Support Us

މެޖޯރިޓީ ބޭނުންވަނީ މިއީ ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކުރާނެ ސަރުކާރަކަށްވާތީ: އަދުރޭ

ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ މި ސަރުކާރަކީ ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކުރަންވެގެން އައިސް އޮތް ސަރުކާރަކަށްވާތީ ކަމަށާއި މި ސަރުކާރުން ވެރިކަން ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މި ނަމުގައި ޕީއެންސީން ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި އޭދަފުށީ ދާއިރާގެ ކެންޑިޑޭޓު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ ކެންޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީސްގެ މެޖޯރިޓީ ޕީޕީއެމަށް ބޭނުންވަނީ ކީއްވެތޯ ވަރަށް ގިނަ ފަރާތްތަކުން ސުވާލު އުފައްދާ ކަމަށާއި ސަރުކާރުގެ މެޖޯރިޓީ އޮވެގެން ސަރުކާރުގެ ބޭނުންވާ ގޮތަކަށް ކަންތައް ކުރާނެތީ ސަރުކާރަށް މެޖޯރިޓީ ދޭން ނުޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދާތީ އެކަމަށް ރައްދުދެއްވާ އަދުރޭ ވިދާޅުވީ، ރައީސް ޑރ. މުއިއްޒަށް މަޖިލީހުގެ މެޖޯރިޓީ ދޭން ބޭނުންވަނީ ސަރުކާރުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރުމަށް ކަމަށެވެ.

"ސަރުކާރުން ބޭނުންވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރަން. އެހެންވެގެން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ބޭނުންވަނީ. މި ސަރުކާރަކީ ރައްޔިތުންނަށް ހިދުމަތް ކުރަން އައިސް އޮތް ސަރުކާރެއް،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައިސްފައިވަނީ ރައްޔިތުންނާ ގާތުން ހިދުމަތް ކުރަން ބޭނުންވާ ސަރުކާރެއްގެ ގޮތުގައި ކަމަށާއި މި ސަރުކާރުން ބޭނުންވަނީ ދިވެހި ރާއްޖެއަށް ކުރިއެރުމާއި ތަރައްގީ ގެންނަން ކަމަށެވެ.

"މި ސަރުކާރަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ރައްކާކޮށް، ދަމަހައްޓައި، މާތްވެގެންވާ އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދޭން ބޭނުންނުވާ ސަރުކާރެއް،" އަދުރޭ ވިދާޅުވި އެވެ.

މި ސަރުކާރަކީ ދިވެހިން އަޅުވެތިކަމަށް ދާން ބޭނުންނުވާނެ އަދި އެންމެންގެ މެދުގައި ހަމަހަމަކަމާއެކު އަދުލު އިންސާފު ގާއިމްކުރަން ބޭނުންވާ ސަރުކާރެއް ކަމަށާއި އިދިކޮޅަށް މެޖޯރިޓީ ދޭން ބޭނުންނުވަނީ މި ސަބަބުތަކަށްޓަކައި ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

"އިދިކޮޅަށް މެޖޯރިޓީ ދިނީމަ ފެންނާނީ ސަރުކާރަށް ޖެއްސުންކުރާތަން. ރައްޔިތުންނަށް ހިދުމަތް ކުރަން ހުރަސްއަޅާތަން. ދިވެހި ރާއްޖެއަށް ތަފާތު ދީންތައް ގެންނަން މަސައްކަތް ކުރާތަން. މި ރާއްޖޭގެ މިނިވަންކަން ނަގާލަން މަސައްކަތްކުރާތަން. އެހެންވީމަ އިދިކޮޅަށް މެޖޯރިޓީ ނުދީ ސަރުކާރަށް މެޖޯރިޓީ ދޭން ބޭނުންވަނީ،" އަދުރޭ ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ފިއްލަވައިގެން ނޫން ކަމަށާއި އެމަނިކުފާނު ވެރިކަން ކުރައްވަމުން އެ ގެންދަވަނީ ރައްޔިތުންނާ ގާތުން ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އެހެންވީމަ އެމަނިކުފާނުގެ (ރައީސް ޑރ. މުއިއްޒުގެ) ވެރިކަން ދެމެހެއްޓުމަށްޓަކައި، އެ ވެރިކަން ކުރަން ފަސޭހަކޮށްދިނުމަށްޓަކައި މަޖިލީހުގެ މެޖޯރިޓީ ބޭނުންވެގެން މި އުޅެނީ،" އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމްގެ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެއްޔާ މާލޭގެ ރައްޔިތުންނަށް ގޯއްޗެއް ނުލިބޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވާ އަދުރޭ ވިދާޅުވީ މާލެ އާއި ދިވެހި ރާއްޖޭގެ ގެދޮރުވެރިކަމަށް ބޭނުންވެފައިވާ މީހުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނީ ރައީސް ޑރ. މުއިއްޒު ކަމަށެވެ.

"ގެދޮރުވެރިކަން ހައްލުކޮށްދޭންވެގެން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުން މި ގެންދަނީ.." އަދުރޭ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *