ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފޭހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރޭގައި ހުރި ފެނާއި ނަރުދަމާ ވިއުގަ އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
އެޗް.ޑީ.ސީން ބުނާ ގޮތުގައި، އިންތިހާބުގެ ވޯޓަށް ކުޑަތަންވެފައި ވަނިކޮށް ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ސަތޭކަ ފަންސާހެއްހާ ގޯތި ފެނާއި ނަރުދަމާ ހޮޅިތަކަށް އަރަ އެވެ. އެހެންވެ، އެ ގޯތިތަކަށް ބިމުގެ އިން ވަކިކޮށްފައި އޮތަސް، އެ ތަނުގައި އެއްވެސް މަސައްކަތެއް ނުކުރެވެ އެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި އެޗްޑީސީ އާއި އެމް.ޑަބްލިއު.އެސް.ސީ ގުޅިގެން މިއަދު މެންދުރުފަހު ވަނީ ފެނާއި ނަރުދަމާ ނެޓްވޯކް ބަދަލުކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެ މަސައްކަތް ފައްޓަވައި ދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި އެމް.ޑަބްލިއު.އެސް.ސީ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.
އެ މަސައްކަތް ފެށުމަށް ފަހު، މީޑިއާއާ ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ، އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.