ކުރިއަށް އޮތް ފަސް އަހަރުތެރޭގައި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދު ފުރިހަމަކުރުމަށް، ފަސް ލައްކަ ގަސް އިންދުމުގެ ހަރަކާތެއް ސްޓެލްކޯ އިން މިއަދު ފަށައިފިއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ކ. ތުލުސްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޙަރަކާތް ފައްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.
ގައުމީ ކަރަންޓު ކުންފުނިން މިއަދު ފެށި މި ޙަރަކާތުގެ ފުރަތަމަ ފިޔަވަހީގައި ތުލުސްދޫގައި އިންދި 6،000 ގަހާއެކު، ސްޓެލްކޯއިން ޚިދުމަތްދޭ 33 ރަށެއްގައި މިއަދު ވަނީ ޖުމްލަ 21،007 ގަސް އިންދައިފައެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހި ރުކާއި، އޮފި އެލޭ، ކިނބި އަދި ދިއްގާގެ އިތުރުން ހިރުނދެވެ. މީގެ އިތުރުން މި ޙަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި ސްޓެލްކޯއިން ވަނީ ކޮންމެ ރަށެއްގައިވެސް ގްރީން އޭޖެންޓެއް ކަނޑައެޅުމަށް ނިންމާފައެވެ. މިގޮތުން ކަނޑައަޅާ ގްރީން އޭޖެންޓުންގެ ޒިންމާއަކަށް ވަނީ މި ޙަރަކާތުގެ ތެރެއިން ކުރިއަށްގެންދާ ގަސްއިންދުމުގެ މަސައްކަތް ވިލަރެސްކުރުމާއި، ޙަރަކާތުގެ ތެރެއިން އިންދާ ގަސްތައް ބެލެހެއްޓުމެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތާއި ތިމާވެއްޓާ ވަރަށް ބޮޑު ގުޅުމެއްވާ ކަމަށާއި، އަދި އެކަމުގެ ސަބަބުން ތިމާވެއްޓަށް އެއްވެސް ކަހަލަ އަސަރެއް ކުރުމަކީ ބޭނުންފުޅުވާ ކަމެއް ނޫން ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުމެން މި މަސައްކަތް މިހާ ބޮޑު އަހަންމިއްޔަތުކަމެއް ދީގެން މި ކުރިއަށް ގެންދަނީ. އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް މި ފަސް އަހަރު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަސްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް މިއަދު ފެށިގެން މިދަނީ،" ފަހުމީ ވިދާޅުވިއެވެ.
ގަސް އިންދުމަށް ސްޓެލްކޯއިން ފެށި ޙަރަކާތާ ގުޅޭގޮތުން ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރު ވިދާޅުވީ، ޤައުމެއް ބިނާކުރުމަށް ކުރަންޖެހޭ މުހިއްމު އެއް މަސައްކަތަކީ ޤައުމުގެ ދަރިންނަށްޓަކާ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކޮށްދީ، އެ ކުދިންނަށް އުފާވެރި މުޖުތަމަޢުއެއް ހޯދައިދިނުމަށް ރައްކާތެރި މާޙައުލެއް ބިނާކުރުން ކަމަށެވެ. އެހެންކަމުން މިއަދު މި ފެށި މަސައްކަތުގެ ތެރެއިން އިންދާ ގަސްތައް ހެދި އޭގެން ހިޔަލާއި މޭވާ ރައްޔިތުންނަށް ލިބެންދެން އެ ގަސްތައް ބެލެހެއްޓުމަށް ޚާއްސަ ފަރާތްތަކެއް ކަނޑައަޅައި، އެ މަސައްކަތް ވިލަރެސް ކުރައްވަމުން ގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ، ސްޓެލްކޯއަކީ ޤައުމަށް ފެހިކަމާއި ރައްޔިތުންނަށް ފައިދާ ކުރަނިވި އެތައް ކަމެއް ގެނެސްދެމުންދާ ކުންފުންޏެއް ކަމަށެވެ. އަސްލަމް ވަނީ ތުލުސްދޫގައި ސްޓެލްކޯއިން އިންދި ގަސްތައް ބެލެހެއްޓުމުގައި ތުލުސްދޫގެ ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
ތުލުސްދޫގައި މި ޙަރަކާތް އެ ރަށުގެ ކައުންސިލާއި ރަށުގެ އެކި މުއައްސަސާތަކާއި އަދި ރަށުގައި ހިންގާ ޖަމުޢިއްޔާތަކާ ގުޅިގެން ކުރިއަށްގެންދާއިރު، އެހެން ރަށްރަށުގައި ވެސް މި ޕްރޮގްރާމް ކުރިއަށްގެންދާނީ އެ ރަށެއްގެ ރަށު ކައުންސިލާއި ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

"ހަކަތަ އުފެއްދުމަށް ސްޓެލްކޯއިން ކުރާ މަސައްކަތުގެ ތެރެއިން އުފެދޭ ކާބަން ފުޓްޕްރިންޓް ކުޑަކޮށް، ކާބަން އޮފްސެޓް ކުރުމުގެ އަމާޒުގައި ފެށި މި ޙަރަކާތުގައި ހިޔާލިބޭ ބޮޑެތި ގަސްގަހުގެ އިތުރުން ތަރުކާރީއާއި މޭވާ އަދި ހޭޅިފަށް ރައްކާތެރިކުރާ ފަދަ ގަސް އިންދުމަށް ސްޓެލްކޯއިން ވަނީ ނިންމައިފައެވެ." ސްޓެލްކޯގެ ބަޔާނެއްގައިވެއެވެ.
"ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ މިދިޔަ އަހަރު ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ޤައުމީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ ޕްރޮގްރާމެކެވެ."



advertisment

