Support Us

ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ މެމްބަރުން ހޮަވައިދިނުމަށް އެދިވަޑައިގެންފި

ޕީޕީއެމް/ޕީއެންސީގެ އާއްމު މެމްބަރުންގެ މެދުގައިވާ ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، ޕާޓީގެ ޓިކެޓް ލިބިފައިވާ ކެންޑިޑޭޓުން މިމަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހޮވައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ރައީސް މިގޮތަށް އެދިވަޑައިގަތީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މި ނަމުގައި ޕީއެންސީ ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގއ. ވިލިނގިލީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ޔަޒްމީދު މުހައްމަދުގެ ކެންޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ގާނޫނު އަސާސީގައި އޮތް ގޮތުން މަޖިލީހުގައި ދައުރެއް ނެތި ރައްޔިތުންނަށް ކުރިއެރުން ގެނެސް ނުދެވޭނެ ކަމަށާއި އެމަނިކުފާނު ރައްޔިތުންނަށް ވައުދުވެވަޑައިގެންފައިވާ ގޮތަށް ނަތީޖާ ނެރެވޭނީ ވެސް ރައްޔިތުންގެ މަޖިލީހުގެ ދައުރެއް އޮވެގެން ކަމަށެވެ.

"އެހެންވީމަ ބޭކާރު ވެގެންދާނެ ގޮތަކަށް މަޖިލީހަށް މެމްބަރުން ހޮވުމަކީ އަޅުގަނޑުމެން އަތުން ކޮށްގެންވާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވިލިނގިލީގެ ރައްޔިތުން އެމަނިކުފާނަށް ދިން ތާއީދު ފާހަގަކުރައްވާ ރައީސް އެދިވަޑައިގަތީ އެ އެކުވެރިކަމާއި އެ ޖޯޝުގައި ނުކުމެ އެ މަނިފާނު އިތުބާރު ކުރައްވާ، ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓް ހޮވައިދިނުމަށެވެ.

"އަޅުގަނޑު އެދެނީ ވިލިނގިލީގެ ތަރައްގީއަށްޓަކައި އެންމެން އެކުގައި ނިކުމެވަޑައިގެން (މި މަހު) 21 ވަނަ ދުވަހު އޮންނަ ވޯޓުގައި އަޅުގަނޑުގެ 100 ޕަސެންޓް އިތުބާރު އޮތް، ފުރިހަމަ ތާއީދު އޮތް ޔަޒްމީދު ހޮއްވައިދިނުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކަން ނުކޮށްފިނަމަ މިދިޔަ ފަސް އަހަރު ދުވަސް ގޮތަށް މަޖިލީހުގައި އެ ގޮނޑީގައި ނަމެއްގައި އިންނަ ކެނޑިޑޭޓަކު ހޮވުމަކީ ފޫބެއްދޭނެ ކަމެއް ނޫން ކަމަށެވެ.

ވިލިނގިއްޔަށް އެތައް ކަމެއް ކުރުމަށް ހަމަޖެހިފައިވާއިރު އެ ކަންކަން ކުރަން ބޭނުންވާ ގާނޫނުތައް ހަދަންޖެހޭ ކަމަށާއި ޕާޓީގެ ތެރޭގައި އޮންނަ ހިޔާލުތަފާތުވުމާއި ބައިބައިވުމުން ގޮސް އެ ގޮނޑި ގެއްލޭނެ ފަދަ ކަމެއް ނުކުރުމަށް ރައީސް އެދިވަޑައިގަތެވެ.

"އަޅުގަނޑަށް ތިޔަ ބޭފުޅުން ރިޔާސީ އިންތިހާބުގައި ދެއްވި ބޮޑު މެޖޯރިޓީ، އެ އެކުވެރިކަން ދައްކަވައިގެން މިރެއިން ފެށިގެން ހުރިހާ ހިޔާލުތަފާތުވުމެއް ދޫކޮށްލާފައި، ޒާތީ ތައައްސުބެއް އެއްކައިރިކުރައްވާފައި، ހުރި ކޮންމެ ހިތްހަމަނުޖެހުމެއް ވެސް އެއްކައިރި ކުރައްވާފައި، ޕާޓީއަށްޓަކައި، ގައުމަށްޓަކައި އަޅުގަނޑަށް ތި ކުރައްވާ އިތުބާރަށްޓަކައި، އެންމެން އެކަތިގަނޑަކަށް ވެވަޑައިގެންނަވާ. އެކަތިގަނޑަކަށްވެ ޔަޒްމީދު ހޮވުމަށް އަޒުމްކަނޑައަޅުއްވާ،" ރައީސް ވިދާޅުވި އެވެ.

"އެންމެން އެކަތިގަނޑަކަށް ވާންވީ މިހާރު، މި ވޭތުވެދިޔަ ތަން ދޫކޮށްލައްވާ… މިއީ އެއްޓީމެއް… ވިލިނގިލީގެ ރައްޔިތުން އެކުގައި މަސައްކަތްކޮށްފިއްޔާ މިއީ އެންމެ ފަސޭހައިން ނެގޭ ގޮނޑިއަށްވާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ވިލިނގިލީގެ އިތުރުން އެހެން ދާއިރާތަކުން ވެސް އެ ޕާޓީގެ އަތުގައި ހުރި ގޮނޑިއެއް ގެއްލޭނެ ގޮތަށް މަސައްކަތް ނުކުރުމަށާއި ހިޔާލުތަފާތުވުންތައް ދޫކޮށްލައި އެންމެން އެއް ޓީމެއް، އެއް ބައެއްގެ ގޮތުގައި ހުރިހާ ދާއިރާއަކުން ވެސް މަސައްކަތް ކޮށްދިނުމަށް ދާއިރާތަކުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *