Support Us

ހުޅުމާލޭގެ އެކި ސަރަހައްދުގައި ގަވައިދާ ހިލާފަށް ބަހައްޓައިފައިވާ ތަކެތި ނަގަން އަންގައިފި 

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް ބަހައްޓައިފައި ހުރި ތަކެތި ނަގަން އެޗް.ޑީ.ސީން އަންގައިފިއެވެ.

އެޗް.ޑީ.ސީން ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސިނާއީ ސަރަހައްދުގެ ދުވާރުމަތީގައި އެޗް.ޑީ.ސީގެ ހުއްދަ ނެތި ބަހައްޓައިފައިވާ ތަކެތި މިއަދުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި ނެގުމަށާއި، ހުޅުމާލޭގެ ދެވަނަ އަދި ތިން ވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ވަގުތުން ނަގަން އަންގާ ކަމަށެވެ.

"ސިނާއީ ސަރަހައްދުގައި ގަވައިދާ ހިލާފަށް ދިގު މުއްދަތަކަށް ތަކެތި ބަހައްޓަމުން ދިއުމުގެ ސަބަބުން އެ ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކަށާއި އަދި ހިދުމަތް ހޯދާ ފަރާތްތަކަށް ގިނަ ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ މި ކޯޕަރޭޝަނަށް އަންނަނީ ލިބެމުންނެވެ. އަދި މިގޮތަށް ތަކެތި ބަހައްޓާފައިވާ ތަންތަނުގައި މަދިރި އާލާވާގޮތަށް ހުރުމުން ނުރައްކާތެރި ބަލިތައް ފެތުރުމަށް މަގުފަހިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިފަދަ ތަންތަން ސާފުކުރުމުގެ މަސައްކަތް މި ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ." އެޗް.ޑީ.ސީގެ ބަޔާނެއްގައި ބުންޏެވެ.

"އެހެންކަމުން ސިނާއީ ސަރަހައްދުގެ ދުވާރުމަތީގައި ބަހައްޓާފައިވާ ތަކެތި ވީހާވެސް އަވަހަކަށް ނަގައި ސާފުކޮށްދިނުމަކީ މި ކޯޕަރޭޝަންގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ނުނަގާ ހުންނަ ތަކެއްޗަކީ ވެރިފަރާތުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތިކަމުގައި ބަލައި، އެ ތަކެތި ނަގައި ސާފުކުރުމުގެ މަސައްކަތް މި ކޯޕަރޭޝަނުން ކުރާނެ ކަމުގައި ދަންނަވަމެވެ. އަދި މި މަސައްކަތުގައި ތަކެއްޗަށް ނުވަތަ ތަކެތީގެ ވެރިފަރާތަށް ލިބޭ ގެއްލުމަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަން ވެސް ދަންނަވަމެވެ."

އެޗް.ޑީ.ސީން އަދި ބުނީ ހުޅުމާލޭގެ ދެ ވަނަ އަދި ތިން ވަނަ ފިޔަވަހީގައި އެ ކޯޕަރޭޝަނުން ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ޕްރޮޖެކްޓްތައް ފެށުމަށްޓަކައި، ބިން ހުސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވުމުން އެ ދެ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ތަކެތި ބަހައްޓައިގެން ބޭނުން ކުރުމަކީ މަނާކަމެއް ކަމަށާއި މިގޮތަށް ބިންތައް ބޭނުން ކުރާ ފަރާތްތަކުން އަންނަ ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އެފަދަ ތަކެތި ނަގައި ބިން ސާފުކޮށްދިނުމަށެވެ.

"ހުޅުމާލެ ތަރައްގީކޮށް ރައްޔިތުންނަށް ބޭނުންވާ ގިނަ ވަސީލަތްތައް ގާއިމްކޮށް، ހުޅުމާލެއަކީ ދިރިއުޅެން ފަސޭހަ، ރައްކާތެރި ތަނަކަށް ހެދުމަށް މި ކޯޕަރޭޝަންގެ ފަރާތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ." އެޗް.ޑީ.ސީގެ ބަޔާނުގައިވެއެވެ.