...

Support Us

ފަސް އަހަރު ވެރިކަން ކުރުމަކީ ރައްޔިތުންނަށް އޮޅުވާލައި، ދޮގު ހަދަން ލިބޭ ލައިސަންސެެއް ނޫން: ރައީސް މުއިއްޒު

ފަސް އަހަރު ވެރިކަން ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ރައްޔިތުންނަށް އޮޅުވާލައި ދޮގުހެދުމަށް ލިބޭ ލައިންސަންސެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ ކުރީގެ ސަރުކާރުން ދޫކުރަން ނިންމި ގޯއްޗާއި ފްލެޓްތައް ނުހައްގުން ބަހައިނުލެވި އޮތީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީގައި އިދިކޮޅު އެމްޑީޕީ އޮތުމުން ކަމަށް ރައީސް ސޯލިހް ވިދާޅުވުމުން އެކަމަށް ރައްދުދެއްވަމުންނެވެ.

ރައީސް ސޯލިހް އެހެން ވިދާޅުވެފައިވަނީ އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ ނަމަ، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ކަމަށް އެމްޑީޕީން ބުނަމުން ގެންދާތީ، އެކަން ނިމިދިޔަ ފަސް އަހަރު އަދި މިހާރު ވެސް މަޖިލިސް މެޖޯރިޓީ އޮވެގެން އެމްޑީޕީން ނުކުރަންވީ ސަބަބެއް ނެތް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ވާހަކަފުޅަށް ރައްދު ދެެއްވުމުގެ ގޮތުންނެވެ.

"ދިވެހީންގެރާއްޖެ މަޖިލީހަށް" މި ނަމުގައި ޕީއެންސީން ކުރިއަށް ގެންދާ މަޖިލިސް ކެންޕެއިންގައި ރޭ މާފަންނު ހުޅަނގު ދާއިރާގެ ކެންޑިޑޭޓް މުހައްމަދު މުސްތަފާގެ ކެންޕެއިން ޖަލްސާގައި ވާހަކަދަައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އަދި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގޯތިގެދޮރު ދިނުމަކީ އެމަނިކުފާނުގެ އެންމެ މުހިންމު ސިޔާސަތުކަން ރިޔާސީ ކެންޕެއިންގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވިދާޅުވަމުން ގެންދަވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ދައުރު ނިމޭއިރު ގޯތިގެދޮރު ނުލިބޭ އެކަކު ވެސް ނުހުންނަ ވަރަށް އެ މައްސަލަ އަޅުގަނޑުމެން ހައްލުކުރާނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ މަނިކުފާނު ވެރިކަމަށް ހަވާލުވެވަޑައިގެންނެވިއިރު ގެދޮރުގެ މައްސަލަ ހައްލުކުރުމަށްޓަަކައި ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރުފަޅު ހިއްކައިގެން ނިމިދިޔަ ސަރުކާރުން ހިއްކަން ފަށައިފައިވާ ބިންތަކުން އެކަނި ނުފުދޭ ކަމަށެވެ.

މިދިޔަ ސަރުކާރުން ގުޅީފަޅު މަޝްރޫއު ކުރިއަށް ގެންދިޔައީ އެތަނުގައި ޕޯޓެއް ހަދާ ގޮތަށް ކަަމަށާއި ނަމަވެސް އެތަނަކީ ދުރު ރާސްތާއަށް ބަލާނަމަ ޕޯޓް ގާއިމްކުރަން ރަނގަޅު ތަނެއް ނޫން ކަމަށް އޭރު ވެސް ކަމާ ބެހޭ ބޭފުޅުން ވިދާޅުވަމުން ގެންދެވި ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް އެކަން އެގޮތުގައި އެމްޑީޕީން ކުރިއަށް ގެންދިޔައީ އަޑި ނޭނގޭ ކޮންމެ ވެސް ސަބަބަކާ ހުރެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު މޭޔަރު ކަމުގެ މަގާމުގައި ހުރިއިރުގައި އޭރުގެ ރައީސް އާ ބައްދަލުވުމުން އަޅުގަނޑު މާލޭގެ ރައްޔިތުންގެ ފަރާތުން ދެންނެވިން ގުޅީފަަޅުގައި ހަދާ ޕޯޓް އެތަނުގައި ނަހަދާ އެ ޕޯޓް ތިލަފުއްޓަށް ބަދަލުކޮށް، 30 ހާސް ރައްޔިތުންނަށް ގެދޮރުވެރިކަން ގާއިމްކުރެވޭ ވަަރަށް ގުޅީފަޅުގައި ބިން އުފެއްްދޭން އެބައޮތޭ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ނަަމަވެސް އެ ވާހަކަަތައް އެމްޑީޕީ ސަރުކާރުން ގަބޫލްނުކޮށް މަސައްކަތް ކުރަމުން ގެންދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވި ހިސާބުން އެ ޕޯޓް ތިލަފުއްޓަށް ބަދަލުކޮށް، ގުޅީފަޅުގެ ފުން ސަރަހައްދު ވެސް ހިމެނޭ ގޮތަށް ހިއްކަން ފެށުމުން، ނަތީޖާއެއްގެ ގޮތުން ގުޅީފަޅަށް ބިން އިތުރުވެގެން ގޮސްފައިވާ ކަމަށާއި އެ ވާހަކަ އެމްޑީޕީން ނުދައްކާކަން ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގުޅީފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލެ ފަޅު ހިއްކައިގެން ވެސް ގެދޮރުވެރިކަން ހައްލުނުކުރެވޭނެތީ، ވެރިކަމުގެ އެންމެ ކުރީކޮޅުން ފެށިގެން ފުށިދިއްގަރު ފަޅުން 1،000 ހެކްޓަރުގެ ބިމެއް ހިއްކުމުގެ މަސައްކަތް ފައްޓަވާފައިވާ ކަަމަށެވެ.

"އެކަން ކުރުމަށްޓަކައި ބަޖެޓްގައި ފައިސާ ޖެހީމަ ވެސް މިހާރު މި އޮތް މި މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ހައްލުކޮށްދޭން ހިތުން އެތައް މަސައްކަތެއް ކުރަމުންދާ ކަމަށް ވަކާލާތު ކުރާ މަޖިލީހުން އެބައި އުނިކޮށްލީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ނަަމަވެސް މި ސަރުކާރުން ރަސްމާލޭގެ މަޝްރޫއު ފަށައިފައިވާ ކަމަށާއި ރަސްމާލެ އާއި ގުޅީފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލެއިން ހިއްކާ ބިންތައް ހިއްކާ ނިމުމުން މާލޭގެ ހުރިހާ ރައްޔިތުންނާއި ރާއްޖޭގެ ކަންކޮޅުތަކުން ގޯތި ގެދޮރަށް ބޭނުންވާ ހުރިހާ ރައްޔިތުންގެ ގޯތި ގެދޮރުގެ މައްސަަލަ ހައްލުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ގޯތި ގެދޮރު ދެވޭނީ އެމްޑީޕީއަށް މަޖިލިސް ލިބުނީމާ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރި ނަމަވެސް އެކަން މިއަދު ރައްޔިތުން ގަބޫލް ނުކުރާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުން ވެރިކަމަށް އައިސް ހިޔާ ފްލެޓްތަކުގެ ލިސްޓުން އަދި އަލަތު ކައިވެނީގެ ލިސްޓުން ދެބައިކުޅަ އެއްބައި މީހުން އުނިކޮށް، އެތައް ހާސް ރައްޔިތުންގެ ހައްގު ނިގުޅައިގެންފައިވާ ކަމަށާއި އެގޮތަށް އުނިކުރި ހުރިހާ ރައްޔިތުންނަށް މިސަރުކާރުން ފަށާ ފުރަތަމަ ސޯޝަލް ހައުސިންގައި ފްލެޓް ހަމަަޖައްސަައިދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުުދުފުޅާ އެގޮތަށް އެކަން މިސަރުކާރުން ކުރާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ދެން މިކަން ކުރި ބަޔަކު ތިމަންނަމެންނަށް މަޖިލީހުގެ މެޖޯރިޓީ ދީގެންނޭ މާލޭގެ ރައްޔިތުންނަށް ގެދޮރު ލިބޭނީ، މިވާހަކަ ދެއްކުމުގެ ފުުރުސަތު ދީގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ދައުރު ނިމެން ކައިރިވެފައިވަނިކޮށް، އެެއްވެސް ޕްލޭނެއް ނެތި ރައްޔިތުންނަށް ދޭން ނިންމި ގޯއްޗެއް ވިޔަސް ފްލެޓެއް ވިޔަސް އެ ދޭން ނިންމި ތަނަކުން ދެއްވާނެ ކަމަށާއި އެކަށީގެންވާ ޕްލޭނެއް ހަދައި ވެވަޑައިގެންނެވި ވައުދާ އެެއްގޮތަށް ގެޒެޓްކުރި ލިސްޓަށް ގޯތިތައް ދެއްވާނެ ކަމަށް ރޭ ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގޯއްޗާއި ފްލެޓް ހަވާލުކުރަމަށް މި ސަރުކާރުން ވަކި ލިސްޓެއް ހަދައިގެން ނޫޅޭ ކަމަށާއި އެކަން ވެސް ކުރީ ފޯމް ލިޔަސް ނުލިޔަސް، ރައީސް އޮފީހުގެ ތެރޭގައި ވަކި ލިސްޓެއް ހަދައިގެން އެމްޑީޕީގެ ސަރުކާރުން ކަމަށެވެ.

އެމްޑީޕީން އެގޮތަށް ކަންތައްތައް ކުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ބެލުމަށްފަހު މިހާރު ރިޕޯޓެއް ނެރެފައިވާއިރު މި ސަރުކާރުން ވަކި ލިސްޓެއް ހަދައިގެން އެ ގޯތިތައް ވަކި ބަޔަކަށް ދޭން އުޅޭ ކަމަށާއި އެކަން ނުކުރެވިގެން އުޅެނީ އެމްޑީޕީ މަޖިލީހުގެ މެޖޯރިޓީގައި އޮވެގެން ކަމަށް ބުނެ ހަދަމުން ގެންދަނީ "ހުސް ބުހުތާނު ދޮގު" ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އެ ވާހަކަތައް ރައްޔިތުން ގަބޫލެއް ނުކުރާނެ، ފަސް އަހަރެއްގަ ރައީސުލްޖުމްހޫރިއްޔާކަން ކުުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ހިތްޕުޅަށް އަރާވަޑައިގެންނަވާހާ ގޮތަށް އިތުރުފުޅު ހެއްދެވުމަށް އޮތް ލައިސެންސެެއް ނޫން،). އެއީ އެކަމަށް އޮތް ހުއްޖަތެއް ނޫން. އެއަށްވުރެ އިހުލާސްތެރިވާންވާން ޖެހޭނެ، ތެދުވެރިވާން ޖެހޭނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އޭސީސީން އެ މައްސަލަ ނުބެލި ނަމަ އެ ލިސްޓުގައި އޮތް ގޮތަށް ފްލެޓްތައް ހަވާލުކުރައްވާނެ ކަމަށާއި ނަމަވެސް އޭސީސީން ކަމެއް ނިންމީމާ އެކަން ބެލުމަށް ގާނޫނު އެމަނިކުފާނުގެ މައްޗަށް ލާޒިމް ކުރާ ކަމަށާއި އެ ފްލެޓްތައް ދިނުން ލަސްވަމުން ދަނީ އެހެންވެގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ވައުދުފުޅު ފުއްދެވޭނީ މަޖިލީސްގެ މެޖޯރިޓީ ލިބިގެން ކަމަށާއި އެ ނޫން ގޮތަކަށް ކަންތައް ވެއްޖެ ނަމަ، އިދިކޮޅު އެމްޑީޕީން އަނެއްކާ ވެސް ކަންތައްތައް ކުރާނީ މި ވެރިކަމުގެ ހަތަރު މަސް ދުވަހު މަޖިލިސް ތެރެއިން ކަންތައްތައް ކުރިގޮތަށް ކަމަށެވެ.

މަޖިލީސްގައި މިހާރު ތިބި އެމްޑީޕީގެ މެމްބަރުންނަކީ އެހާ ފިނޑި، ދެކޮޅު ނުޖެހޭ، ގައިރު ޒިންމާދާރު ބައެއް ކަމަށާއި އެ މީހުންނަށް ދެވަނަ ފަހަރަށް ފުރުސަތު ދިނުމަކީ ރައްޔިތުންގެ އަތުން ހެދޭ ބޮޑު ގޯހަކަށް ނޫނީ ނުވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.