Support Us

ސީޕްލޭނާއެކު އެއާ އެމްބިއުލާންސްގެ ޚިދުމަތް މޯލްޑިވިއަންއިން ފުޅާކޮށްފި

ޒަމާނީ އިމަޖެންސީ މެޑިކަލް ވަސީލަތްތައް ގާއިމްކޮށްފައިވާ ސީޕްލޭނަކާއެކު އެއާ އެމްބިއުލާންސްގެ ޚިދުމަތް މޯލްޑިވިއަން އިން ފުޅާކޮށްފިއެވެ.

ގައުމީ އެއަރލައިން އިން ބުނީ ސަލާމަތީ ގޮތުން ރައްކާތެރި އަދި އިތުބާރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޑީއެޗްސީ-6 ޓްވިން އޮޓަރގައި އެއާރ އެމްބިއުލާންސްގެ ޚިދުމަތްތައް ފޯރުކޮށްދިނުން ވެގެންދާނީ "ރައްޔިތުންނަށް ސިއްހީ ގޮތުން ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށް" ކަމަށެވެ.

"މި ސީޕްލޭންގައި ރާއްޖޭގެ ރަށްތަކަށް އޮޕަރޭޓް ކުރުމުގެ ގާބިލްކަން ލިބުމުގެ އިތުރުން ޒަމާނީ އިމަޖެންސީ މެޑިކަލް ވަސީލަތް ހަރުކުރެވިފައި ވާނެއެވެ."

ކުއްލި ސިއްހީ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ކުރިއަށްދަނީ މިނިސްޓްރީ އޮފް ހެލްތު، އެންސްޕާ، އާސަންދަ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާ ގުޅިގެން ކަމަށް ވެސް މޯލްޑިވިއަން އިން ބުންޏެވެ.

"ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން، ޑޭޝް8-200 މަރުކާގެ މަތިންދާބޯޓު ބޭނުން ކޮށްގެން، އެއާރ އެމްބިއުލާންސްގެ ޚިދުމަތް މި މާރިޗު މަހުގެ 01 ވަނަ ދުވަހު ވަނީ ފެށިފައެވެ. އަދި މިއަދާ ހަމައަށް އެއާރ އެމްބިއުލާންސް ބޭނުންކޮށްގެން 25 އަށް ވުރެ ގިނަ މެޑިކަލް ދަތުރުތައް ވަނީ ފުރިހަމަކުރެވިފައެވެ." މޯލްޑިވިއަންގެ ބަޔާނެއްގައިވެއެވެ. "ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަންއިން އެއާ އެމްބިއުލާންސްގެ ޚިދުމަތަށް ސީޕްލޭން މަތިންދާބޯޓެއް އިތުރުކުރިކަން މި އިއުލާންކުރަނީ ފަޚުރުވެރިކަމާއެކުގައެވެ."