވެ. އަދި އެހެން ޕާޓީ ތަކުގެ ގިނަ މީހުންނަށް ވެސް ހަމަ ނުވިސްނޭ ކަމެވެ.

އެއްކަލަ ޕީ.އެސް.އެމްގެ އިކްރާމް އާއި ހަލީލް ކޮބައިތޯ އެވެ؟ ކުށެއް ކުރިނަމަ ގައިމު މިހާރު އޮންނާނީ ދައުވާ ކުރެވިފަތާއެވެ! އެއްކަލަ ޕީ.ޖީ ބިޝާމް ކޮބައިތޯ އެވެ؟ ރައީސް ޔާމީނުގެ ވެރިކަން ނަގަހައްޓަން އެންމެ ފަހުނޭވާއަށް ހަރަދުކޮށް މަސައްކަތްކުރި، ޗަމްޕާ އުއްޗު ފަދަ، މަހުޖަނުން ކޮބައިތޯއެވެ؟ މިއަދު މިފެންނަނީ ހަމަ އެމަހުޖަނުން ރައީސް ސޯލިހްގެ ދެފަރާތްޕުޅުގައި، ޖަލްސާ ތަކުގައި ތިއްބަވާ ތަނެވެ. ހުތްވާނީ ހަމަ އާއްމު ރައްޔިތު މީހާގެ އަނގައެވެ. ކާމީހުން ހުރިހާ ދައުރެއްގައި ކަނީއެވެ. މިއީ ފަހެ އެއްބައެއް ނޫންތޯ އެވެ؟

ރައީސް ޔާމީނުގެ ވެރިކަން ކުރިއަރުވަން ފައިސާ ގޯނި އުފުލައިގެން ރިޝްވަތު ދިން ކަމަށް އެއްބަސްވި މީހުންވެސް މިއަދު މިފެންނަނީ ވެރިކަން ކުރާ ކޯލިޝަންގެ މެމްބަރުންގެ ގޮތުގައި، ނަމުގެ ކުރިއަށް "އިއްޒަތްތެރި" ލައިގެން ފާޓުފުޅާ ކޮށް ހިނގާ ތަނެވެ. ރައްޔިތުމީހާ ހުރީ ހަމަ ކުރިއެކޭ ވެސް އެއްގޮތަށް ނިކަމެތިކަމުގައެވެ. ރައީސް ޔާމީނުގެ އަނބިކަނބަލުން، މެޑަމް ފާތުންއަށް މާސް ޗޮކްލެޓް ޕާރސަލް ކޮށްދޭން އުޅުނޭ ކިޔައިގެން އަޑުއެރުވި މެމްބަރުންވެސް މިއަދު ގޮސް ކޯލިޝަންގެ މެމްބަރުންގެ ގޮތުގަ އާއި އަދީބް ޕާޓީގެ މެމްބަރުންގެ ގޮތުގައި އުދުހެނީ އެވެ. އެފަދަ މެމްބަރުންގެ ބޮލުގައި ކޮރަޕްޝަނުގެ އިލްޒާމް އަޅުވަމުން ހަޅޭއްލެވި ރައްޔިތުން މިއަދު ތިބެން މިޖެހުނީ ހަމަ ރަނގަޅަށްވެސް ރޭރުވެފައެވެ.

އެފް.ޕީ.އައި.ޑީގެ ހިޔާނާތޭ ކިޔައިގެން އެންމެ ގަދައަށް ލިއުއްވި ރައީސް ނަޝީދު ވެސް މިއަދު މިފެންނަނީ އިލްޔާސް އިބްރާހިމަކީ ޤައުމީ ބަތޮލެއްގެ ގޮތުގައި ސިފަ ކުރައްވާ ތަނެވެ. ރައީސް ޔާމީނުގެ ވެރިކަން ނޭވާހޮޅިއަށް އެޅުނުއިރުވެސް ޔާމީނުގެ ވެރިކަން ދަމަހައްޓަން އެންމެ މަސައްކަތް ކުރެއްވި އެއް ބޭފުޅެއް ކަމުގައިވާ އަލްހާން ފަހުމީވެސް މިހާރު މިފެންނަނީ ޤާސިމް އިބްރާހިމް އާއި ރައީސް ސޯލިހްގެ އަރިސް ބޭފުޅެއްގެ ގޮތުގައެވެ. މީ ހަމަ އެއްބައެކެވެ. އެއް މަސްހުނިގަނޑެކެވެ. އެކިފަހަރު އެކި ގޮތަށް މޮޑުނަސް ހަމަ އެއްޗަކީ އެއް މަސްހުނި ގަނޑެކެވެ.

މަޖުލީހުގެ ތަޅުމުގައި މާރިޔާ އަށް ޖޯކު ޖައްސަވައި "ބޫމް ބޫމް" އޭ ވިދާޅުވި އަލީ ވަހީދު ޑީ.އާރ.ޕީ އިން އެމް.ޑީ.ޕީ އިން އައިސް ޖުމްހޫރީ ޕާޓީއާ ގުޅި، އަލީވަހީދާއި މާރިޔާ، ސަރުކާރު ކެބިނެޓްގެ މުހިއްމު ދެ މިނިސްޓަރުންގެ ގޮތުގައި ދާދި ފަހަކާ ޖެހެންދެން ތިއްބެވި އެވެ. ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް، ވެރިކަން ފެށެނީ ވެސް އަދި ނިމެނީވެސް ރައްޔިތުންނާ ހަމައިންނޭ ބުނެ ރައްޔިތުން ހައްދަނީއެވެ. ވެރިކަމުގެ ލައްޒަތާއި، ޤައުމުގެ ހަޒާނާގެ ފޮނިމީރުކަން ލިބެނީ ހަމަ އެއްބަޔަކަށެވެ.

އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާއި 2023 ގެ ރިއާސީ އިންތިހާބްގައި ހެދޭނީ ކޮން ފަދަ ޑީލް ތަކެއް ކަމެއްވެސް ނޭނގެއެވެ. ރައީސް ޔާމީނާއި އަދީބު ގުޅިވަޑައިގަތަސް، ނުވަތަ ޤާސިމް އާއި ރައީސް ޔާމީނު ގުޅިވަޑައިގަތަސް ނުވަތަ ރައީސް މައުމޫނާއި ރައީސް ޔާމީނު ގުޅިވަޑައިގަތަސް ނުވަތަ އަދީބާއި ރައީސް ސޯލިހާ ގުޅިވަޑައިގަތަސް ހައިރާންވާނެ ބަޔަކު ނުތިބޭނެއެވެ. ރާއްޖޭގެ ސިޔާސީ މަދާނަކީ މިހާރު ކަސްބީ އަންހެނުންގެ "ރެޑްލައިޓް ޑިސްޓްރިކްޓެއް" ފަދަ ތަނެކެވެ. ކޮންމެ މީހަކާ ކޮންމެ މީހަކާވެސް ހަމަ އޯކޭ އެވެ. ބޭނުމަކީ މަޤާމާއި، ފައިސާ އާއި، ދުނިޔޭގެ އަރާމާއި، ލައްޒަތެވެ. ރައްޔިތުންނަކީ މިދެންނެވި "ރެޑްލައިޓް ޑިސްޓްރިކްޓް"ގައި މަގު ކުނިކަހާ ނޯކިރީން ފަދައެވެ. އަނގަ ހުތްވެފައި ބަލަން ތިބުން ނޫން ގޮތެއް އެ ރައްޔިތުންނަކަށް ހަމަ ނެތެވެ. ޤައުމުގެ ފޮނިމީރުކަން އަބަދުވެސް ލިބޭނީ ހަމަ އެއްބަޔަކަށެވެ.

ވަކި މީހަކު ބުނީތީ މަގުމައްޗަށް ނިކުމެ ޑިމޮކްރެސީއޭ، އިންސާނީ ހައްގޭ، ކޮރަޕްޝަނޭ ކިޔައިގެން ހަޅޭއްލެވުމުން ފަހުން ލަދުގަންނަން ޖެހެނީ އެއްކަލަ ހަޅޭއް ލެވި މީހުންނެވެ. ރައްޔިތުންނަކީ ސިޔާސީ މީހުން ގެންގުޅޭ ގުނބޯ ތަކެއް ފަދަ ބައެކެވެ. މިސިލްސިލާ އަށް ނިމުމެއް އަންނާނީ ރައްޔިތުންނަށް މިކަން ވިސްނުނު ދުވަހަކުންނެވެ. ކޮންމެ މީހަކުވެސް ވެރިކަމަށް އަރަންވެގެން ދައްކާ ވާހަކަ، ވެރިކަން ލިބުމުން ހަދާނެއް ނުހުރެއެވެ. ވެރިކަން ލިބުމުން ގާތްކޮށްލަނީ ކުރީން ކޮރަޕްޓޭ ބުނި މީހުންނެވެ. އެހެން ހެދީ ކިއްވެތޯ ސުވާލު ކޮށްފިނަމަ ބުނަނީ އެއީ "މަސްލަހަތަށް" ޓަކައި މިވަގުތު ކުރަން މަޖުބޫރުވީ ކަމެއް ކަމަށެވެ. އެ މަސްލަހަތަކުން އަރައިގަނެވޭ ދުވަހެއް ނާދެއެވެ.

މި މުސީބާތުން ދިވެހި ރައްޔިތުން ސަލާމަތްވާނީ ރިއާސީ އިންތިހާބްގައި "ކޯލިޝަން" ހެދުން ނިމުމަކަށް ގެނެސްގެންނެވެ. އެކަން ނިމުމަކަށް ގެނެވޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ ރިއާސީ އިންތިހާބް ދެވަނަ ބުރަކަށް ނުގޮސް، ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކަށް ރައީސްކަން ދިނުމެވެ. އެއީ ވޯޓުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައިން ވޯޓު ނުލިބުނަސްއެވެ. އެންމެ ގިނަ ވޯޓުލިބޭ މީހަކަށް އިންތިހާބް ކާމިޔާބް ވުމުން ކޯލިޝަން ހަދާކަށް ނުޖެހޭނެއެވެ. އެއިރުން މިސިޔާސީ ކޫޑިންގެ ކިބައިން ފަހަރުގައި ޤައުމާއި ރައްޔިތުން ސަލާމަތް ވެދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
111

3 Responses

  1. ނޫން. މަކޮޔާ ނޫން. މިކުޅި ނިމޭނީ ހަމަ އެންމެ ކަމަކުން. އެއީ. މިކިޔާ ޕާޓީ ކުޅި ގަނޑު ހުއްޓާލަންވީ. ޕާޓީ ވެރިކަމަކީ ބަޔަކަށް ފައިދާތަކެއް ލިބޭގޮތަށް ބައި އަޅާގެން ކުރާ ވިޔަފާރިއެއް. ވެރިކަމަށް އެރޭއިރު ވެރިޔާ ހުންނަނީ ދަރާ ވިކިފައި. އެކީ އުޅުނު ކޮންމެ މީިހަކަށް ފެންވަރެއް ނެތަސް ބޮޑު މުސާރަދެވޭނެ މަގާމެއް ދޭންޖެހޭނެ. އުރައްޕެއް ނެތަކަސް ބޮޑު ކޮންޓެކްޓެއް ދޭންޖެހޭނެ. މީ ވެރިމީހާ ވިކިފައި ހުންނަވަރު. ވެރިޔަކަށް ހުންނަމީހާ އެކީ އުޅުނު މީހުން ބުނާހާ ގޮތަކަށް ކަންކޮށްދޭންޖެހޭ. އެމީހުން އެދޭކަމެއް ނުކޮށްދީފިތަ ނިމުނީ. ވެރިމީހާގެ އަގުވައްޓާލާ ރައްޔިތުން ކުރިމަތީ "ބަރަހަނާ" ކޮށްލާނެ. ޕާޓީނިޒާމުގެ ޑިމޮކުރަސީ އަކީ ދިވެހިންނަކާ .ހަމަ އެއްގޮތަކަށްވެސް ގުޅޭ ކަމެއް ނޫން

