Support Us

ކޮލަމް ތަޖޫގެ ދުލުން

މަ ފަލައޭ ނުކިޔާށެވެ.

މަ ފަލައެވެ. މަ ހުތުރެވެ. އެކަން މަށަށް ވެސް އެނގެއެވެ. އެކަމަކާ މަ ޝަކުވާއެއް ވެސް ނުކުރަމެވެ. ކަލެއަށް މަ ހުތުރަސް މަށަށް މަ ރީއްޗެވެ. މަ ވެސް ހެއްދެވީ ހަމަ ކަލޭ ވެސް ހެއްދެވި ފަރާތުންނެވެ. ކަލޭ މަށަށް މަލާމާތް ކުރަމުން ދުވާއިރު އެއްފަހަރު ވެސް މަށާ ކަލެއާ ދެމީހުންގެ ދެމެދުގައި ހުރި ފަރަގާމެދު އަޅެ ކުޑަކޮށް ފިކުރު ކޮށްލަބަލާށެވެ.

ކަލެއާއި މަށާ ދެމީހުން ކިޔެވީ އެއް ކުލާހެއްގައި ތިބެގެންދޯއެވެ؟ އޯލެވެލް އިމްތިހާނުގައި ދެމީހުން އިށީނީވެސް އެކުގަ އެވެ. މަގޭ އަތުގައި 2 އޭ އާއި 3 ބީ އާއި 3 ސީ އޮންނަކަން ވެސް ކަލެއަށް އެނގޭނެއެވެ. ހަމަ އެގޮތަށް ކަލެއަށް ލިބުނީ ޔޫ ސެޓެއްކަން މަށަށްވުރެ ރަނގަޅަށް އެނގޭނީ ކަލެއަށްދޯއެވެ؟ އެކަމަކު ދެމީހުން އެއްކޮށް އެއް ވަޒީފާއަކަށް ކުރިމަތިލީ ދުވަހު ކަން ހިނގައިދިޔަ ގޮތް ކަލޭ ވެސް ހަނދާން ހުންނާނެއެވެ.

ޝަރުތު ހަމަވީ ކަލޭގެ އެވެ. އެއީ ކަލޭ ތުނިވެފައި އިސްކޮޅު ހުރެފައި ކުލަ އަލިވީމަކަން މަ ދެނަހުރީމެވެ. އަދި ކަލެއަށް ކަސްޓަމަރ ކެއަރ އިން ވަޒީފާ ދިނީ ކަސްޓަމަރުންނަށް ކަލޭގެ ތިޔަ ރީތި ކަސްރަތީ ހަށިގަނޑާއި ކެޓްވޯކް ދައްކައިގެން ވިޔަފާރި ރަނގަޅު ކުރުމުގެ މަގުސަދުގައި ކަމަށް ވެސް ވެދާނެއެވެ. އެކަމަކު ކަލޭ އަޅެ އެއްފަހަރު ވެސް ފިކުރު ކޮށްލަބަލާށެވެ. އެ ކުންފުންޏަށް ކަލޭ ނަގައިގެން އެތަނަށްވީ ކޮން ފައިދާއެއް ހެއްޔެވެ؟ ކަލޭ ތި އޮންނަނީ ގޭގައެވެ. ކަލެއަށް އިރު އަރަނީ މެންދުރު 12 ޖަހާ ފަހުންނެވެ. ވަޒީފާގައި ކަލޭ ތި ވޭތުކުރި ތިން މަހެއްހާ ދުވަހުގެ ތެރޭގައި ޖުމްލަ 20 ދުވަހު ވެސް ކަލޭގެ މޫނު އެ ކަސްޓަމަރުންނަށް ނުފެންނާނެކަން މަ ހަތް ހަތިމުގައި އަތްލާ ހުވާވެސް ކޮށްފާނަމެވެ. ގައިމު އެދުވަހު ބައްޓަމަށް ނުބަލާ މަ އެ ވަޒީފާއަށް ނެގިނަމަ ގަޑިއެއް ސަލާމެއް ނެތި މަގޭ ފަލަކަމާއިއެކު ވެސް ފުރިހަމަ ޚިދުމަތުގައި މަ ހުންނާނެކަން ކަލެއަށް އެނގޭނެއެވެ.

ދެން ކަލޭ ތި ކިޔަނީ އެމެރިކާގެ މަޝްހޫރު މޮޑެލް ކެންޑުލް ޖެނަރ އާއި ކަލޭ ވައްތަރުވެގެން ފިރިހެން ކުދިން އުޅޭ ވާހަކަ އާއި ދުވާލަކު ބައްތިރީސް ފްރެންޑް ރިކުއެސްޓް ފޭސްބުކުން އަންނަ ވާހަކައެވެ. ކެންޑުލް ޖެނަރ އާއި ކަލޭ ވައްތަރު ވާހަކަ ބާއްވާފައި ފިރިމީހާގެ ހައްގު ކަލެއަށް އަދާކުރެވޭ ވަރެއް އަޅެ މަށަށް ބުނެދީބަލާށެވެ. މަ ހުތުރެވެ. މަ ފަލަ އެވެ. މަ ބަރުހެއްޔެވެ. އެކަމަކު އެންމެ ރެއަކު ވެސް ފިރިމީހާއަށްވުރެ ކުރިއަކުން މަގޭ ދެލޮލެއް ނުމަރަމެވެ. ފިރިމީހާއަށް އަތުން މޮޑެގެން ކާންދީފައި ހިނދިވަޅު ތަކުގައި ބާމު އުނގުޅާފައި ނޫނީ އެންމެ ރެއަކު ވެސް އޭނާއެއް ނުނިންދަވަމެވެ. އެކަމަކު ކަލޭގެ ފިރިމީހާ ހުސްބަނޑާ ނިދުމަކީ އާންމު ކަމެއް ދޯއެވެ؟ ގޭގައި ގެންގުޅޭ މީހާ ކަލޭގެ ފިރިމީހާ ނިދުމުގެ ކުރިން ތަންމަތި އަޅައިދިނީ ކިތައް ރޭކަން ކަލެއަށް އެނގޭ ހެއްޔެވެ؟ ދެން އޮތީ ދަރިންނަށް ދޭ ލޯބީގެ ވާހަކައެވެ. ދަރިފުޅު ގޮވައިގެން ހަމަ އެންމެ ދުވަހަކު ވެސް ކަލޭ ސްކޫލް ދޮށަށް ދާތީއެއް މަށެއް ނުދެކެވެ. އެކަން ކުރަނީ ކަލޭގެ މަންމައެވެ. ނޫނީ ގޭގައި ގެންގުޅޭ މީހާއެވެ. މަގޭ ދަރި ގޮވައިގެން ސްކޫލް ދޮށުން ޤުރުއާން ގެއިން ޓިއުޝަން ކުލާހުން މި ހިނގަނީ ހަމަ މި ފަލަކަމާއެކު މަގޭ ދެފައިންދޯއެވެ!

އެކުވެރިޔާއެވެ. އެއޮތް ބޮޑު ޗައިނާ ހިފާ މުށުތެރެއަށްލީ މޮންގޯލިއާގެ މަޝްހޫރު އެމްޕެއަރ ކުބްލިޙާންގެ ވާހަކަ ކަލޭ އެހިން ހެއްޔެވެ؟ އޭނާގެ ބަރުދަން ކަލެއަށް އެނގޭ ހެއްޔެވެ؟ ދެވަނަ ބޮޑުހަނގުރާމަ ނިމުމަކަށް ގެނައި ކުޅަދާނަ ބަތަލް އިނގިރޭސި ބޮޑުވަޒީރު ވިންސްޓަން ޗާޗަލް ކަލޭ ދަންނަމު ހެއްޔެވެ؟ އެއީ ކަލޭ ތިކިޔާ "ފަލަ" ގިންތީގައި ހިމެނޭ ބޭފުޅުންނެވެ. މަ މިހެން ބުނީމާ ކަލޭ ބުނާނެއެވެ. އެއީ ދޮންމީހުންނެވެ. އެމީހުން ފަލަވިޔަސް ހުތުރެއް ނުވާނެއެވެ. އެންމެ ރަނގަޅެވެ. ދިވެހި ރައްޔިތުން އަތުގައި ހިއްޕަވައިގެން ނިކުންނަވާ މި ރާއްޖޭގައި ފުރަތަމަ ވައިގެ ބަނދަރެއް އެޅުއްވި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާސިރު ކަލޭ ދަންނަމެއް ނޫން ހެއްޔެވެ؟ އެއީ ހަމަ ގައިމުވެސް މަށް ދިވެއްސެކެވެ. އެބޭފުޅާއަކީ ހަށިކޮޅު ބޮޑުކޮށް ކަލޭގެ ބަހުންނަމަ، "ފަލަކޮށް" ހުންނަ ބޭފުޅެކެވެ. ދުވާލު ހަތަރުދަމު ކަހަލަ ގޮތަކަށް އެބޭފުޅާ ހުންނެވީ ކޮޅަށެވެ. ވަރުބަލިފުޅުވެގެން އެތާ އޮށޯންނެވި ވާހަކައެއް މަށެއް ނާހަމެވެ.

އެކުވެރިޔާއެވެ. ދުނިޔޭގެ އާބާދީގެ 30 ޕަސަންޓް މީހުންނަކީ ފަލަ މީހުންނެވެ. ކުރުކޮށް ބުނާނަމަ ދުނިޔޭގެ ކޮންމެ ތިން މީހަކުން އެކަކީ ފަލަ މީހެކެވެ. މި ދުނިޔެ ކުރިއަރާ މިދަނީ އެ ފަލަ މީހާގެ ވެސް މިންނެތް މަސައްކަތުންނެވެ. އެހެންވީމާ އަނގަ މަޖަލަކަށް ވެސް މަ ފަލައޭ ނުކިޔާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
114

3 Responses

  1. ތަޖޫ އަދި މުންދުގެ ލިޔުންތައް ހަބޭސް. ހީނުކުރާހާ މޮޅު. ތަޖޫ ޚިޔާލު ހޯދަނީ ކިހިނެއްތޯ ބަލާކަށް ބޭނުމެއް ނޫން. ބޭނުން ވަނީ ތަޖޫގެ ލިޔުންތައް ކިޔަން. ތަޖޫއާ މުންދު އެބަ ޖެހޭ ހިމާޔަތްކުރަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *