Support Us

ހުޅުމާލެ ފޭސް ތިނަކުން މިހާތަނަށް 15 ހެކްޓަރުގެ ބިން ހިއްކައިފި

ހުޅުމާލެ ފޭސް ތިނަކުން މިހާތަނަށް 15 ހެކްޓަރުގެ ބިން ހިއްކައިފައިވާ ކަމަށް އެޗް.ޑީ.ސީން މިއަދު ބުނެފިއެވެ.

އެޗް.ޑީ.ސީން ބުނީ ފޭސް ތިނަކުން ހިއްކަން ނިންމާފައިވާ 63 ހެކްޓަރުގެ ތެރެއިން 15 ހެކްޓަރުގެ ބިން ހިއްކައި، "މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރިއަށް" ކަމަށެވެ.

"ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރިއަށް. މިހާތަނަށް 15 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައި،" އެޗް.ޑީ.ސީން ބުންޏެވެ.

ކުރީ ސަރުކާރުން، ހުޅުމާލެ ފޭސް ތިނެއްގެ ފުރަތަމަ ބައިގެ ގޮތުގައި 10 ހެކްޓަރުގެ ބިން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހިއްކައިފަ އެވެ. ބާކީ 53 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މި ސަރުކާރުންނެވެ.

އެޗް.ޑީ.ސީން ބުނާ ގޮތުގައި ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ.

"އެގޮތުން ފުރަތަމަ ބައިގެ ގޮތުގައި ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ 10 ހެކްޓަރ ބިން މިހާރު ވަނީ ހިއްކާ ނިމި، ދެވަނަ ބައިގެ ވެސް ފަސް ހެކްޓަރ ހިއްކައިފައެވެ. މިހާރު ކުރިއަށް ދަނީ ދެވަނަ ބައިގެ ނުނިމި އޮތްބައި ހިއްކުމުގެ މަސައްކަތެވެ. އެގޮތުން ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގެ ގޮތުގައި މުޅި ޖުމްލަ ހިއްކުމަށް ކަނޑައެޅިފައި ވަނީ 63 ހެކްޓަރެވެ."

ހުޅުމާލެ ފޭސް ތިނެއް ހިއްކުން ކުރީގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ މިހާރު ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ވެސް ހިންގާ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާ އެވެ. އެޗްޑީސީން އެ ކުންފުންޏަށް މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 259.2 މިިލިއަން ރުފިޔާ އަށެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ އަގު އަދާކުރަނީ ހުޅުމާލޭގެ 10 ހެކްޓަރުގެ ބިމާއި ތިލަފުށިން ހިއްކާ 9.8 ހެކްޓަރުގެ ބިން ވިއްކައިގެންނެވެ. ބިން ހިއްކުމުގެ އިތުރުން ރިވެޓްމެންޓް ޖެހުމާއި ހުޅުމާލެ ތިނެއްގެ މަގުތަށް ހެދުމާއި ފާލަން ހެދުމާއި ޖެޓީ ހެދުން ވެސް މި މަޝްރޫއުގެ ދަށުން އެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.