Support Us

މިޔަރަކާ ހަނގުރާމަކޮށް އަންހެނުން ސަލާމަތްކޮށްފި

އޮސްޓްރޭލިއާ މީހެއް އޭނާގެ އަންހެނުން ސަލާމަތްކުރަން ހުއްޓާނުލައި މިޔަރެއްގެ ގައިގައި ތަޅައި، ކާމިޔާބުކަމާއެކު އަންހެނުން ސަލާމަތްކޮށްފި އެވެ.

އޮސްޓްރޭލިއާގެ ނިއު ސައުތް ވޭލްސްގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި އަނިޔާ ލިބުނު 35 އަހަރުގެ އަންހެން މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި އޭނާ އޮޕަރޭޝަން ކޮށްފައިވާއިރު ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެން އިން ބުންޏެވެ.

"އަންހެނުންގެ ފައިގައި މިޔަރު ދަތްއެޅުމުން އޭތީގެ ގައިގައި ގޮށް މުއްކަވާފައި ތަޅަން ފެށީ. ހުއްޓާނުލާ އެތައް ފަހަރަކު ޖެހިފަހުން އަންހެނުން ދޫކޮށްލީ. ދެން އަވަސްވެގަތީ އަންހެނުން ގޮވައިގެން ގޮނޑޮދޮށަށް އެރުމަށް،" އޮސްޓްރޭލިއާގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުގައި މާކް ރެޕްލީ ކިޔައިދިނެވެ.

ރެޕްލީ ކިޔައިދިން ގޮތުގައި އޭނާއާއި އަންހެނުން ރާޅާ އަޅަން އުޅެނިކޮށް ބޮޑު މިޔަރެއް އައިސް އަންހެނުން ބޯޑުން ވައްޓާލީ އެވެ. އަދި ވަރަށް މަސައްކަތުން އަންހެނުން އަނބުރާ ބޯޑަށް އެރުމުން، މިޔަރު އައިސް އޭނާގެ ފައިގައި ދަތްއެޅީއެވެ.

މި ހާދިސާއާ ގުޅިގެން މިޔަރު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ސަރަހައްދުގެ ގޮނޑުދޮށްތައް ވަނީ 24 ގަޑިއިރަށް ބަންދުކޮށްފަ އެވެ.

މިއީ މި އަހަރުގެ ތެރޭގައި އެ ސަރަހައްދުގައި މިޔަރުގެ ކިބައިން އެފަދަ ނުރައްކާތެރި ހަމަލާއެއް ކުރިމަތިވި ފަސް ވަނަ ފަހަރެވެ. އެގޮތުން ޖޫން މަހުގެ ތެރޭގައި މިޔަރު ހަމަލާއެއްގައި އެކަކު މަރުވެފައިވާއިރު ޖުލައި މަހުގެ ތެރޭގައި 15 އަހަރުގެ ކުއްޖެއް މަރުވެ، 10 އަހަރުގެ ކުއްޖެއް ވަނީ ޒަޚަމްވެފަ އެވެ. މީގެ އިތުރުން ވެސް އޮސްޓްރޭލިއާގެ އެކި ސަރަހައްދުތަކުގައި މިޔަރުގެ ހަމަލާއިން އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *