Support Us

ހުޅުމާލެއިން ދިރިއުޅުމަށް ދޫކުރާ 13 ބިމެއް ހަމައެކަނި ދިވެހިންނަށް

ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ދިރިއުޅުމަށް ދޫކުރާ 13 ބިމެއް، އަކަފޫޓަކަށް 4،000ރ.ގެ ރޭޓުން ހަމައެކަނި ދިވެހިންނަށް ވިއްކަން މިއަދު ބީލަމަށް ހުޅުވާލައިފިއެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ބީޗް ސައިޑުން ވިއްކާ މި 13 ބިމުގެ ތެރޭގައި 1،864 އަކަފޫޓާއި 2،408 އަކަފޫޓާ ދެމެދުގެ ބިންތައް ހިމެނޭ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

މި ބިންތައް ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ އެޗް.ޑީ.ސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށެވެ. ހަމައެކަނި ދިވެހިންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ބީލަމުގައި އަމިއްލަ ފަރާތްތަކަށާއި 100% ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އެޗް.ޑީ.ސީން ބުނި ގޮތުގައި ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ.އޯ.އައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.