Support Us

ރޯދަމަހު ކާބޯތަކެތީގެ އަގު ހެޔޮކުރުމަށް އިތުރު މަސައްކަތްތައް ކުރާނަން: ރައީސް

މާދަމާ ފަށާ ރަމަޟާން މަހު ކާބޯތަކެތީގެ އަގު ހެޔޮކުރުމުގެ ގޮތުން އަސާސީ ހުރިހާ ބާވަތްތަކެއް އެސްޓީއޯ މެދުވެރިކޮށް ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށައިފައިވާ ކަމަށާއި ކާބޯތަކެތީގެ އަގުހެޔޮ ކުރުމަށްޓަކައި އަދިވެސް އިތުރު މަސައްކަތްތައް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެއްޓެވި ސިލްސިލާ "ރައީސްގެ ޖަވާބު"ގައި އާއްމު ފަރާތަކުން ކުރި ސުވާލަކަށް މިއަދު ޖަވާބުދެއްވަމުންނެވެ.

މި ރަމަޟާން މަހު ބާޒާރުގައި ތަކެތީގެ އަގުބޮޑުވިޔަ ނުދެއްވުމަށާއި ކާބޯތަކެތި ހުރިހާ ރައްޔިތުންނަށް ވެސް ވީހާވެސް އަގުހެޔޮކޮށް ލިބޭނެ ގޮތެއް ހައްދަވައިދެއްވުމަށް ނ. ވެލިދޫ، ދޭލިޔާގޭ އަހުމަދު މޫސާ ދެންނެވުމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.

"ބަރަކާތްތެރި ރަމަޟާން މަސް ފެށިގެންދާއިރު އެންމެ އަސާސީ ހުރިހާ ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ގެނެވި އަގުހެޔޮ ކުރުމުގެ މަސައްކަތް ފެށިފައި ވަނީ. މިހާރު ވެސް އަގުހެޔޮކޮށް ވިއްކަން ފަށައިފައިވަނީ،" ވީޑިއޯ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މުސްތަގުބަލުގައި މެދުރާސްތާ އަދި ދުރުރާސްތާގެ ޕްލޭންގައި ރާއްޖޭގަައި އުފެއްދޭ ހުރިހާ ބާވަތެއް ކާބޯތަކެތި ރާއްޖޭގައި އުފެއްދޭނެ ގޮތް ގާއިމްކުރައްވާނެ ކަމަށާއި އޭރުން ކާބޯތަކެތީގެ އަގު ދަށްވެ، ފުޑް ސެކިއުރިޓީ ޔަގީން ވެގެންދާނެ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *