Support Us

ބޭރު ބޯޓުފަހަރުން ކޮންޓޭނަރު އަރުވައި ބޭލުމުގެ ފީ ޑޮލަރުން ނަގަން ފަށައިފި

އުޅަނދުފަހަރަށް ކޮންޓޭނަރު އަރުވައި ބޭލުމަށް އެޖެންޓުންގެ އަތުން ނަގާ ފީ ނުވަތަ "ސްޓީވެޑޯރިން" މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން  ޑޮލަރުން ނަގަން ފަށައިފި އެވެ. އެމްޕީއެލްގެ މީޑިއާ އޮފިޝަލް "އަދިވެސް" އަށް ވިދާޅުވީ މި ފީ ޑޮލަރުން ނަގާނީ ހަމަ އެކަނި ރާއްޖެއިން ބޭރުން އަންނަ ބޯޓުފަހަރުގެ އެޖެންޓުންގެ އަތުން ކަމަށެވެ.

"ބޭރު ގައުމުތަކުން އަންނަ ވެސަލްތަކުން މުދާ ބޭލުމާއި އެރުވުމަށް މި ފީ ނަގާނީ ބޭރުގެ އެޖެންޓުންގެ އަތުން. ދިވެހިންގެ އަތުން ނަގާނީ ރުފިޔާއިން،" އޮފިޝަލް ވިދާޅުވި އެެވެ.

ސްޓީވެޑޯރިން ފީގެ ގޮތުގައި 20 ފޫޓުގެ ކޮންޓެއިނަރަކުން ނަގަނީ 195 ޑޮލަރެވެ. އަދި 40 ފޫޓުގެ ކޮންޓޭނަރަކުން 211 ޑޮލަރެވެ.

"މިއީ މީގެ 12 އަހަރު ކުރިން ވެސް އެމްޕީއެލުން ނަގަމުން އަންނަ ފީއެއް. ހަމައެކަނި ތަފާތަކީ ރުފިޔާއިން ނަގަމުން ގެންދިޔަ އެއްޗެއް ޑޮލަރުން ނަގަން ފެށުން،" އޮފިޝަލް ވިދާޅުވި އެވެ.

ޑޮލަރުން ފީ ނަގަން ފެށުމުން އެމްޕީއެލަށް ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް 30 މިލިއަން ޑޮލަރު ލިބޭނެ ކަމަށާއި ޑޮލަރުގެ ދަތިކަން ދިމާވެފައިވާ މި ދަނޑިވަޅު އެމްޕީއެލްގެ ބޭނުންތަކުގެ އިތުރުން ސަރުކާރަށް ޑޮލަރު ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ދެކެ އެވެ.

"މިކަމުގެ ސަަބަބުން އެމްޕީއެލްގެ ޑޮލަރު ރެވެނިއު އިތުރުވެ، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ދައުރުވާ ޑޮލަރު އިތުރުވެގެންދާނެ ކަމަށް ދެކެން،"  އޮފިޝަލް ވިދާޅުވި އެވެ.

މި ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން ބައެއް ފަރާތްތަކަށް އޮޅުންއަރައިފައިވާކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވީ ބޭރުން މުދާ ހިފައިގެން އަންނަ ބޯޓުފަހަރުގެ އެޖެންޓުން އަތުން މި ފީ ނެގި ނަމަވެސް މިކަމުގެ ގެއްލުން ދިވެހިންނަށް ނުކުރާނެ ކަމަށެވެ. ސަބަބަކީ މީގެ ކުރިން ވެސް އެޖެންޓުންނަށް އެ ފައިސާ ދައްކަމުން ގެންދިޔައީ ޑޮލަރުން ކަމުގައިވާތީ އެވެ.

"ބޭރުގެ އެޖެންޓުންނަށް ކޮސްޓް އިންޝުއަރެންސް ފްރައިޓް (ސީއައިއެފް) ދައްކާއިރު އެ ފައިސާ ދަައްކަނީ ޑޮލަރުން. އެހެންވީމަ އެ ފީއަކީ ބޭރުގެ އެޖެންޓުން އަތުން ނަގާ އެއްޗެއް،" އޮފިޝަލް ވިދާޅުވި އެވެ.

ސްޓީވެޑޯރިން ފީ ސީއައިއެފްގައި ހިމެނޭއިރު އެޖެންޓު މީހާއަށް އެ ފައިސާ ލިބެމުން އަންނަނީ ޑޮލަރުން ނަމަވެސް އެ ޑޮލަރު އަގުބޮޑުކޮށް މާރުކޮށްފައި އެމީހުން އެމްޕީއެލަށް ދައްކަނީ ރުފިޔާއިން،" އޮފިޝަލް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *