ސްޓެލްކޯގެ ބޭނުމަށް ބަންދުކޮށްފައި އޮންނަތާ އަހަރުތަކަކަށްފަހު ދޮންއަދަރާދަ ހިނގުން ރޭ ހުޅުވައިފިއެވެ.
ސްޓެލްކޯ ކައިރީގައި ހުންނަ ޕެޓްރޯލް ޝެޑުގެ އިރުމަތިން އޮންނަ ދޮންއަދަރާދަ ހިނގުން ރަސްމީކޮށް ރޭ ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީނާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.
ސްޓެލްކޯގެ ކޮމްޕައުންޑާ އިންވެގެން އޮންނަ ދޮންއަދަރާދަ ހިނގުމަކީ، އެ ކުންފުނިން ބުނާ ގޮތުގައި، މާލޭގެ އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި، އިތުރު ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގަން އޭރު ރާވައިފައި އޮތް ފޯތް ޕަވަރ ޕްރޮޖެކްޓް ފެށުން ލަސްވެ، އެކަމަށް ހައްލެއް ހޯދުމަށްޓަކައި އިންޖީނެއް ބެހެއްޓުމަށްޓަކައި ބަންދުކުރި މަގެކެވެ.
"ރޯދަމަހުގެ ކުރިން މާލޭގެ ޓްރެފިކަށް ލުޔެއް ހޯދައިދިނުމަށް އަޒުމް ކަނޑައަޅައި، ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ މަސައްކަތް ފެށީ މި ކުންފުނީގެ އަތޮޅުތެރޭ މުވައްޒަފުން ހިމެނޭހެން ވަރުގަދަ ޓީމަކާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު 17 ގައި،" ސްޓެލްކޯ އިން ބުންޏެވެ.
ރޭގެ ރަސްމީޔާތުގައި ފަހުމީ ވިދާޅުވީ، މަގު ހުޅުވުމުގެ އިރުޝާދު ލިބިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ކަމަށާއި، ރައްޔިތުންގެ ވިންދާ އެއްގޮތައް އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަމުންގެންދަވާތީ ޝުކުރު ދަންނަވާ ކަމަށެވެ. އަދި މި މަގު ހުޅުވާލުމާއެކު، އެކަމުގެ ލުއި ފަސޭހަތައް މާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ، ސަރުކާރުން ބަދަލުތަކެއް ބޭނުންވެގެން ކުރަމުންގެންދާ އަވަސް މަސައްކަތްތަކުގައި އެންމެ ފުރިހަމަ ގޮތެއްގައި އެ މަސައްކަތް ކުރަމުންގެންދަނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ފަހުމީ ކަމަށެވެ.