  2. ކޮއްކޮޔަކަށް ނޫން އެގޭނީ މިގައުމު ހިންގަނަ ގޮތެއް. ރައްޔިތުންނަށް ދޫކޮށްލާ. ހާދަހާ އަމިއްލަ ނޭފަތް ނޫންއެހެން އެއްޗެއްނުފެންނަ ހަކަ ކޮލަމެކޭ މީ

  3. ބުޝްރީ ލިޔުއްވި އެންމެ ކަމުނުދާ އަރޓިކަލް. މި ހުރިހާ ސަބަބަކީ ސިޔާސީ ޕާޓީގެ ނިޒާމު. މިއީ މި ރާއްޖެއާ ގުޅުން ހުރި ކަމެއް ނޫން. ކޮންމެ މީހަކަށް ކުރިމަތި ލެވޭ ގޮތަށް އޮންނަންވީ. ސިޔާސީ ވާޙަކަދއްކާ މީހުން، ނުވަތަ އެ ފަދަ ދޮގުތައް ހަދައިފައިވާ މީހުން މިނިވަން މުއައްސަސާއަކަށް ނުލާންވީ. މިއަދު ހުސްނުއްސުޢޫދާއި މުޢުތާޞިމް ސުޕްރީމް ކޯޓުގައި ތިބީމާ އެ މީހުންނަށް އިތުބާރުކުރާނީ ކާކުތޯ؟ ރައީސް ޔާމީނަށް ތާކުންތާކު ނުޖެހޭ ހުކުމެއް ކޮށްދިން ކަމުގެ އަގަކަށް ޢަލީ ރަޝީދު ސުޕްރީމް ކޯޓަށް ވެއްދީމާ އިތުބާރުކުރާނީ ކާކުތޯ؟ މިކަންކަން ރަނގަޅުކުރާންވީ. އެމްޑީޕީގެ ހަމައެކަނި ބޭޏުމަކީ ވައްކަމާއި ލާދީނިއްޔަތު ފެތުރުންކަން ގަބޫލުކުރަންވީ. އެހެން އެއްވެސް ނިޔަތެއް އެ މީހުންގެ ނެތް. ދިވެހިރާއްޖެ ސިއްކިމް އަށް ހަދައިގެން ނަމަވެސް ފައިސާތަކެއް އެ ވެރިންގެ (ބޮޑުންގެ) ޖީބަށް ވަނީމާ ނިމުނީ. ރާއްޖޭގެ ރައްޔިތުންނަށް އިންޑިއާ މީހުން ހަދައިގެން އެ މީހުންގެ ވޯޓުން ވެސް ވެރިކަން ދަމައިގަނެވިއްޖިއްޔާ ނިމުނީ. ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ތަޞައްވުރެއް ހަމައެކަނި ގެންގުޅުއްވީ ރައީސް ޔާމީން އެކަނިކަން ގަބޫލުކުރާންވީ. މި ހުރިހާ ކަމެއްގެ ސަބަބަކީ އަމިއްލަ އެދުން ބޮޑު މައުމޫނާއި ޤާސިމް. އެމްޑީޕީ ކޯމާއެއްގައި އޮއްވައި ނަގައި އޮކްސިޖަން ގުޅައި ކުނޫޒުގައި ޖަލްސާ ބާއްވައި މި ޙާލަތު ގެނައީ އަމިއްލަ އެދުމަށްޓަކައި. މިއަދު މިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް އެ މީހުންަށް ބައި އެޅޭތީ ބަހެއް ނުބުނެ އެ ތިބެނީ އެހެންވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *