ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ސަރުކާރަށް ދިނުމުގެ ބާރާއި އެ ދައުރު އޮތީ ރައްޔިތުންގެ އަތުގައި ކަަަމަށާއި ރައްޔިތުންގެ ތާއީދު ލިބިއްޖެ ނަމަ ވެވަޑައިގެންނެވި ވައުދުތައް 100 ޕަސެންޓް މި ދައުރު ތެރޭގައި ފުއްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އާއްމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމަށް ރައީސް އޮޮފީހުން ކުރިއަށް ގެންދާ ސިލްސިލާ "ރައީސްގެ ޖަވާބު"ގައި އާއްމުންގެ މީހަކު ކުރި ސުވާލަކަށް މިއަދު ޖަވާބުދެއްވަމުންނެވެ.
ރިޔާސީ އިންތިހާބުގައި ކެންޕެއިނަށްފަހު ރައީސް ކަމަށް ވަޑައިގަންނަވާ ބޭފުޅުން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ދައުރު ނިމިގެންދާއިރު ވެސް އެބޭފުޅަކު ވެވަޑައިގެންނަވާ ވައުދުތަކުގެ 50 ޕަސެެންޓް ވެސް ނުފުއްދެވޭ ކަަމަށާއި އެ ވައުދުތައް ފުއްދެވޭނެ ކަމުގެ ކިހާވަރެއްގެ ގެރެންޓީއެއް ރައީސް ޑރ. މުއިއްޒަށް އެބައޮތްތޯ އެމީހާ ސުވާލު ދެންނެވުމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ނުލިބިއެއް މި ރާއްޖޭގައި މި އޮތް ގާނޫނު އަސާސީގެ ތެރެއިން ރައްޔިތުންނަށް ކަންކަން ކޮށްދިނުުމުގައި ސަރުކާރަށް ފުރިހަމަކަމާއެކީ ކުރެވޭނެ ގޮތެއް ނޯންނަ ކަމަށެވެ.
"ރައްްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ސަރުކާރަށް ދެއްްވުމުގެ ބާރާއި އެ ދައުރު މި އޮތީ ރައްޔިތުންގެ އަތްޕުޅުގައި. އަޅުގަނޑު އުއްމީދު ކުރަނީ ކުރިއަށް މި އޮތް (މަޖިލިސް) އިންތިހާބުގައި ރައްޔިތުން އެގޮތަށް ހަމަޖައްސައިދެއްވާނެ ކަމަށް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުން ތާއީދާ އެކު ރައްޔިތުންގެ މަޖިލިސް ލިބިއްޖެ ނަމަ، ގާނޫނުތައް ފާސްކުރުމާއި ބަޖެޓް ފާސްކުރުން ފަދަ ކަންކަމުގައި ސަރުކާރުން ދާން ބޭނުންވާ ބާރު ސްޕީޑުގައި ދިއުމުގައި ވަރަށް ބޮަޑަށް ފަށޭހެ މަގު ފަހިވެގެންދާނެ ކަމަށެެވެ.
"އޭރުން އަޅުގަނޑު ޔަގީންކަމާ ދަންނަވަން އަޅުގަނޑުވީ ހުރިހާ ވައުދެއް ހަމަ 100 ޕަސެންޓް މި ފަސް އަހަރު ތެރޭގައި ފުއްދައިދޭނެކަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވައުދުތައް ވެވަޑައިގެންނެވީ އެ ވައުދުތައް ފުއްދަވައިދެއްވުމުގެ ނިޔަތުގައި ކަމަށާއި އެ ވައުދުތައް ފުއްދޭނެ ގޮތް ވެސް އެނގިވަަޑައިގެންނަވާތީ ކަމަށެވެ. އަދި ސަރުކާރުން 14 ހަފްތާއަށް ކަނޑައެޅި ވައުދުތައް ގާތްގަނޑަކަށް 100 ޕަސެންޓް ފުއްދާފައިވާ ކަމަށެވެ.
"97 ޕަސެންޓް ވަރު އަޅުގަނޑުމެންނަށް ފުއްދުން ހުރިހާ ވައުދެއް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވައުދުތަކުގެ އެންމެ ބޮޑު އިންސައްތައެއް ކަވަރުކުރުނަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދޭ ބަޖެޓުން ކަމުގައިވާއިރު މިއަހަރު ކުރިއަށް ގެންދިއުމަށް މިސަރުކާރުން ކަނޑައަޅައި ބަޖެޓްގައި ހިމެނުމަށް މަޖިލީހަށް ފޮނުވުމުން މަޖިލީހުން ބަޖެޓް ފާސްކުރީ އޭގެ ތެރެއިން ބޮޑު ބައެއް އުނިކޮށްފައި ކަަމަށެވެ.
"ފެނިވަޑައިގެންނަވާނެ މި އަހަރަށް ފާސްކުރި ބަޖެޓް ވެސް އަޅުގަނޑު މިއަހަރު ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތައް ހިމަނާފައި ފޮނުވީމަ ވެސް އޭގެ ތެރެއިން އެތައް މަޝްރޫއެއްގެ އަދަދުތައް ވަރަށް ކުޑަކޮށްލައިފައި، އަދި ބައެއް މަޝްރޫއުތައް އެއްކޮށް އުނިކޮށްލާފަ ބަޖެޓް ފާސްކުރީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު އާއްމު ގޮތެއްގައި ހިނގަމުންދާ މަޝްރޫއުތައް އެ އަހަރެއްގެ ތެރޭގައި އަލަށް ފެށޭ އަހަރު ނިންމޭނަމަ މުޅި މަޝްރޫއަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހިމަނައިދޭނެ ކަމަށާއި މަޖިލީހުން މިފަހަރު އަމަލް ކުރީ އެގޮތަށް ނޫން ކަމަށެވެ.
"ކުޑަ އަދަދެއްގެ ފައިސާ ހިމެނީ، އޭގެ ސަަބަބުން މަޝްރޫއަށް ދަތިތައް އާދޭ، އަލަށް ފަށަން އަޅުގަނޑު ހިމެނީ އަޅުގަނޑުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ގިނަ މަޝްރޫއުތައް ވެސް ފަހު ކުއާޓަރުގައި ކިރިއާ ފެށޭވަރަށް ކުޑަ އަދަދެއްގެ ފައިސާ ހިމަނާ ފާސްކޮށްދިނީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.