...

Support Us

ހުޅުމާލޭގައި ކެމްޕެއިން ބެނާ ހަރުކުރުމުގެ ކުރިން އެޗްޑީސީގެ ހުއްދަ ހޯދަން އެދިއްޖެ

އިންތިހާބުތަކާ ގުޅިގެން ހުޅުމާލޭގައި ކެމްޕެއިން ބެނާއާއި ކެންވަސް ހަރުކުރުމުގެ ކުރިން އެޗްޑީސީގެ ހުއްދަ ހޯދުމަށް އެ ކޯޕަރޭޝަނުން އެދިއްޖެ އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުތަކާ ގުޅޭ ކެމްޕެއިން ބެނާއާއި ކެންވަސް ފަދަ މެޓީރިއަލް ހަރުކުރުމުގެ ފުރުސަތު "ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަކަމާއެކު ހޯދައިދިނުމަށް މި ކޯޕަރޭޝަނުން ދަނީ އަބަދުވެސް މަސައްކަތް ކުރަމުން" ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅިގެން ހުޅުމާލެ ދެ ފޭހުގެ އެކި ސަރަހައްދުތަކުގައި ބެނާ އާއި ކެންވަސް ހަރުކުރަމުންދާއިރު އެ ސަރަހައްދުތަކުގައި އާއްމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ސާވިސް ޕްރޮވައިޑަރުން އަޅައިފައިވާ ނެޓްވޯކްތަކަށް ގެއްލުން ނުވާނެހެން މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ. އަދި ޕޯސްޓަރުތަކާއި ބެނާތައް ހަރުކުރެވޭ ސަރަހައްދުގެ ގޮތުން ކަރަންޓް ކޭބަލާއި ފެނާއި ނަރުދަމާ ނިޒާމަށް ގެއްލުން ލިބި ހިދުމަތް މެދުކެނޑޭ ފަދަ ހާލަތެއް ދިމާވެއްޖެނަމަ ރައްޔިތުންނަށް އެކަމުގެ ސަބަބުން ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ކުރިއަށް އޮތް ތަނުގައި މިފަދަ ކެންވަސްތަކާއި ބެނާތައް ހަރުކުރާ ފަރާތްތައް މި ކަމަށް ސަމާލުވެ ކެމްޕެއިން މެޓީރިއަލް ހަރުކުރުމުގެ ކުރިން އެޗްޑީސީގެ ހުއްދަ ހޯދައި އެޗްޑީސީގެ ލަފައާއި އިރުޝާދާއެކު ކުރިއަށް ގެންދިއުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ. އަދި ކެމްޕެއިން މެޓީރިއަލް ހަރުކުރުމަށް ހުއްދަ ދިނުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގެ ޗާޓެއްވެސް އެޗްޑީސީން ވަނީ އާންމުކޮށްފަ އެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.