Support Us

"ސީ ޓު އެއަރ" ކާގޯ ޓްރާންޝިޕްމަންޓް ޚިދުމަތް އެމް.ޕީ.އެލް މާދަމާ އިން ފަށަނީ

ކަނޑުމަގުން މުދާ ގެނެސް، ވައިގެ މަގުން ދުނިޔޭގެ އެހެން ކަންކޮޅުތަކަށް ފޮނުވައިދޭ ޚިދުމަތް ފެށުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ނިންމައިފިއެވެ.

އެމް.ޕީ.އެލް އިން ބުނީ ދިވެހިރާއްޖޭގައި އަލަށް "ސީ ޓު އެއަރ" ކާގޯ ޓްރާންޝިޕްމަންޓްގެ ޚިދުމަތް ފަށާނީ މާދަމާ އިން ފެށިގެން ކަމަށެވެ. މި ޚިދުމަތް ކުރިއަށް ގެންދާނީ އެމް.ޕީ.އެލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އަދި ބައިނަލްއަޤްވާމީ އެއާލައިންތަކާ ގުޅިގެންނެވެ.

"މި ޚިދުމަތަކީ އެމް.ޕީ.އެލްގެ އާމްދަނީ އިތުރުކޮށް، ކުންފުނީގެ ވިޔަފާރި އާ ދައިރާތަކުން ކުރިއަށް ގެންދިއުމަށް ކުންފުނީގެ މެނޭޖްމަންޓުން އެކުލަވާލާފައިވާ ޕްލޭންތަކުގެ ދަށުން ފަށާ ޚިދުމަތެކެވެ." އެމް.ޕީ.އެލް އިން ނެރުނު ބަޔާނެއްގައިވެއެވެ.

"މިއީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ޤައުމުތަކުން، ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ ޚިދުމަތެކެވެ. އެގޮތުން ރާއްޖެ އަށް މި ޚިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާ އަކީ، ވައިގެ މަގުން ގިނަ ޤައުމުތަކަކަށް ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރުމެވެ. ހާއްސަކޮށް ޔޫރަޕްގެ ގިނަ މަންޒިލުތަކެކެވެ."

އެމް.ޕީ.އެލް އިން ވަނީ މި ޚިދުމަތް ފަށާނެކަން އާންމުކޮށް އިއުލާންކޮށް، މި ޚިދުމަތަށް ނަގާ އަގުތައްވެސް އާންމުކޮށްފައެވެ. މި ޚިދުމަތާ ގުޅޭ އިއުލާން ވަނީ ގެޒެޓް ވސް ކޮށްފައެވެ.

ގެޒެޓް: https://bit.ly/49NW9xG