ހަތް ދާއިރާއަކުން މަސައްކަތްތެރިން ތަމްރީނުކުރުމަށް އެޗްޑީސީން އެޕްރެންޓިސްޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.
އެކި ދާއިރާތަކުން ހުނަރުވެރި ދިވެހިން ތަމްރީންކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ހުނަރު ޕްރޮގްރާމްގެ ދަށުން އެޗްޑީސީން ކުރިއަށްގެންދާ ހަ މަސް ދުވަހުގެ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ އަމަލީ ތަޖުރިބާ ކުރިއަށް ގެންދާނީ އެ ކޯޕަރޭޝަންގެ ފަންނީ މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ.
އަދި މި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ނެޝަނަލް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެއެވެ. މީގެ އިތުރުން ހަ މަސްދުވަހުގެ ޕްރޮގްރާމަށް ފަހު، ފުރުސަތު އޮތް މިންވަރަކުން، ޕްރޮގްރާމްގެ ބައިވެރިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އެޗް.ޑީ.ސީން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އެޗް.ޑީ.ސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދާއިރާތައް:
- ކޮމްޕިއުޓަރ ހާޑްވެއަރ އެންޓް ނެޓްވޯކިން
- ހެލްތް އެންޑް ސޭޕްޓީ އިން ކޮންސްޓްރަކްޝަން
- ފްރަންޓް އޮފީސް
- ގާޑްނިން
- ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޒަން
- މޭސަންރީ
- އިލެކްޓްރިކަލް އިންސްޓޮލޭޝަން
އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ގްރޭޑް 10 ނިންމާފައިވާ ނުވަތަ ލެވެލް ދޭއްގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ މީހުންނަށެވެ. މި ޕްރޮގްރާމްގެ މުއްދަތުގައި މަހަކު 6،000ރ. ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.
"ރާއްޖޭގައި ބިދޭސީ މުވައްޒަފުން މަސައްކަތްކުރާ ނިސްބަތް މަދުކުރުމަށާއި، ތަފާތު ދާއިރާތަކުން ހުނަރުވެރި ދިވެހިން ތަމްރީންކުރުމުގެ ބޭނުމުގައި ހިންގާ މި ޕްރޮގްރާމް ކުރިއަށް ދަނީ މި ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފް ޔޫތް އެންޕަވަރމެންޓް އިންފޮމޭޝަން އެންޑް އާޓްސް އާއި، މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕްމެންޓް އޮތޯރިޓީ އާއި، ހަޔަރ އެޑިއުކޭޝަން ގުޅިގެންނެވެ." އެޗް.ޑީ.ސީގެ ބަޔާނެއްގައިވެއެވެ. "ތަފާތު ދާއިރާތަކުން މަސައްކަތްތެރިން ތަމްރީނު ކުރުމަށް މިކޯޕަރޭޝަނުން އަބަދުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ."



advertisment

