Support Us

ކޮލަމް ގަލަން: ޖޭ.އެސް.ސީގެ ރަޙުމެއްނެތް އަނިޔާގެ ދަށުވި ފަނޑިޔާރުންގެ ގަބުރުތައް

ޖުޑީޝަލް ސަރވިސް ކޮމިޝަން ނުވަތަ ޖޭ.އެސް.ސީ އަކީ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ ދަށުން، 04 ސެޕްޓެމްބަރު 2008 ގައި އެކުލަވާލާފައިވާ މިނިވަން މުސްތަޤިއްލު ޝަޚްޞެކެވެ. ލަނޑުދަނޑިއަކީ އިންސާފު ކަށަވަރުކޮށްދޭ، އިތުބާރުހިފޭ ޖަވާބުދާރީވާ ވިސްނުން ފަހި، ފަނޑިޔާރުގެއެއް ކަމުގައި ބުނެފައިވެއެވެ. ނަމަވެސް ފެނިގެންދިޔައީ ރަޙުމެއްނެތް ގޮތުގައި، ދިރިތިއްބާ ފަނޑިޔާރުން ގަބުރަށް ލަމުންދިޔަ މަންޒަރެވެ. ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް އެމީހުންގެ ރުހުމުގައި ނޫނީ މީޑިޔާގައި ހާމަކުރުން ބެލެވޭނީ ރަހުމު ކުޑަ، އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަމަލަކަށެވެ. އަދި މިފަދަ އަމަލުތަކަކީ ޤާނޫނު އަސާސީގެ 54 ވަނަ މާއްދާ އިން މަނާކުރާ ކަމެކެވެ. ނަމަވެސް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ ނަމުގައި މީޑިޔާގައި އެ މީހުންގެ ނަން ހަޑިކުރަމުން ޖޭ.އެސް.ސީން ދިޔައީ އެއްވެސް ރަޙުމެއްނެތް ގޮތުގައި، ދިރިތިއްބާ ފަނޑިޔާރުން ގަބުރަށް ލަމުންގެންދާ ފަދަ ސިފައަކަށެވެ.

ފަނޑިޔާރު ނިންމަވާ މައްސަލައަކާ މެދު ހިތްހަމަނުޖެހޭނަމަ ދެން އޮތް މަރްޙަލާއަކީ އިސްތިޢުނާފް ކުރުން ކަމަށް ވިޔަސް އިސްތިޢުނާފަށް ހުށަހެޅުމުގެ ބަދަލުގައި ޖޭ.އެސް.ސީއަށް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ހުށަހެޅުމުން ބަލައިގަނެ ފަނޑިޔާރު ފަޟީޙަތްކުރުމުގެ ގޮތުން ނޫސްބަޔާންތައް ނެރުމަކީ ވެސް ކުރީގެ ސަރުކާރުތަކުގެ ސިޔާސަތާ އެއްގޮތަށް ޖޭ.އެސް.ސީން ކުރަމުންދިޔަ ކަމެކެވެ.

އަނެއްކޮޅުން ޖޭ.އެސް.ސީ އެކުލެވިފައި އޮތީ ފަނޑިޔާރުންނަށް ރަހުމުކުޑަ ގޮތަކަށެވެ. ފަޑިޔާރުންނަކީ އެއްވެސް ބަޔެއްގެ ނުފޫޒެއް ނެތްބަޔަކަށް ވާންޖެހޭނެ ކަމަށް ގާނޫނު ބުނިއިރު ހަމަ އެ ގާނޫން ޖޭ.އެސް.ސީ އެކުލެވިފައި އޮތީ ވަރުގަދަ ސިޔާސީ ބާރެއްގެ މައްޗަށެވެ. އެފަދަ ސިޔާސީ ނުފޫޒު ގަދަ ބަޔަކު ޖަވާބުދާރީކުރުވާ ބަޔަކަށް ފަނޑިޔާރުގެ ވުމުން ފަނޑިޔާރުންގެ ހާލަތު ސިފަކުރެވިގެންދިޔައީ ޝިކާރުކުރުމުގެ ނަން މަޝްހޫރު ވަލު ޖަނަވާރުތަކެއްގެ މެދުގައި ޅަ ނިއަމިސޫއްޕެއް އޮތީހެންނެވެ. ބުނެވޭ ގޮތުގައި ޝިކާރީއަށް އަތުނުޖެހި ސޫފި ދުވާހެން ދުވަމުން ގޮސް ބައެއް ފަނޑިޔާރުން ވަޒީފާއިން އަމިއްލައަށް ވަކިވެ ޖާން ސަލާމަތްކޮށްގަތެވެ. އަދި އަތްދަށުވި ބައެއް ފަނޑިޔާރުން ގަދަކަމުން ވަކިކޮށްފިއެވެ.

ކޮންމެއަކަސް ވޭތުވެދިޔަ ސަރުކާރުތަކުގެ ބޮޑު މަންޒަރަކަށްވީ ބައެއް ސިޔާސީ ނުފޫޒުން ކޯޓުގައި ތަޅުއަޅުވައި ފަނޑިޔާރުގެ ހިސާރުކުރުމެވެ. އަދި ބައެއް ސިޔާސީ ނުފޫޒުން ކޯޓުގެ ޓިނު ނަގައިގެން ވަދެ ބައެއް ފަނޑިޔާރުން ޝިކާރުކޮށްގަތުމެވެ.

ޖޭ.އެސް.ސީގެ ރަޙުމެއްނެތް އަނިޔާގެ ތާރީޚު ވަރަށް ވެސް ދިގެވެ. ފަނޑިޔާރުންނަށް ދާއިމަށް ދެރަ ދެވޭނެ ހުރިހާ މަސައްކަތެއް ވަނީ ފަރުމާކޮށްފައެވެ. އެގޮތުން ޖޭ.އެސް.ސީއަށް ސިޔާސީ ބާރުއަތުލައި އަދި ކުރީގެ ސަރުކާރުތަކުން ފަނޑިޔާރުންނަށް އަމާޒުކޮށްގެން ޤާނޫނުތައް ހަދައި، އުޞޫލުތައް ހަދައި، ފަނޑިޔާރުންނަށް ލިބިދީފައިވާ ގިނަ ޙައްޤުތަކެއް ޖަރަހަށް އުނިކޮށްލާފައިވެއެވެ. އެގޮތުން ސުލޫކީ މައްސަލައެއްގައި ވަކިކޮށްފި ނަމަ ޚިދުމަތްކުރި މުއްދަތަށް ބަލައި ފައިސާގެ އެއްވެސް އިނާޔަތެއް ފަނޑިޔާރުންނަށް ނުލިބޭގޮތަށް ވަނީ ހަދައިފައެވެ. ނަމަވެސް ސިވިލް ސަރވިސްގެ މުވައްޒަފަކު ވަކިވިޔަސް ވަކިކުރި ނަމަވެސް ޚިދުމަތުގެ މުއްދަތަށް ބަލައި ފައިސާގެ އިނާޔަތެއް ލިބިދެއެވެ. މިއީ އިދާރީ ފިޔަވަޅު އެޅުމުގައި އިދާރީ ގޮތުން ދައުލަތުގެ މުވައްޒަފުން ތަފާތުކުރުމެކެވެ.

ފަނޑިޔާރު ކަމުގައި ހުންނަވާއިރު ޕެންޝަން ސްކީމަށް މުސާރައިން ބޮޑު ޢަދަދެއް ކަނޑުމަށްފަހު ވަކިކުރާއިރު ކެނޑި ފައިސާއިން އެއްވެސް މިންވަރެއް ނުލިބޭގޮތަށް އޮތުމަކީ ޔަގީނުންވެސް ދެވޭ އަނިޔާއެކެވެ. އަދި ޖޭ.އެސް.ސީއަށް ބިރުން ނުވަތަ ވޭތުވެދިޔަ ބައެއް ސަރުކާރުތަކުގެ ނުފޫޒަށް ބިރުން ބައެއް ފަނޑިޔާރުން އެއްޗެއް ނުލިބި އަމިއްލައިން ވަކިވެވެގެން ހިނގައްޖެއެވެ. އަދި ބައެއް ފަނޑިޔާރުން ވަކިކޮށްފިއެވެ. ކޮންމެއަކަސް ބޭނުންވަނީ އެ މީހުންނަށް ވެސް އިންސާފު ލިބުމެވެ. އެއީ އެ މީހުން ކުށެއް ކުރިކަން ސާބިތުވެއްޖެ ނަމަ އެ ކަމަށް އަދަބު ދިނުމެވެ. އެއީ ވަޒީފާއިން ވަކިކުރުން ކަމުގައިވިޔަސް މެއެވެ. ނަމަވެސް ހަމަހަމަކަމާއެކު އެމީހުން ކޮށްފަައިވާ ބުރަ މަސައްކަތަށް ހައްގުވި މާލީ އިނާޔަތު ސިވިލް ސަރވިސްގެ މުވައްޒަފުންނަކޭ އެއްފަދައިން އެ މީހުންނަށް ވެސް ދިނުމެވެ.

އަދިވެސް އިތުރު މިސާލެއް ދަންނަވާލާނަމެވެ. ފަނޑިޔާރުންގެ ރިޓަޔަމަންޓުގެ ގަވާއިދުގެ 12ވަނަ މާއްދާ ޖޭ.އެސް.ސީން ލިޔެފައިވަނީ ގާނޫނަކުން ލިބިފައިވާ ފަނޑިޔާރުންގެ މާލީ ހައްގަކަށް އުނިކަން އަންނަ ގޮތަކަށެވެ. އެ ގަވައިދުގައި ލިޔެފައިވަނީ އެ ގަވާއިދުގެ ދަށުން ރިޓަޔަކުރެވޭ ފަނޑިޔާރަކު ދައުލަތުގެ އެއްވެސް މަގާމެއް ފުރާ މުއްދަތުގައި ރިޓަޔަރމެންޓުގެ އިނާޔަތްތައް ނުލިބޭނެ ކަމަށެވެ. އަނެއްކޮޅުން އެހެން މުއައްސަސާއަކުން ރިޓަޔަރމެންޓު ލިބެމުން އަންނަ މީހަކު ދައުލަތުގެ ވަޒީފާއަކަށް ދިޔަނަމަވެސް އެމީހެއްގެ އަތުން ރިޓަޔަމެންޓު ނުކަނޑައެވެ. ޖޭ.އެސް.ސީ.ން ފަނޑިޔާރުންނަށް ދެރަވާ ގޮތަށް ގަވާއިދުތައް ހަދާއިރު ގާނޫނީ ހަމަތަކަށް ވެސް ރިއާޔަތް ނުކުރާކަން އިސްވެ ދެންނެވުނު ގަވާއިދު ކިޔާލުމުން އެނގެއެވެ.

އެ މައްދާގައި ފާހަގަވާ ބައެއް އޮޅުންބޮޅުންތަކަކީ:

އެކެއް: "މި ގަވައިދުގެ ދަށުން ރިޓަޔަރކުރެވޭ" އޮތުމުން އެ ގަވާއިދަށްވުރެ ކުރީގައި ރިޓަރވެފައިވާ ފަނޑިޔާރުން އެ ގަވާއިދުގެ ދަށުގައި ހިމެނޭނެތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލެވެ. އާނއެކޭ ބުނެފިނަމަ އުފެދޭ ސުވާލަކީ ރިޓަރވެފައިވާ ފަނޑިޔާރުންނަކީ ޖޭ.އެސް.ސީގެ ބަލަދު އަރާ ބަޔަކަށް ނުވާ ހާލު ބަލަދު ނައަރާ ބަޔެއްގެ މައްޗަށް ގަވާއިދެއް ހެދިދާނެތޯ ނުވަތަ ނޫންތޯ އެވެ؟

ދޭއް: ރިޓަޔަރކުރެވޭ ފަނޑިޔާރަކު ދައުލަތުގެ އެއްވެސް މަގާމެއް ފުރާ މުއްދަތުގައި ރިޓަޔަރމެންޓުގެ އިނާޔަތްތައް ނުލިބޭނެ ކަމަށް އޮތް އިރު އޭގެ ފަހުން އެ ރިޓަޔަރމެންޓަށް ވާނެގޮތަކާމެދު އެއްޗެއް ބަޔާންކޮށްފައިނެތުމެވެ.

ތިނެއް: ރިޓަޔަރމެންޓުގެ އިނާޔަތަކީ ގާނޫނަކުން ދެވޭ މާލީ ހައްގަކަށް ވާތީ އެ ގާނޫނުގައި އެ ނުލިބޭނެ ހާލަތެއް ބުނެފައިނުވާ ހިނދު ހެދެވޭ ގަވާއިދަކުން އެ މާލީ ހައްގު އުނިކުރެވިދާނެތޯ އުފެދޭ ސުވާލެވެ.

ހަތަރެއް: ދައުލަތުގެ މިނިވަން މުއައްސަސާތަކުން ރިޓަޔަރކުރެވޭ މީހުން ދައުލަތުގެ މަގާމެއް ފުރާ މުއްދަތުގައި ރިޓަޔަރމެންޓުގެ އިނާޔަތްތައް ބަރާބަރަށް ލިބެމުންދާއިރު ވަކީން ފަނޑިޔާރުން އެކަމުން މަހުރޫމުކުރަންޖެހޭ ޚާއްސަ ގާނޫނީ ސަބަބެއް ބަޔާންކޮށްފައިނުވާތީއެވެ.

މި ސަބަބުތައް މިގޮތަށް ހުރުމުން ޖޭ.އެސް.ސީއަކީ ސިޔާސީ ފަރާތްތައް ނުހިމެނޭ ގޮތަށް އޮންނަ ތަނަކަށް ވުން މުހިއްމުކަމުގައި ގިނަ ބަޔަކު އިއްތިފާޤުވެއެވެ.

ރައީސުލްޖުމުހޫރިއްޔާއަށް ކުރެވޭ އިލްތިމާސެއް: ސިޔާސީ ނުފޫޒުގެ ސަބަބުން ވަޒީފާއިން އަމިއްލައިން ވަކިވެފައިވާ ފަނޑިޔާރުންނާއި އަދި ގަދަކަމުން ވަކިކޮށްފައިވާ ފަނޑިޔާރުންގެ މައްސަލަ އަލުން ބައްލަވައިދެއްވައި ދެއްވުންއެދެމެވެ. އަދި ސިވިލް ސާވިސްގެ މުވައްޒަފުންނާމެދު އަމަލުކުރާ އުސޫލުތަކާ ޚިލާފަށް ފަނޑިޔާރުންނާމެދު އަމަލުކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ވައްދާފައި ހުރި ފަނޑިޔާރުންގެ ހައްގުތަކަށް އުނިކަން އަންނަ ބައެއް މައްދާތައް އިސްލާހު ކުރެވޭތޯ މަސައްކަތްކޮށްދެއްވުންއެދެމެވެ.

ފަނޑިޔާރުންނާ ގުޅޭ ހުރިހާ ބަލަދުވެރި ފަރާތް ތަކަށް އަޅުގަނޑު މިގޮވާލަނީ ޤާނޫނީ އިމުން ބޭރުނުވެ ތިބެގެން، ޝަރްޢީ ދާއިރާގެ ކަރާމަތް ނުގެއްލޭ ގޮތަށް ފަނޑިޔާރުންގެ ކަންތައް ކުރިޔަތް ގެންދިއުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
411

2 Responses

  1. ޢެންމެ ނުބާ ނުލަފާ ޖައްބާރަކީ ހިސާން ހުސެއިން އޭނަ ސައިޒް ވާން އެބަޖެހޭ އެނަގެ ލޯ ފާރމް ނައިބު މަސްތޫރުގެ ލޯ ފާރމް އަކީވެސް ހަމަ އެފަދަ ނުރައްކަލެއް

  2. ވަރަށްވެސް ފުރިހަމަ ވާހަކަ ކޮޅެއް. އެންމެ ފަހުން ކޮށްފައިވާ އިލްތިމާސް ރައީސުލްޖުމްހޫރިއްޔާ އާ ހަމައަށް ފޯރާނެކަމަށް އުންމީދު ކުރަމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *