Support Us

ރިޔާސީ ކެންޕެއިންގެ ދަތުރުތަކަށް އެމްޑީޕީން 5.6 މިލިއަން ރުފިޔާ ނުދައްކައިގެން މޯލްޑިވިއަނުން ކޯޓަށް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީން މޯލްޑިވިއަނުން ނަގައިފައިވާ ޓިކެޓަށާއި ޗާޓަރު ފްލައިޓްތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ނުދައްކައިގެން އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އެމްޑީޕީގެ މައްސަަލަ ސިިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް މިއަދު ވިދާޅުވީ އެ މައްސަލަ ކޯޓަށް އިއްޔެ ހުށަހެޅީ އެމްޑީޕީއަށް ތަކުރާރުކޮށް އެންގުމުން ވެސް އެ ފައިސާ ނުދެއްކުމުން ކަމަށެވެ.

"މި ފައިސާއަކީ ސެޕްޓެމްބަރ 23 އިން 2 އޮކްޓޯބަރުގެ ނިޔަލަށް ކޮށްފައިވާ ދަތުރުތަކަށް ދައްކަން ޖެހޭ ފައިސާ. ގާތްގަނޑަކަށް 10 އިންވޮއިސް ހެދިފައިވޭ މި ފައިސާ ދައްކަން. ނަމަވެސް އެއިން އެއްވެސް އިންވޮއިސްއަކަށް ފައިސާ ދައްކައިފައެއްނުވޭ،" އިޔާސް ވިދާޅުވި އެވެ.

އިޔާސް ވިދާޅުވީ އެމްޑީޕީން އެ ދަތުރުތަކަށް ޓިކެޓް ނަގައިފައިވަނީ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދައްކާ ގޮތަށް އެއްބަސްވެފައި ކަމަށާއި ފައިސާ ނުދައްކައިގެން ސިޓީ ތަކުރާރުކޮށް ހުށަހެޅުމުން އެއް ފަހަރު އެ ޕާޓީން މައުލޫމާތެއް ސާފުކުރަން އެދި ސިޓީއެއް ފޮނުވި ކަމަށެވެ.

"އެ ޕާޓީން ސިޓީއެއް ފޮނުވީމަ، އެ މައުލޫމާތުތައް ސާފުކުރުމަށް ފަހު އަޅުގަނޑުމެން އެންމެ ފަހުން ސިޓީއެއް ފޮނުވީ މި އަހަރުގެ މާޗް މަހު، އެ ފަހަރު 23 މާޗްގެ ކުރިން ފައިސާ ނުދައްކައިފިނަމަ ކޯޓަށް މައްސަލަ ވައްދާނެކަން ވެސް ވާނީ އަންގާފަ،" އިޔާސް ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަނުން އާއްމު ގޮތެއްގައި ކްރިޑިޓަށް ދޫކުރަމުން ގެންގޮސްފައިވަނީ ހަރުދަނާ އުސޫލެއްގެ މަތިން ކަމަށާއި ނަމަވެސް ކުރީގެ މެނޭޖްމަންޓުން އެގޮތަށް އަމަލްކޮށްފައިނުވާ ކަމަށް އިޔާސް ވިދާޅުވި އެވެ.