Support Us

ހެނދުނު ހެނދުނާ ނިކުމެ ވޯޓުލައި، މާލޭގެ 17 ގޮނޑި ވެސް ސަރުކާރަށް ހޯއްދަވައިދެއްވާ: ރައީސް

މާލެ ސިޓީއަށް މާލޭގެ ރައްޔިތުން އެދެމުން އައި ތަރައްގީ ގެނައުމަށްޓަކައި އަންނަ އާދީއްތަ ދުވަހު ހެނދުނު ހެނދުނާ ނުކުމެ، މާލެ ސިޓީގެ 17 ގޮނޑި ވެސް ސަރުކާރަށް ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނަވައިފި އެވެ.

ރައީސް މިކަމަށް ވިދާޅުވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މިނަމުގައި ޕީއެންސީން ކުރިއަށް ގެންދާ ކެންޕެއިންގައި ހެންވޭރު އުތުރު ދާއިރާގެ ކެނޑިޑޭޓު އަހުމަދު އައިފާން ކެންޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަަވަމުންނެވެ.

"އަމިއްލަ ކަމެއްގެ ގޮތުގައި ނަންގަވައިގެން، އަމިއްލައަށް ވޯޓުލާން ދިއުމުގެ އިތުރަށް ދަންނަ ހުރިހާ ބޭފުޅުން ހެނދުނު ހެނދުނާ ގެންދަވަން މަސައްކަތް ކުރައްވާ. އަޅުގަނޑުމެންގެ ކެނޑިޑޭޓުންނަށް އަަވަހަށް ގޮސް ވޯޓުލައި، ވޯޓު ލުން ނިންމާލަންވީ. ކޮންމެހެން ހަވީރު މާ ހިޔާ ވަންދެކަ، ފިނިވަންދެކަ މަޑުކުރާނެ ކަމެއް ނެތް. ކުރީ ބައިގައި ގޮސް އަޅުގަނޑުމެންގެ ކެނޑިޑޭޓުންނަށް ބޭނުންވާ ވަރަށް، ކާމިޔާބުވާ ވަރަށް، މެޖޯރިޓީ ނަންގަވާފައި މަސައްކަތް ނިންމާލަން އަޒުމް ކަނޑައަޅަންވީ،" ރައީސް ވިދާޅުވި އެވެ.

މިފަހަރަކީ މި މާލޭގެ ތާރީހު ބަދަލުކޮށްލާނެ ފަހަރަކަށް ހަދައި، ތަރައްގީ އާއި ހަމަޖެހުމާއި ރައްކާތެރިކަމުގެ ފިކުރަށް އަދި މާލޭގެ ރައްޔިތުންނަށް ބޭނުންވެފައިވާ ގޯތިގެދޮރުގެ މައްސަލަ ހައްލުކުރުމުގެ ފިކުރަށާއި ސަރުކާރުގެ ކެނޑިޑޭޓުންނަށް ވޯޓުދޭނެ ފަހަރަކަށް ހަދައި، މާލޭގެ 17 ގޮނޑިއަށްވެސް ސަރުކާރުގެ ކެނޑިޑޭޓުން ހިޔާރުކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ މާލެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މި ސަރުކާރުން ބާރު ސްޕީޑުގައި ކުރިއަށް ގެންދަނިކޮށް، އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މާލޭގައި ދިމާވެފައި އޮތް ގޯތިގެދޮރުގެ މައްސަލައަކީ ކުރީގެ ސަރުކާރުން ދައުރު ނިމެން އުޅެނިކޮށް ހިއްކަން ފެށި ގުޅީފަޅާއި ގިރާވަރުފަޅުގެ އިތުރުން ހުޅުމާލެފަޅު އެކަނި ހިއްކައިގެން ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ ތަންތަނަށް މިސަރުކާރުން ބިން އިތުރުކުރީމަ ވެސް އެ ތަންތަނުން އެކަނި އެ މައްސަލަ ހައްލުކުރުމާ ގާތް ވެސް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ދައުރުގެ ކުރީކޮޅު ފުށިދިއްގަރުފަޅު ހިއްކަން ފެށީ އެ މައްސަލަ މި ފަސް އަހަރު ތެރޭގައި އެއްކޮށް ހައްލުކޮށްދެއްވުމުގެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެން ސަރުކާރުތަކުން ކަންކުރާހެން ރިޔާސީ އިންތިހާބާ ކައިރިވީމަ ތެޅިގަނެގެން ކުރާ ގޮތަކަށް މިކަން ކުރާކަށް އަޅުގަނޑު ބޭނުމެއް ނޫން. އަޅުގަނޑު ވައުދުވީ މި ދައުރު ނިމެންވާއިރުގައި މާލޭގައި، ޖުމްލަކޮށް ރާއްޖޭގައި ނުބަހައްޓާނަމޭ އެއް ގެ މަދުވެގެން ނުލިބޭ އެކަކު ވެސް. އެ ވައުދު ފުއްދުމަށްޓަކައި އެކަން ކުރާ ކަމަށްވަންޏާ އަޅުގަނޑު އެބަޖެހޭ ދައުރުގެ ކުރީކޮޅު ފުރަތަމަ ދުވަހު ވެސް އެތަން ހިއްކަން ފަށަން. އެހެންވެ ފުރަތަމަ މަހު އެ އޮތީ އެތަން ހިއްކަން ފަށައިފައި. އެއީ އެއްގޮތަކަށް ވެސް ގުޅީފަޅާއި ގިރާވަރުފަޅާއި ހުޅުމާލެ ދޫކޮށްލަައިފައި ކުރަން ނިންމި ކަމެއް ނޫން،" ރައީީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާ ސާފުކޮށް އޮތް ކަމެއްގައި ރައްޔިތުންނަށް އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން ވާހަކަތައް ދައްކަވަނީ ކީއްވެގެންބާއޭ ހިތްޕުޅަށް އަރާވަޑައިގެންނަވާ ކަމަށާއި "އިދިކޮޅު ފަރާތްތަކުން ދޮގުތައް ހަދައިގެން އެކަންކަން އެހެން މީހުންގެ ބޮލުގައި އެޅުވުމަކީ ވަަރަށް ޣައިރު ޒިންމާދާރު ކަމެއް" ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ކުރައްވާ ކަމެއް ކުރައްވާނީ އިހުލާސްތެރިކަމާއި ތެދުވެރިކަމާ އެކުގައި ކަމަށާއި ފުށިދިއްގަރުފަޅުގެ ޕްރޮޖެކްޓް ނިމޭއިރު އެ އިތުރުވާ ބިމާ އެކު މާލެ ސިޓީގެ އަދި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ގޯތިގެދޮރުގެ މައްސަލަ މި ފަސް އަހަރު ތެރޭގައި ހައްލުކޮށް ނިންމަވާނެ ކަމަށެވެ.

މާލެ ސިޓީ އަށް ދިމާވެފައިވާ މި ބޮޑު މައްސަލަ ހައްލުކުރުމަށްޓަަަކައި ސަރުކާރަށް މަޖިލީހުގެ ތެރެއިން ދޭންޖެހޭ އެއްބާރުލުން ދޭނެ ކެނޑިޑޭޓުން މާލެ ސިޓީގެ ގޮނޑިތަކަށް މާލެ ސިޓީގެ ރައްޔިތުން އާދީއްތަ ދުވަހުގެ ވޯޓުގައި ހޮވައިދޭނެ ކަމުގެ ޔަގީންކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭރުން ޝައްކުވެސް ނުުކުރައްވާ ބާރު ސްޕީޑުގައި ގޮސް މިކަން ނިންމާނަން. އެއީ ބަޖެޓާއި ގާނޫނުތަކާއި އެކި ކަހަލަ ލޯންތަކާއި އެކި ކަހަލަ ހީލޭ އެހީއާއި އެކި ކަންތައްތައް ފަހިވެގެން މިކަންވާން އަންނާނީ. އެ ހުރިހާ ކަމެއް ހުރިހާ ކަމެއް ވިސްނާފަ ޕްލޭންކޮށްފައި މިހިރީ، މަސައްކަތް ފަށައިފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލޭ ސިޓީގެ ގޮނޑިތަކަށް އަނެއްކާ ވެސް ހޮވަންވާނީ މިދިޔަ ފަސް އަހަރު ތެރޭގައި މަޖިލީހުގައި ތިއްބައިގެން ހަގީގީ ގޮތެއްގައި އެ ކަންތައް ކޮށްނުދެވުނު ބޭފުޅުންތޯ ނުވަތަ މި ސަރުކާރުން އެ މައްސަލަ ހައްލުކުރުމަށް ޕްލޭންކޮށްފައިވާ ގޮތަށް އެ ކަންތައް ކުރުމަށް މަޖިލީހުގެ ތެރެއިން އެއްބާރުލުން ދޭނެ ކެނޑިޑޭޓުންތޯ ރައްޔިތުން ނިންމަންޖެހޭ ކަމަށެވެ.

މާލެ ސިޓީއަށް ބޭނުންވާ އެހެން ހުރިހާ ކަމެއްގެ އިތުރުން ވަކިން ހާއްސަކޮށް ޒުވާނުންނާ ގުޅިފައިވާ އެތައް ކަމެއް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރެއިން އެންމެ މުހިންމީ ޖުމްލަކޮށް ހުރިހާ ރައްޔިތުން ފުދުންތެރިކަން އިތުރުކުރުން ކަމަށާއި އެކަމަށްޓަކައި އެތައް ގާނޫނެއް ހަދައި އެތައް ގާނޫނެއް އިސްލާހު ކުރަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ އިގުތިސާދީ އެތައް މަޝްރޫއުތަކެއް އެބަހުރި ކަމަށާއި އެ ކަންތައް ކުރެވޭނީ މަޖިލީހުގެ އެއްބާރުލުން ލިބިގެން ކަމަށާއި ސަރުކާރުގެ ކެނޑިޑޭޓުންނަކީ އެ ކަންކަމަށް ސަރުކާރުން ބޭނުންވާ އެހީތެރިކަމަށް މަގުފަހިކޮށްދޭނެ ކެނޑިޑޭޓުން ކަމަށް ރައީސް ވިދާޅުވި އެވެ.

މި ހަތަރު ފަސް މަސް ދުވަހުގެ ތެރޭގައި ވެސް ސަރުކާރުން ވައުދުވެފައިވާ ގިނަ މަޝްރޫއުތަކެއް ފަށައިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ އެ ވައުދުތައް އަޅުގަނޑު ވައުދުވީ ގޮތަށް ފުއްދުމުގެ މަސައްކަތް އެހެރީ ފެށިފައި،" ރައީސް ވިދާޅުވި އެވެ.

އާދިއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8 އިން ހަވީރު 5.30 އަށެވެ.

މި ފަހަރުގެ އިންތިހާބުގައި މާލެ އާއި އަތޮޅުތަކުގެ 93 ދާއިރާއަށް ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މި ފަހަރުގެ އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓައެވެ. އެއީ ރާއްޖޭގައި 599 ފޮއްޓާއި ރާއްޖެެއިން ބޭރުގައި ތިން ފޮއްޓެވެ. ރާއްޖެެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ ލަންކާ، އިންޑިއާ އަދި މެލޭޝިޔާގައެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284،663 މީހުންނަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 145،302 އަންހެނުންނާއި 139،361 ފިރިހެނުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *