Support Us

އައްޑުއާއި ހުވަދުއަތޮޅާ ދެމެދު މޯލްޑިވިއަން އުދުހެން ފަށަނީ

ރާއްޖޭގެ އެންމެ ދެކުނުގެ އައްޑުއަތޮޅާއި ހުވަދުއަތޮޅު ގުޅުވައިދޭ އެތެރޭގެ އުދުހުމުގެ ޚިދުމަތް މޯލްޑިވިއަނުން ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.

ޤައުމީ އެއަރލައިން އިން ބުނީ "ސައުތު ކަނެކްޓިވިޓީ އިނިޝިއޭޓިވް"ގެ ދަށުން ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ގއ. ކޫއްޑޫ އެއާޕޯޓާ ގުޅުވައިދޭ ދަތުރުތައް، މި އަހަރުގެ އޮކްޓޫބަރު 29 އިން ފެށިގެން ހަފުތާއަކު ދެ ދުވަހު ބާއްވާނެ ކަމަށެވެ.

"ސައުތު ކަނެކްޓިވިޓީއަކީ ދިވެހި ސަރުކާރުން އިސް ނަންގަވައިގެން، ރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ ތަރައްގީއަށް އެހީތެރިވެދިނުމަށް ޓަކައި، މޯލްޑިވިއަންއާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން, މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަދި މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން، ފަތުރުވެރިކަން އިތުރަށް ގުޅުވައިދީ، ވިޔަފާރީގެ ގުޅުންތައް ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތެކެވެ." މޯލްޑިވިއަންގެ ބަޔާނެއްގައިވެއެވެ. "ގަން އިންޓަނޭޝަނަލް އެއާޕޯޓް އާއި ހުވަދުއަތޮޅު ކޫއްޑޫ އެއާޕޯޓާ ދެމެދު ދޭ މި ޚިދުމަތުގެ ސަބަބުން ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް 2،100އަށް ވުރެ ގިނަ އެނދު ހިމެނޭ ގއ. އާއި ގދ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް ސީދާ ދިއުމުގެ މަގުފަހިވާނެއެވެ. އަދި މި ދަތުރުތަކުގެ ސަބަބުން ދެކުނު ސަރަހައްދުގެ އިމްޕޯޓް/ އެކްސްޕޯޓް ވިޔަފާރިތަކަށް އިތުރު އެހީތެރިކަމަކަށް ވާނެއެވެ."

މި ދަތުރުގެ ޓިކެޓް ބުކިންސް މޯލްޑިވިއަންގެ ޓިކެޓު ގަންނަ ހުރިހައި ވަސީލަތަކުން ވެސް މިއަދުން ފެށިގެން ހެދޭނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.