އިދިކޮޅު އެމްޑީޕީން ބޭނުންވަނީ ބޭރު ގައުމެއްގެ ސަފީރަކު ބޭނުންވާ ގޮތަށް ގައުމު ހިންގަން ކަމަށާއި އެ މިސްރާބަށް ގައުމު ގެންދަން ރައްޔިތުން ދެން ފުރުސަތު ދީގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މި ނަމުގައި ޕީއެންސީން ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި ދާންދޫ ދާއިރާގެ ކެންޑިޑޭޓް މުހައްމަދު ފަޒީލްގެ ކެންޕެއިން ގަޖަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހެޔޮ ވިސްނޭ، ގައުމު ދެކެ ލޯބިވާ މީހުން ވިސްނަންވާނީ ގައުމުގެ ކަންކަމާ މެދު އަމިއްލަ އަށް ކަމަށާއި ގައުމުގެ ކަންކަމާ މެދު ގޮތް ނިންމަން ޖެހޭނީ އަމިއްލައަށް ކަމަށެވެ.
"މިއީ އަމިއްލަވަންތަ ފަހުރުވެރި މިނިވަން ގައުމެއް. މި ގައުމުގެ ކަންކަން ދިވެހިން ނިންމާނީ ބޭރު ބަޔަކު ބުނާހާ ގޮތަކަށް، ކައިރީގައި ހުންނަ އެމްބެސީގެ އެމްބެސަޑަރު ވަޑައިގެން ވިދާޅުވާ ގޮތަކަށް ނޫން މިގައުމުގެ ކަންކަން ހިނގަންޖެހޭނީ. އެކަން މާޒީކޮށްފި ދިވެހި ރައްޔިތުން،" ވަކި ގައުމެއްގެ ނަން ފާހަގަނުކުރައްވައި ރައީސް ވިދާޅުވި އެވެ. ދިވެހިން ދެން އަނެއްކާ އެމަގަށް ދާން ފަރުސަތު ދީގެން ނުވާނެ ކަމަށާއި އިދިކޮޅުން އުޅެނީ އެ މިސްރާބަށް ނުހިފިގެން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"ދިވެހީންގެރާއްޖެ މަޖިލީހަށް" މި ނަމުގައި ޕީއެންސީން ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި ދާންދޫ ދާއިރާގެ ކެންޑިޑޭޓް މުހައްމަދު ފަޒީލްގެ ކެންޕެއިން ގަޖަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ pic.twitter.com/BpTbl45QZ1
— adhives.mv (@AdhivesOnline) March 31, 2024
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ ގައުމުގެ އިގުތިސާދު ވައްޓާލައިފައިވާ އޮތް އަނދަވަޅުން ނަގާ ކޮޅަށް ޖަހެމަށް ކަމަށާއި އެ މަސައްކަތް ކުރާނީ މިދިޔަ ސަރުކާރުގައި ކުރި ގޮތަށް ފައިސާ ޗާޕްނުކޮށް ކަމަށެވެ.
"120 ބިލިއަން ރުފިޔާގެ ދަރަނި އެ ދައްކަން ހުރި ތާރީހުތަކުގައި މިދަނީ ދައްކަމުން. އެންމެ ފަހުން މި މަހުގެ 19 ގައި ދައްކަން އޮތް ލޯން ބޭރުގެ ލޯން ދެއްކިން ވަގުތަށް.، އޭގެ ކުރިން އޮތް ދަރަނި ވެސް ދެއްކިން ވަގުތަށް. އެކަމަކު ފައިސާއެއް ޗާޕެއް ނުކުރަން އަޅުގަނޑުމެން. ފައިސާ ޗާޕެއް ނުކުރަން. މުސާރަވެސް ދެމުން މިދަނީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން 2022 އަދި 2023 ގައި ހުއްޓިފައި ހުރި މަޝްރޫއުތައް ރިޔާސީ ކެންޕެއިންގެ ތެރޭގައި ރަށްރަށަށް ވަޑައިގެންނެވި އިރު ފެންނަން ހުރި ކަމަށާއި އެ މަޝްރޫއުތައް ހުއްޓިފައި ހުރީ އޭރު އެ މަޝްރޫއު ފެށުމަށްފަހު އެ ކުންފުނިތަކަށް ލާރި ނުދީ ހުރުމުން ކަމަށެވެ.
"ދިވެހީންގެރާއްޖެ މަޖިލީހަށް" މި ނަމުގައި ޕީއެންސީން ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި ދާންދޫ ދާއިރާގެ ކެންޑިޑޭޓް މުހައްމަދު ފަޒީލްގެ ކެންޕެއިން ގަޖަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ pic.twitter.com/89V74UiHm0
— adhives.mv (@AdhivesOnline) March 31, 2024
"އަޅުގަނޑުމެން މި އަންނަނީ ހަމަ ފައިސާ ޗާޕުނުކޮށް މި ލިބޭ އާމްދަނީގެ ތެރެއިން ތަރުތީބުކޮށްގެން މި ކުންފުނިތަކަށް ލާރިދީގެން ޕެންޑިން ބިލްތައް ދައްކައިގެން އެމީހުން މޮބިލައިޒްކުރުމުގެ މަސައްކަތްތައް ކުރަމުން. އެކަން އެބަފެނޭ ބައެއް ރަށްރަށުން. ސްކޫލް މަޝްރޫއުތައް ހުއްޓިފައި ހުރީ، ހެލްތް ސެންޓަރުތަކުގެ މަސައްކަތް ހުއްޓިފައި ހުރީ. މިހުރިހާ ކަމެއް އެ ދަނީ ފެށިގެން މިހާރު. މަލްޓިޕާޕަސް ހޯލްތައް، ސްޕޯޓްސް އެކިއެކި ފެސިލިޓީތައް، ބަނދަރުތައް، މަގު ހެދުން، ނަރުދަމާ މި ކަންކަން ހުރީ ހުއްޓިފައި،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން އެމްޓީސީސީގައި ތެޔޮ ލިބޭނެ ގޮތެއް، ތެޔޮ އެޅޭނެ ގޮތެއް ނެތް ކަމަށާއި ނަަމަވެސް އެމްޓީސީސީގެ ހުރިހާ މަޝްރޫއުތަކެއް މިހާރު ފެށިގެން އެދަނީ ފައިސާ ޗާޕުނޮށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ފައިސާ ޗާޕްނުކޮށް ވެސް ގައުމުގެ ކަންކަން ރަނގަޅު މިސްރާބުން ގެންދެވޭނެ ކަމަށާއި މި މިސްރާބުން ދިއުމުން ރައްޔިތުންނަށް ހިތްހަމަޖެހުން ލިބި، ގައުމަށް ދިރުން އަންނާނެ ކަމުގެ އުއްމީދު އެބަ ލިބޭ ކަމަށެވެ. އަދި އެ ކަންކަން ރަނގަޅު މިސްރާބުންދާތީ އިދިކޮޅަށް ހަޖަމްނުކުރެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި މިސްރާބުން ދިޔައީމަ ރައްޔިތުން ބާރުވެރިމިވަނީ. ރައްޔިތުން ފުދުންތެރިވަނީ. ދިވެހި ގައުމަށް އާރޯކަން އަންނަނީ. ދިވެހި ގައުމުގައި އިންވެސްޓްކުރާނެ އިންވެސްޓަރުންނަށް ކޮންފިޑެންސް އަންނަނީ. އެކަން ހަޖަމްނުވަނީ. އެހެންވީމަ މިސްރާބުން ކައްސުވާލެވޭތޯ އެހެން ދިމާލަކަށް ގެންދެވޭތޯ އުޅޭ އުޅުމަށް އަޅުގަނޑުމެން އިޖާބަދޭކަށް ނުވާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.