...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އިންޑިއާ 0، މޭން އޮފްދަ މެޗު ރައީސް މުއިއްޒު 1 

ޑޭޝް-8 މަރުކާގެ މަތިންދާ ބޯޓެއް މޮޑިފައި ކޮށްގެން ރާއްޖޭގެ ފުރަތަމަ އެއާ އެމްބިއުލޭންސް، 1 މާޗްގައި އިފްތިތާހްކޮށްފިއެވެ. ކަނޑަށް ޖައްސާ މަތިންދާ ބޯޓެއް މޮޑިފައި ކޮށްގެން 14 މާޗްގައި ކަނޑަށް ޖައްސާ އެއާ އެމްބިއުލޭންސް އެއް ވެސް ވަނީ އިފްތިތާހް ކޮށްފައެވެ. އަދި 15 މާޗް ވީ ހުކުރު ދުވަހުގެ ރޭ، ތުރުކީގެ ޓީބީ-2 ގެ ތިން ޑްރޯން އާ އެކު ރާއްޖޭގެ އިގްތިސޯދީ އަދި ސިޔާސީ ކަނޑުގެ ސަރަހައްދު، 100 ޕަސެންޓު ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ރާއްޖޭ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ޕެޓްރޯލް ކުރަން ވަނީ ފަށައިފައެވެ. މިއާ އެކު އުފެދޭ ސުވާލަކީ ކުލަ ހެދުން އަޅައިގެން އިންޑިއާގެ މަދަނީ ޕައިލެޓުން ރާއްޖެ އައިސް މިތާނގައި ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން މިއުޅެނީ ކޮން ކަމެއް ކުރަން ބާވައެވެ؟

އިންޑިއާ ސިފައިންނާއި އިންޑިއާގެ ހެލިކްޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު އަނބުރާ އިންޑިއާ އަށް ގެންދަން ދިވެހި ސަރުކާރުން އެދުމުން އިންޑިއާއިން ބޮޑާ ހާކައި، މަދަނީ ޕައިލެޓުން ފޮނުވައިގެން ނަމަވެސް އިންޑިއާގެ ހިދުމަތް ރާއްޖޭގައި ދަމަހައްޓަން އާދޭސްކުރިއެވެ. ނަމަވެސް ދިވެހި ރާއްޖޭގެ އަމިއްލަ އެއާ އެމްބިއުލާންސާއި، ރާއްޖޭގެ އަމިއްލަ އެއާފޯސް (އެއާ-ކޯ) ރައީސް ޑރ. މުއިއްޒު އިފްތިތާހް ކޮށްދެއްވުމުން އެއްވެސް މެޑިކަލް އިވެކުއޭޝަނެއް ވެސް އަދި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއްގައި ވެސް އިންޑިއާގެ ހެލިކޮޕްޓަރެއް އަދި ޑޯނިއާއެއް ވެސް ދެން ބޭނުންނުކުރާނެކަން މިހާރު މިވަނީ ޔަޤީންވެފައެވެ.

ރައީސް ޑރ. މުއިއްޒުގެ މި އާދަޔާ ހިލާފް މަސައްކަތްޕުޅަށް ކުރީގެ ރައީސް މައުމޫނާއި، މާމިގިލީ ދާއިރާގެ މެމްބަރ ޤާސިމް އިބްރާހިމް ފަދަ ސިޔާސީ ތަޖުރިބާކާރު ބޭފުޅުން ތައުރީފް ކުރެއްވި ނަމަވެސް އެމްޑީޕީން މިކަމަށް ޖެހީ ހަޖުލެވެ. މޯލްޑިވްސް "ޑިމޮކްރެޓިކް" ޕާޓީގެ ރައީސް ކަމަށް އެއްވެސް ޑިމޮކްރެޓިކް ހަމައެއް ނެތި އަމިއްލަ އަށް ނޮމިނޭޓް ވެވަޑައިގެން ހުންނެވި އަބްދުﷲ ޝާހިދަށް ރާއްޖޭގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ދިވެހީންގެ އެއާ އެމްބިއުލާންސް ހިދުމަތް އުވާލައްވައި، ދިވެހި އެއާ ފޯސް އުވާަލައްވައި، އިންޑިއާ ސިފައިން ރާއްޖެ ގެންނަވައި އެއްކަލަ ޑޯނިއާ އާއި ދަބަރު ހެލިކޮޕްޓަރ އޮޕަރޭޓް ކުރަން ފެއްޓެވުންކަން ޔަގީނެވެ.

ހުވާ ކުރެއްވިތާ ތިން މަސް ދުވަހުގެ ތެރޭ ރައީސް ޑރ. މުއިއްޒު ހާސިލް ކުރައްވަމުން މިގެންދަވާ ކާމިޔާބު ސިޔާސަތު ތަކަށް ދޭނެ ހަމަޖެހޭ ރައްދެއް ނެތުމުން ޝާހިދާއި އެމްޑީޕީން ކިޔާހާ ވެސް އެއްޗަކީ "މިއީ ދޮގު ހަދާ ސަރުކާރެއް" ކަމަށެވެ. އިންޑިއާގެ ރިޕަބްލިކް ޗެނެލާށް ވަރަށް ފަހުން ދެއްވި ބަސްދީގަތުމެއްގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ރައީސް ޑރ. މުއިއްޒު ސިޔާސީ ގޮތުން އެކަނިވެރިވެ ވަޑައިގެންފި ކަމަށާއި، ސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރައްވަން މަޖުބޫރުވެވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުންނަށް ފެންނަނީ ރައީސް ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަނިވެރިވެ ވަޑައިގެންފައިވާ ތަނެވެ. އެމްޑީޕީ އަކީ އިންޑިއާއަށް ގޮނޑި ކޮއްކޮ ސަރުކާރެއް ހިންގައިދޭން ތިބި ޕަޕެޓުންތަކެއްކަން ދިވެހި ރައްޔިތުންނަށް ފެނިގެން ހިނގައްޖެއެވެ.

ރާއްޖޭގައި ޑޮލަރުގެ އަގު ތިރިވާން ފަށައިފިއެވެ. އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމެންޓު ބަނދަރު ހެދުމުގެ ޕްލޭން ފެށިއްޖެއެވެ. އައްޑޫގައި ބަންކަރިންގެ ހިދުމަތް ފައްޓަނީ އެވެ. އައްޑޫ ބްރިޖް އަޅަނީއެވެ. ވެލާނާ އެއާޕޯޓަށް އާދަޔާ ހިލާފް ތަރައްޤީ ގެންނަނީ އެވެ. ފުނަދޫގައި ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރެއް ހަދައި ފުނަދޫ އާއި މާލެއާ ބްރިޖުން ގުޅާލަނީ އެވެ. ރާއްޖޭގެ އެއާފޯސް އިފްތިތާހް ކޮށްފިއެވެ. ކޯސްޓް ގާޑުގެ ކެޕޭސިޓީ ޑަބަލް ކުރަނީ އެވެ. އެއާ އެމްބިއުލޭންސް އިފްތިތާހްކޮށްފިއެވެ. ކަނޑަށް ޖައްސާ އެއާ އެމްބިއުލޭންސާ އެކުގައެވެ. ހެލިކޮޕްޓަރު އެއާ އެމްބިއުލޭންސް ވަރަށް އަވަހަށް ތައާރަފު ކުރައްވާނެއެވެ. އެމްޑީޕީން ކުރާހާ ވެސް ކަމަކީ މި ހުރިހާ ކަމަކަށް ހަޖޫ ޖެހުމެވެ.

ރޯދަ މަހު ގޭބިސީތަކަށް ހިލޭ ބަހަން ރައީސް ވައުދުވެވަޑައިގެންނެވި ކާޑު ބަސްތާތައް ހޯދަން ރައްޔިތުންގެ ދިގު ކިއު ދަމާލައިފިއެވެ. އެމްޑީޕީ އާއި އިންޑިއާ ހަޤީގަތުގައި ވެސް މާޔޫސްވެއްޖެއެވެ. ދޭނެ ސިޔާސީ އެއްވެސް ރައްދެއް ނެތެވެ. ދައްކާނެ އެހެން ވާހަކައެއް ނެތުމުން މަޖުލިސް ކެެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، އިހަކަށް ރޭ ވިދާޅުވީ މި ސަރުކާރު ވައްޓާލަން ޖެހިއްޖެ ނަމަ ވައްޓާލާނެ ކަމަށާއި ޤައުމު ހަމަ މަގުގައި ހިފެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އެމްޑީޕީން ކުރާނެ ކަމަށެވެ. ދިވެހިވަންތަ ވެރިކަމެއް ކުރައްވަމުން، މަސްވެރީންގެ ފައިސާ ހަލާސްކޮށް ދައްކަވަމުން، ރައްޔިތުންނަށް ހިލޭ ކާޑު ބައްސަވަމުން، ޑޮލަރުގެ އަގު ތިރިކުރައްވަމުން ރައީސް ޑރ. މުއިއްޒު ވެރިކަން ކުރައްވަނިކޮށް އެމްޑީޕީން މިދައްކަނީ ކޮން ވެރިކަމެއް ވައްޓާ ވާހަކައެއް ބާވައެވެ؟

ދިވެހި ރައްޔިތުން ވަނީ 15 މާޗް 2024 ގައި ވެރިކަމެއް "ވައްޓާލައިފަ" އެވެ! އެއީ އެމްޑީޕީން އިންޑިއާ އަށް ކޮށްދެމުން ދިޔަ "އަޅުވެތިކަމުގެ ވެރިކަމެއް" ވައްޓާލުމެވެ. އިންޑިއާގެ އަޅުވެތިކަމަށް ދިވެހީން ވަނީ ހަރުއަޑުން ނޫނެކޭ ބުނެ، އެމްޑީޕީގެ ވެރިކަން "ވައްޓާލައިފަ" އެވެ. ފައްޔާޒަކަށް ދިވެހި ރައްޔިތުންގެ މި ނިންމުން ބަދަލުކޮށް، މި ވެރިކަމެއް ނުވެއްޓޭނެއެވެ. އިންޑިއާ އިން ފައިސާ އާއި މަދަދު ލިބިގެން މޮޅެތި ބަސްތައް ބުންޏަސް ޝާހިދާއި ފައްޔާޒަށް ވެއްޓޭނީ އަމިއްލަ ޑިގެވެ! ދިވެހި ރައްޔިތުންނާއި މި ސަރަހައްދުގެ އެހެން ޤައުމުތަކުން ވެސް ތިބީ ރައީސް ޑރ. މުއިއްޒުގެ އާދަޔާއި ހިލާފް ލީޑަޝިޕާ މެދު ހައިރާންވެފައެވެ. ރައްޔިތުންގެ ތާއީދު އޮތީ މި ސަރުކާރަށެވެ. އިންޑިއާ އަކަށް ނުވަތަ އެމްޑީޕީ އަކަށް ނޫނެވެ.

ސިޔާސީ ގޮތުން އެކަނިވެރިވެފައި ވަނީ ރައީސް ނަޝީދެވެ. އިންތިހާބުކުރި މަގާމުތަކުން އިސްތިއުފާ ދިނުމުގައި ތިންފަށްވެ، ދުނިޔޭގެ ރެކޯޑެއް ގާއިމުކުރައްވައި، ރާއްޖޭގެ ސިޔާސީ މައިދާނުން ބޮޑު ފޭލިން ފޭލިވެ، ބާކީވެގެން، ނަޝީދު މިހާރު ވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފައެވެ. ނަޝީދު ދައްކާ ވާހަކަ ދިވެހިން މިހާރު އަޑެއް ނާހައެވެ. ފަހަރުގައި މޯދީ ޝައުގުވެރިވެދާނެ ކަންނޭނގެއެވެ.

ދޮގު ދޮލަނގެއް ކޮޑުއަޅައިގެން ބިރަކާ ނުލާ ޝަރުބަތު ބޮމުން ދުވަނީ އެމްޑީޕީ މީހުންނެވެ. އެންމެ ތިން މަހުގެ މަސައްކަތުން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ މުސްލިމުންގެ ލެއިން ތަތްތެޅިފައިވާ ޖައްލާދު މޯދީގެ ރޭވުންތައް ވިއްސިވިހާލިކޮށްލައިފައެވެ. މޯދީގެ ޑްރާމާ ވިއްކޭނީ އިންޑިއާގެ ހައްދުފަހަނަ އެޅި ހިންދޫންނަށެވެ. ދިވެހީންގެ ބޮލަކަށް ގެރި ގުޔެއް ދެނެއް ނޭޅޭނެއެވެ.

އިންޑިއާ ނޫހެއްގައި ޖަހައިފައިވާ ކާޓޫނެއް

އިންޑިއާގެ މަދަނީ ސިފައިން ޖެހޭނީ ހަވީރު ވޮލީ ކުޅެލައިފައި، ރޭގަނޑު ވައިބާއިން ފެމިލީ އަށް ގުލާލައިފައި، ދުވާލު ކަސްރަތަށް ދުވެލާފައި، ދަބަރު ހެލިކޮޕްޓަރުގައި ތެޔޮ އުނގުޅާލާފައި، މެންދުރު ކައިގެން ނިދާށެވެ. އިންޑިއާގެ މަދަނީ ޕައިލެޓުންނެއް އަދި އިންޑިއާގެ ހެލިކޮޕްޓަރެއްވެސް އަދި ޑޯނިއާ މަތިންދާ ބޯޓެއް ވެސް ދިވެހީން ބޭނުމެއް ނޫނެވެ. އެއީ އިންޑިއާ ބޮޑާހާކާފައި އެނޫން ގޮތެއް ނުދެއްކުމުން ދިވެހި ސަރުކާރުން މިވަގުތަށް ނިންމި ގޮތެވެ. ހެލިކޮޕްޓަރާއި ޑޯނިއާގެ އެއްބަސްވުމުގެ މުއްދަތު ވަރަށް އަވަހަށް ހަމަވާނެއެވެ. އެއާ އެކު އަލުން އެއްބަސްވުން އާނުކުރުމުން އެއްކަލަ މަދަނީ ޕައިލެޓުންނާއި ހެލިކޮޕްޓަރާއި ޑޯނިއާ ޖެހޭނީ ގެންދާށެވެ. އިންޑިއާއާ އެކު ހައިޑްރޯގްރަޕީ އެއްބަސްވުންވެސް އާ ނުކުރުމަށް ނިންމި ބީދައިންނެވެ.

އިންޑިއާގެ ތައްޕާހަށް ނުވެއްޓި ވެސް ދިވެހީންނަށް ދިވެހީންގެ އަމިއްލަވަންތަ ވެރިކަމެއް ކުރެވޭނެކަން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެ ގެންދަނީ ސާބިތުކޮށްދެމުންނެވެ. އެކަމާ ހަސަދަވެރިވެގެން، އިންޑިއާގެ އަޅުން ކަމުގައިވާ ރައީސް ނަޝީދާއި، ރައީސް ސޯލިހާއި، ފައްޔާޒާއި ޝާހިދާއި، މާރިޔާ ކިތައްމެ ވަރެއް އެރުވިއަސް ހަޤީގަތް ވާނީ ހަޤީގަތަށެވެ. ޑިޕްލޮމެސީގެ ފުރަތަމަ ރައުންޑުން އިންޑިއާ އާއި މޯދީ ބަލިވެއްޖެއެވެ. މޭން އޮފް ދަ މެޗަކަށް ހޮވުނީ އެތެރެއާއި ބޭރުގައި ވެސް މޮޅަށް ކުޅުއްވި ރައީސް ޑރ. މުއިއްޒެވެ. ހުސެން ޝިހާބުގެ ކްލެސިކް ދިވެހި ލަވައިގައި ކިޔާހެން، ދެން އަޅުގަނޑު ވެސް ބުނެލާނީ ހަމަ "ދެން ލަލަލާ" އެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.