Support Us

ވޯޓު ދޭންވީ ތަރައްގީއައިގެން ބާރު ސްޕީޑުގައި ކުރިއަށްދާން: ރައީސް

ރައްޔިތުން ވިސްނަންވީ ތަރައްގީއައިގެން ބާރު ސްޕީޑުގައި ކުރިއަށްދާން ކަމަށާއި މިފަހަރުގެ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ރައްޔިތުން ދޭ ވޯޓަކީ ރާއްޖޭގެ ތަރައްގީއަށް ދޭ ވޯޓަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ރައީސް މި ކަމަށް އެދިވަޑައިގަތީ "ދިވެހީންގެ ރާއްޖެ މަޖިލީހަށް" މިނަމުގައި ޕީއެންސީން ކުރިއަށް ގެންދާ މަޖިލީސް އިންތިހާބުގައި ގަދޮޅު އުތުރު ދާއިރާގެ ކެނޑިޑޭޓު އައިމިނަތު މިއާދާ (އާނަ) ގެ ކެންޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މާލެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް މަޖިލީހުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

"ވަރަށް ގިނަ ބިލްތައް ފާސްކުރަން އެބަހުރި. އިސްލާހު ގެންނަން ޖެހޭ ގާނޫނުތައް އެބަހުރި. ބަޖެޓުގެ ތެރެއިން ޖާގަ ހޯދަން ޖެހޭ އެތައް މަޝްރޫއެއް އެބަހުރި. ގެދޮރުގެ މައްސަލަ ހައްލުކުރުމުގައި މިފަސް އަހަރު ތެރޭގައި މި ނަތީޖާ އަޅުގަނޑުމެން ބޭނުންވާ މިންވަރަށް ނެރުމަށް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއްވެސް ކަހަލަ ތަފާތުކުރުމެއް ނެތި އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކީގައި ރައްޔިތުންނަށް އިހުލާސްތެރިކަމާ އެކު މަސައްކަތްކޮށްދޭނެ ކެންޑިޑޭޓުން ހޮވުމުގެ ވިސްނުން ގެންގުޅެން ޖެހެނީ މި މައްސަލަ ހައްލުކޮށްދެއްވުމަށް ކަމަށެވެ.

"މި ފަސް އަހަރު ތެރޭގައި މި މާލޭ ސިޓީގައި މި މުހިންމު ގެދޮރުގެ މައްސަލަ އަޅުގަނޑު ބޭނުން ހައްލުކުރަން،" ރައީސް ވިދާޅުުވި އެވެ.

ރައްޔިތުންނަށް އެކަމުގައި ދެވޭނެ އެންމެ ބޮޑު އެއްބާރުލުމަކަށް ވާނީ މި އިންތިހާބުގައި އެމަނިކުފާނު އަދި ސަރުކާރުން ތާއީދުކުރާ ކެންޑިޑޭޓުން ހޮވައިދިނުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އޭރުން ހަލުވި ސްޕީޑުގައި ގެދޮރުގެ މައްސަލާގައި ތަރައްގީ ގެނެވި، މާލޭގެ އިޖުތިމާއީ ފޭރާން ރަނގަޅުކޮށް، އިޖުތިމާއީ މައްސަލަތައް ހައްލުކުރުމާއި އުމްރާނީ ތަރައްގީއާ ގުޅިފައިވާ ގިނަގުނަ ކަންތައްތައް ކުރަން ޖެހިފައި އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

މި ހުރިހާ ކަމެއްގައި ވެސް މަޖިލީހުގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށާއި މިފަހަރުގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން އެމަނިކުފާނަށް އިތުބާރުކޮށްދެއްވާ ނަތީޖާ ނެރެދިނުމުގެ ފުރުސަތު ސަރުކާރަށް ދިނުމަށް، ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިދެއްވުމަށް ރައީސް ރައްޔިތުންގެ ކިބައިން އެދިވަަޑައިގެންނެވި އެވެ.

"އަޅުގަނޑު މި އެދެނީ ނަތީޖާ ނެރުމުގައި އެހީތެރިކަމެއް ދެއްވާށޭ. ސަރުކާރުން އެކަނި ކަންކަން ނިންމޭ ގޮތަކަށް ނޫން ގާނޫނު އަސާސީ ބައްޓަންވެފައި އޮތީ. ރައްޔިތުން މަޖިލީހާ އެކީގައި ސަރުކާރަށް ކަންކަން ކުރެވޭ ގޮތަށް ގާނޫނު އަސާސީ އޮތީ. ރައްޔިތުން މަޖިލީހާ ނުލާ ކުރެވޭ ގޮތަށް އޮތް ނަމަ އަޅުގަނޑު މިވާހަކަ ނުދައްކާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ނަތީޖާ ނެރެދެއްވުމަށް ކަމަށެވެ.

"މި ފަސް އަހަރު އަޅުގަނޑު ބޭނުންވަނީ ނަތީޖާ ނެރެދޭން. ފުރަތަމަ ދުވަހުން ފެށިގެން އެކަމާ މިއުޅެނީ. އަޅުގަނޑު ބޭނުމެއް ނޫން ރިޔާސީ އިންތިހާބު ގާތްވީމަ 2027 އާ ހިސާބަށް ދިޔައީމަ ދެން އުޅޭކަށް މިކަންކަމައިގެން،" ކުރީގެ ސަރުކާރުން ދައުރު ނިމެން ކައިރިވެފައިވަނިކޮށް ކަނޑުފަޅުން ރައްޔިތުންނަށް ގޯތިތަކެއް ދޭން ނިންމިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމުގެ ބިޔަ ބޮޑު މަޝްރޫއު ފެއްޓެވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ތަފާތުކުރުމެއް ނެތި މި ފަސް އަހަރު ދުވަސް ނިމޭއިރު ހައްލުކޮށްދެއްވުމަށް ކަމަށެވެ.

"އެއީ (ފުށިދިއްގަރުފަޅަކީ) ހުޅުމާލޭގެ ތިން ހުޅުމާލެ ގާތްގަނޑަކަށް. އެހެންވެ އެތަން ހިއްކައި ނިންމައި އެތަނުގެ ތޮށިލައި، މަގުހަދައި ގެދޮރު އަޅާ ހަދަން ފަށަން ޖެހެނީއެއް 2027 އަކު ނޫން. މި މައްސަލަ މިހާރު ހައްލުކުރަން ބޭނުންވަނީ. އެހެންވެ މަސައްކަތް ފެށީ،" ރައީސް ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް މި ސަރުކާރުން ފެށީ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތަށް ކުރީގެ ސަރުކާރުން ގޯތި ދޭން ނިންމި މަޝްރޫއެއް ހުއްޓާލުމަށްފަހު ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހުޅުމާލެ އާއި ގިރާވަރުފަޅާއި ގުޅީފަޅުން ވައުދުވެވަޑައިގެންނެވި ގޮތަށް ގޯތި ހަވާލުކުރާނެ ކަމަށާއި ހުޅުމާލޭއިން މިހާރު ގޯތި ހަވާލުކުރަން ފަށައިފައިވާއިރު ގުޅީފަޅާއި ގިރާވަރުފަޅުން ވަރަށް އަވަަހަށް ގޯތި ދިނުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ މުހިންމު މައްސަލަ ކަމުގައިވާ ގެދޮރުގެ މައްސަލަ ހައްލުކޮށްދިނުމަށް މި ސަރުކާރުން ފެށި މަސައްކަތުގައި ރައްޔިތުންނަށް ދެވޭނެ އެންމެ ބޮޑު އެއްބާރުލުމަކީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިދިނުން ކަމަަށް ރައީސް ވިދާޅުވި އެވެ.

