Support Us

ސްޓެލްކޯ: ހޫނުގަދަ ދުވަސްވަރެއް! ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވޭ!

މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރާ މިންވަރު މި ދުވަސްކޮޅު މަތިވަމުންދާ ކަމަށާއި އެހެންކަމުން މި ދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯ އިން އިލްތިމާސްކޮށްފިއެވެ.

ސްޓެލްކޯގެ އެމް.ޑީ ހުސެއިން ފަހުމީ އެކްސްގައި ވިދާޅުވީ "މި ދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީއާއި އަދި ރޯދަ މަހަކީ، ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސްމަހަށްވުރެ އިތުރު މަހަކަށްވުމުން މި ދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެދެން" ކަމަށެވެ.

ފަހުމީ ފާހަގަކުރެއްވި ގޮތުގައި މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރާ މިންވަރު ވެސް މި ދުވަސްވަރު މަތިވެފައިވާ ކަމަށެވެ.

"މި ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެވްރެޖް މަހެއްގައި ގްރޭޓާމާލެ ސަރަޙައްދުގައި 94 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުން ކުރާ އިރު، މި ދުވަސްވަރު 104.7 މެގަވޮޓާ ހަމައަށް ދަނީ ކަރަންޓު ބޭނުން ކުރަމުން. އެހެންކަމުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަ ކުރުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރެއްވުމަށާއި، މި ދުވަސްވަރު ކަރަންޓު އިޤުތިޞާދު ކުރެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަން."