Support Us

ސުޕަރ މެޖޯރިޓީ އޮވެގެން ކޮށްދެވުނު ކަމެއް ނެތް، އެފަދަ ބަޔަކަށް އަލުން މަޖިލީސް ދިނުމުގެ މާނައެއް ނެތް: ރައީސް

އެމްޑީޕީއަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮވެގެން ރާއްޖޭ ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ދެއްކޭކަށް ނެތް ކަމަށާއި އެފަދަ ބަޔަކަށް އަނެއްކާވެސް މަޖިލިސް ދިނުމުގެ މާނައެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މި ނަމުގައި ޕީއެންސީން ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާފަންނު ދެކުނު ދާއިރާގެ ކެންޑިޑޭޓު އަބްދުﷲ ރިފާއު (ބޮޗޭ) ގެ ކެންޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިދިޔަ ފަސް އަހަރު ނިިިމިގެން ދިޔައިރު އެމްޑީޕީއަށް ކޮށްދެވުނު ކަމެއް ދެއްކެން ނެތްއިރު އެފަދަ ބަޔަކަށް ދެވަނަ ފަހަރަށް މަޖިލީސް ދިނުމުގެ މާނައެއް ނެތް ކަމަށާއި ދެން ވިސްނަންވީ ގައުމީ ވިސްނުމާއި ތަރައްގީގެ ވިސްނުމާއި ދީނާއި މިނިވަންކަމުގެ ހައްގުގައި މި ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުުމުގެ ވިސްނުން ކަމަށެވެ.

"މި ފަސް އަހަރު ނިމިގެންދިޔަ އިރުގައި، މި ފަސް އަހަރު މަޖިލީހުގައި މަސައްކަތްކޮށް، މާލޭގެ އަދި މުޅި ރާއްޖޭގައި ރައްޔިތުންނަށް ކަމެއް ނުކޮށްދެވުނު ބޭފުޅުންނަށް ދެވަނަ ފަހަރު ފުރުސަތެއް ދިނުމުގެ މާނައެއް ދެއްކޭކަށް އަދި ފެންނާކަށް ނެތް،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމެން އުޅެނިކޮށް މާލެ ކައިރިން ފަޅެއް ނަގައިފައި އެއްވެސް ހަމައެއް ނެތި އެތަނުން ރައްޔިތުންނަށް ގޯތިތަކެއް ދޭން ނިންމުމަކީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރި ކަމެއް ނޫން ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމަ ދެއްތޯ ރައްޔިތުން ނިންމީ އެކަން ވެސް ރަނގަޅުކުރަން (ރިޔާސީ އިންތިހާބުގައި) އަޅުގަނޑަށް ވޯޓް ދޭން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ ތަރައްގީއަށް ކުރެވުނު ކަމެއް ކުރެވިފައި އޮތީ އެމަނިކުފާނުގެ މޭޔަރު ކަމުގައި ކަމަށެވެ.

"އަޅުގަނޑު މާލޭގެ މޭޔަރަކަށް ރައްޔިތުން ހޮވައިގެން އޭރު އަޅުގަނޑުމެންނަށް ކުރެވުނު މަދު ކަމެއް އެކަނި. އެއީ ސަރުކާރުގެ އެއްބާރުލުން ނުލިބި ކުރެވުނު މަދު ކަމެއް ކުރެވުނީ. މަޖިލީސް އޮވެ، ސަރުކާރު އޮވެ، މި މާލެ ސިޓީ ތަރައްގީކުރަން ލިބުނު ރަނުގެ ފުރުސަތު އެބޭފުޅުން ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ދޫކޮށްލެއްވީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ގެދޮރުވެރިކަން ކަށަވަރު ކުރުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް އެގޮތުގައި ފުއްދަވާނެ ކަމަށް ރޭ ވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.

މާލޭ ސިޓީގައި ހާލުގައި އުޅޭ ރައްޔިތުންނަށް ބޭނުންވެފައިވާ ގޯތިގެދޮރު މައްސަލަ ސަރުކާރުން ހައްލުކުރުމުގައި ވެސް ނަގަން ޖެހޭ ލޯންތަކާއި ސީދާ ޕީއެސްއައިޕީ މަޝްރޫއުގެ ތެރެއިން ކުރަން ޖެހޭ ކަންތައްތައް ހުރި ބިލްތައް ފާސްކުރަންޖެހޭ ކަމަށާއި މަޖިލީސްގެ ދައުރު މުހިންމު ވަނީ މި ސަބަބުތަކާ ހެދި ކަމަށް ރައީސް ވިދާޅުވި އެވެ.

"މަޖިލީހުގެ ދައުރު ވަރަށް ބޮޑަށް ހިމެނޭ ކަމެއް ގެދޮރުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި މަޖިލީސް ބޭނުންކޮށްގެން ސަރުކާރަށް އެކި ކަންކަމުގައި ހުރަސް އެޅި ގޮތަށް، އަނެއްކާ އެމްޑީޕީއަށް ފަސް އަހަރުގެ މަޖިލީސް މެޖޯރިޓީ ދީފިނަމަ މާލޭގެ ރައްޔިތުން އަމިއްލައަށް މަގުމަތިވެދާނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.

މާލޭ ސިޓީގެ ރައްޔިތުންގެ ގޯތި ގެދޮރުގެ މައްސަލަ މި ފަސް އަަހަރު ނިމިގެންދާއިރު ހައްލުކޮށްދެއްވާނެ ކަމަށާއި އެކަން ވެގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބިގެން ކަމަށް އެމަނިފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އެއްބާރުލުން ދޭނެ މެމްބަރުން ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އެއްބާރުލުން ނުލިބެންޏާ ކުރިމަތިކުރެވޭނެ އެތައް ހުރަހެއް އެބަހުރި. ސަރުކާރުގެ ހިންގުން މަސައްކަތް އެއްކޮށް ހުއްޓުވޭހާ ބާރު އޮތް ތަނެއް މަޖިލީހަކީ. ދުވާލަކު އެއްފަހަރު ވަޒީރެއްގެ ނޯ ކޮންފިޑެންސް ނެގިޔަސް ސަރުކާރު ހިންގަން އުނދަގޫވާނެ. ނޫނިއްޔާ ރައީސްގެ ނޯކޮންފިޑެންސް ނެގިޔަސް ހުރަސް އެޅޭނެ. ދެކޮޅު ނުޖެހޭ އެތައް ގާނޫނުތަކެއް ސަރުކާރަށް ހުރަސްއަޅަން ވެގެން ކަންތައްތަކެއް ކުރިއަސް ހުރަސްއެޅޭނެ. ބަޖެޓް ފާސް ނުކޮށްދިނަސް…. އެެހެންވީމަ މަޖިލީހަކީ (ސަރުކާރަށް) ޒަރޫރީ ތަނެއް،" ރައީސް ވިދާޅުވި އެވެ.

މި ހުރިހާ ސަބަބުތަކާ ހުރެ ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިދިނުމަށް ވަރުގަދަ އަޒުމުގައި ރައްޔިތުން މަސައްކަތް ކޮށްދިނުމަށް ރައީސް ޑރ. މުއިއްޒު އެދިވަޑައިގެންނެވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *