Support Us

ފެނު ބިލަށް ފިސާރި ލުއި ގޮތްތަކެއް- އަވަހަށް ބިލް ދައްކާލާ!

ރަމަޟާންމަހު ގޭބިސީތަކުގެ ފެންބިލާއި ކަރަންޓު ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަންޖެހޭތީ، މިކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި، ޢާއްމު މަހެއްގައި ހުންނަ މިންވަރަށް ރަމަޟާން މަހުގެ ފެންބިލާއި ކަރަންޓު ބިލް ހުންނާނެ ގޮތަށް ވަނީ ނިންމަވާފައެވެ.

ސަރުކާރުގެ މި ނިންމެވުމާ ގުޅިގެން ޑޮމެސްޓިކް ކަސްޓަމަރުންނަށް މި ރަމަޟާންމަހު ކަރަންޓު ބިލާއި ފެން ބިލް ފޮނުވޭނީ ޢާންމު މަސްތަކުގެ އެވްރެޖަށްވުރެ ބިލް އިތުރުނުވާނެ ގޮތެއްގެ މަތިން ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުނެއެވެ. މިގޮތުން ކަސްޓަމަރުންގެ އެވްރެޖް ބިލްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޢާންމުކޮށް އަހަރުގެ ބިލްތައް ބޮޑުވެގެންދާ ފެބްރުއަރީ، މާރިޗު، އޭޕްރިލް މި ތިން މަހުގެ ބިލްތައް ނުހިމަނާ ތައްޔާރުކޮށްފައިވާ 2023 ވަނަ އަހަރުގެ އެވްރެޖް ބިލެވެ.

ޑޮމެސްޓިކް ކަސްޓަމަރުންގެ ރަމަޟާންމަހުގެ ބިލް މި ދެންނެވި އެވްރެޖަށްވުރެ މަތިވާނަމަ ކަސްޓަމަރުން ދައްކާނީ އެވްރެޖް ބިލަށް އަރާ މިންވަރެވެ. އަދި ރަމަޟާން މަހުގެ ބިލް މި ދެންނެވި އެވްރެޖް ބިލަށްވުރެ ކުޑަވާނަމަ ކަސްޓަމަރުން ދައްކާނީ ރަމަޟާންމަހުގެ ބިލަށް އެރި މިންވަރެވެ.

"ޑޮމެސްޓިކް ކަސްޓަމަރުންގެ ރަމަޟާން މަހުގެ ބިލަށް އަރާ އަދަދާއި، 2023 ވަނަ އަހަރުގެ އެވްރެޖް ބިލްގެ މިންވަރާ، މި އެވްރެޖަށްވުރެ ރަމަޟާން މަހުގެ ބިލް ބޮޑުވާނަމަ، ރަމަޟާން މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދު އެސް.އެމް.އެސް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށްވެސް ހިއްސާކުރެވޭނެއެވެ. އަދި މިހާތަނަށް ރަމަޟާން މަހުގެ ބިލް މިކުންފުނިން ފޮނުވާފައިވާ ފަރާތްތަކުގެ ބިލް އިސްވެ ދެންނެވުނު ގޮތަށް އިސްލާޙު ކުރުމަށްފަހު އެސް.އެމް.އެސް ކުރެވޭނެ ވާހަކަވެސް ކަސްޓަމަރުގެން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ." އެމް.ޑަބްލިޔު.އެސް.ސީގެ ބަޔާނެއްގައި ވެއެވެ.

"ސަރުކާރުން މި ދެއްވި ލުޔާއެކު ލަސްނުކުރައްވާ ރަމަޟާންމަހުގެ ބިލްތައް ދެއްކެވުމަށް ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސް ކުރަމެވެ. މި ކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން ނުވަތަ 1050 އަށް އެސް.އެމް.އެސް ފޮނުއްވުމުން ނުވަތަ [email protected] އަށް އީ-މެއިލްކުރެއްވުމުން މިކަމުގައި އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ."