Support Us

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު

ޑޮލަރު ބޭރުވުން ހިފެހެއްޓުމަށް ރާއްޖޭގެ އެންމެ ބޮޑު ޑޮކްޔާޑު ތިލަފުށީގައި ގާއިމްކުރަން އެމްޕީއެލް އަމާޒު ހިފައިފި

ރާއްޖޭގެ އެންމެ ބޮޑު ޑޮކްޔާޑު ތިލަފުށީގައި ގާއިމްކޮށް، ރާއްޖެއިން ބޭރަށް ޑޮކްކުރަންދާ ބޯޓުފަހަރު ހުއްޓުވިއްޖެ ނަމަ، ރާއްޖެއިން ބޭރުވާ ޑޮލަރު ހިފެހެއްްޓޭނެ ކަމަށް ދެކެވަޑައިގެންނަވާ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި ވަޖީހު މިއަދު ވިދާޅުވީ އެމްޕީއެލާ ހަވާލުވެވަޑައިގެންނެވިއިރު ކުންފުނީގެ ދަރަނި ހުރީ 383 މިލިއަން ޑޮލަރުގައި ކަމަށާއި އާމްދަނީ ލިބެނީ ހަމައެކަނި ކޮންޓެއިނާއަށް ކަމަށެވެ. އެނޫން ގޮތަކަށް އިތުރު އާމްދަނީއެއް ލިބޭ ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ ތިލަފުށީގައި އެމްޕީއެލްގެ ބޮޑު ބިމެއް އޮތްއިރު އެ ބިން ބޮޑުކުރުމަށްޓަކައި ފާއިތުވި ތިން ދައުރުގައި ވެސް އިތުރު ބިންތައް ހިމަނާފައިވާ ކަމަށެވެ. އަމާޒަކީ އިތުރު އާމްދަނީ ހޯދުމުގެ މަސައްކަތްތައް ފެށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވީ މި ޕޯޓުން މިދޭ ކޮންޓެއިނާތައް އުފުލައިގެން މި ލިބޭ ލާރީގެ އިތުރުން އިތުރު ލާރި ހޯދަން. އެގޮތުން މިހާރު ތިލަފުށީގައި ޑޮކްޔާޑަކާއި ޕޯޓު ޔާޑަކާ ގާއިމްކުރުން. އަޅުގަނޑު މިދޭ ޔަގީންކަމަކީ އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ދުވަހުގެ ތެރޭގައި އެކަން ކުރާނެ ކަމަށް،" ވަޖީހު ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ ދިވެހި ރާއްޖެއަކީ މި ސަރަހައްދުގައި އެންމެ ގިނަ ކަނޑު އުޅަނދު ގެންގުޅޭ ގައުމު ކަމަށާއި އަމާޒަކީ މި ރާއްޖޭގެ ވެސެލްތައް އިންޑިއާ އަދި ލަންކާގައި ޑޮކް ކުރުމަށްދާ ދިއުން ހުއްޓޭނެ ގޮތެއް ހޯދުން ކަމަށެވެ.

އެކަން އެގޮތަށް އޮވެއްޖެ ނަމަ އެއީ އެމްޕީއެލްގެ ފެއިލިއާއެއްގެ ގޮތުގައި ދެކެވަަޑައިގެންނަވާ ކަމަށް ވެސް ވަޖީހު ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ ޓާގެޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ތިލަފުށީގައި ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޑޮކްޔާޑު ގާއިމްކޮށް ރާއްޖެއިން ބޭރަށްދާ ބޯޓުފަހަރު ނުގޮސް ހުއްޓޭނެ ގޮތެއް ހޯދުން ކަމަށެވެ.

"ނަތީޖާއަކީ މި ހިދުމަތްތައް ރާއްޖެއިން ލިބެން ފެށީމަ، ރާއްޖެއިން ބޭރުވެގެންދާ ޑޮލަރުތައް ހިފެހެއްޓޭނެ، އިކޮނޮމީއަށް އޭގެ ސަބަބުން ވަަރަށް ބޮޑު ކުރިއެރުމެއް ލިބިގެންނާނެ. މިކަންތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރާނަން،" ވަޖީހު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެއަށް މުދާ ހިފައިގެން އަންނަ ބޭރުގެ ބޯޓުފަހަރުން ނަގާ ފީ އަންނަ މަހުން ފެށިގެން ރުފިޔާއިން ނެގުމުގެ ބަދަލުގައި ޑޮލަރުން ނަގަން ފަށާނެ ކަމަށް ވެސް ވަޖީހު ވިދާޅުވި އެވެ.