އީދު ޗުއްޓީއާ ދިމާކޮށް އާންމުންނަށް ފަސޭހަކުރަން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް 100 އަށްވުރެ ގިނަ އިތުރު ދަތުރު އަޅާ ގޮތަށް މޯލްޑިވިއަނުން ހަމަޖައްސައިފިއެވެ.
ގައުމީ އެއާލައިނުން މިއަދު ބުނީ ރާއްޖޭގެ 16 އެއާޕޯޓަކަށް ކޮންމެ ހަފުތާއަކު ކުރަމުން އަންނަ ދަތުރުތަކަށް އީދު ޗުއްޓީގައި ޑިމާންޑް ބޮޑުވެ، އިތުރު ޖާގަ ބޭނުންވެގެން ގިނަ ބަޔަކު އުޅޭތީ، ހުރިހާ އެއާޕޯޓަކަށް ވެސް ފްލައިޓުތައް އިތުރުކޮށް، ޓިކެޓް ވިއްކަމުން އަންނަ ކަމަށެވެ. އީދު ޗުއްޓީގައި އިތުރަށް 100 އަށްވުރެ ގިނަ ދަތުރު އަޅަން ހަމަޖެއްސި ނަމަވެސް އެންމެ ގިނަ ދަތުރު އިތުރުކުރީ ކޮން އެއާޕޯޓަކަށް ކަމެއް މޯލްޑިވިއަނަކުން ނުބުނެއެވެ.
ހަފުތާ ދެ ބަންދާއެކު މި އަހަރުގެ ބޮޑު އީދު ޗުއްޓީގެ ގޮތުގައި އަންނަ ޖޫން މަހުގެ 14 އިން 22 އަށް ޖުމްލަ ނުވަ ދުވަސް ލިބެއެވެ. ކަލަންޑަރު ދައްކާ ގޮތުން ހައްޖު ދުވަސް ވާނީ ޖޫން 16 އަށެވެ. އީދު ދުވަހަކީ 17 އެވެ.
މޯލްޑިވިއަންގެ ފްލީޓުގައި ޖުމްލަ 25 ފްލައިޓު ހިމެނެއެވެ. އެއީ އާންމު ގޮތެއްގައި ބޭރު ދަތުރުތައް ކުރާ އެއާބަސް އޭ320 މަރުކާގެ ފްލައިޓަކާއި އޭ.ޓީ.އާރް މަރުކާގެ ހަތަރު ފްލައިޓާއި ޑޭޝް-8 މަރުކާގެ ނުވަ ފްލައިޓާއި މޫދަށް ޖައްސާ 11 ފްލައިޓެވެ. މޫދަށް ޖައްސާ ފްލައިޓްތައް އާންމު ގޮތެއްގައި އުދުހެނީ ރިސޯޓުތަކަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އައިސް، އިތުރު ފްލައިޓްތައް ގެނައުމުގެ މަސައްކަތް މޯލްޑިވިއަންގެ އާ މެނޭޖްމަންޓުން އަންނަނީ ކުރަމުންނެވެ. މިގޮތުން މިހާރު ގެންނަން މަސައްކަތް ކުރަނީ އެއާބަސް އޭ330-220 މަރުކާގެ ވައިޑްބޮޑީ އެއާކްރާފްޓެވެ.
ދިވެހީންނަށް އަމާޒުކޮށް ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓުތަކަށް އެންމެ ގިނަ ދަތުރުތައް އަބަދުވެސް ކުރަނީ މޯލްޑިވިއަނުންނެވެ. އެހެންވެ ރަށްރަށަށް ދަތުރުކުރާ 90 ޕަސަންޓް މީހުން އުފުލަނީ މޯލްޑިވިއަނުންނެވެ. އޭގެ އިތުރުން މަންތާ އެއާ އާއި ވިލާ އެއާއިން ވެސް މަދު އެއާޕޯޓުތަކަކަށް އުދުހެއެވެ. އެކަމަކު މަންތާ އާއި ވިލާގެ މައިގަނޑު އަމާޒަކީ ޓޫރިސްޓުންނެވެ.



advertisment