"މާދަމާ ވެސް މަޖިލީހުން ގާނޫނެއް ފާސްކޮށްލަަންވީ މިކަންތައް ހުއްޓާލަން. މާދަންވެސް މަޖިލީސްގެ އަގުލަބިއްޔަތު އެހެން ބައެއްގެ އަތުގައި އޮވެގެން ނިންމަންވީ ފުށިދިއްގަރުފަޅު ހިއްކުމަކީ ގާނޫނާ ހިލާފެކޭ. ހާއްސަ ގާނޫނެއް ހަދާލަންވީ ނޫންތޯ ހަމަ. ހަދާލީމަ ކިހިނެއްތޯ އަޅުގަނޑު ހަދަނީ؟ އަޅުގަނޑަކަށް ނޫން މުޅި މާލޭގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންތައް ގެދޮރުގެ މައްސަލަ،" ރައީސް ވިދާޅުވި އެވެ.

މާލޭގެ މަގުތައް ހަދަން ޗައިނާގެ ހިލޭ އެހީ ލިބިފައިވާއިރު އެ ފައިސާ ބަޖެޓްގައި ހިމަނަންޖެހޭ ކަމަށާއި މާދަމާ ވެސް މަޖިލީހުން އެ ފައިސާ އެހެން މަޝްރޫއަކަށް ބޭނުންކުރަން ނިންމައިފިނަމަ އެ މަގުތައް ނުހެދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ ރިސްކް ނަގަންވީ ކަމެއް ނޫން.. ބާރު ސްޕީޑުގައި ކުރިއަށްދާން ނިންމަންވީ ހަލުވި ދުވެލީގައި ތަރައްގީއައިގެން. ހަލުވި ދުވެލީގައި ބާރު ސްޕީޑުގައި ރައްޔިތުންނަށް ބޭނުންވެފައި މިހިރަ ކަންކަމުގައި ކުރިއަށްދާން ދެއްވާ ވޯޓަކަށް ހައްދަވާ. އެއްގޮތަށް ވެސް އެތާނގެ ތެރޭގައި ހިޔާލުތަފާތުވެ ޖެއްސުންކޮށް ދެވަނަ ވިސްނުމަކަށް ގޮސް ކަންކަން ހުއްޓުވާ މިހާރު އެދާ ގޮތަށް ދާން ޖާގަ ނުދެއްވާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއޮއްހާ ދުވަހު މަޖިލީސްގެ މެޖޯރިޓީ އިދިކޮޅަށް އޮވެގެން ވީކަމެއް ނެތް ކަމަށާއި އަނެއްކާ އެކަން ތަކުރާރުކުރަންވީ ސަބަބެއް އޮތް ކަމަށް އެއްވެސް މީހަކު ގަބޫލް ނުކުރާނެ ކަމަށެވެ.

އެހެންކަމުން ރައްޔިތުން ނިންމަންވީ މާލެ އާއި މުޅި ރާއްޖެއަށް ތަރައްގީ ގެންނަން ކަމަށާއި 200 މީހުން ހަމަނުވާ ރަށްރަށަށް ވެސް އެބަހުރި ކަމާއި ރިޔާސީ އިންތިހާބުގައި އެ ރަށްރަށަށް ވެވަޑައިގެންފައިވާ ވައުދުތައް އަދި މާ ގިނަ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މަޖިލީހަށް އެ ދާއިރާތަކަށް ތަމްސީލްކުރަން ހޮވާ މެމްބަރުންގެ ވިސްނުން އެހެން ގޮތަކަށް ހުރެއްޖެނަމަ ދެން ހަދާނީ ކިހިނެއްތޯ ރައީސް ސުވާލުކުރެއްވި އެވެ.

ސަރުކާރުން މުޅި ރާއްޖޭގެ ތަރައްގީއަށް ތަފާތުކުރުމެއް ނެތި ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ކުރަން މިހިރަ ކަންކަން ކުރުމަށް ރައްޔިތުން އެއްބާރުލުންދޭނެ ކަމުގެ ފުރިހަމަ ޔަގީން އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *