Support Us

ހުޅުމާލޭން ނުހައްގުން ދީފައިވާ ބިންތަކާ ބެހޭ މައުލޫމާތު ހާމަކުރާނަން: ފަޒުލް

މިދިޔަ ސަރުކާރުގައި ހުޅުމާލެއިން ނުހައްގުން ދޫކޮށްފައިވާ ބިންތަކާ ބެހޭ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރަން ފެށުމުން، އެކަމާ ހިތްހަމަނުޖެހިގެން، ބަޔަކު އޭނާގެ އަބުރު ކަތިލި ނަމަވެސް ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދެއްވާނެ ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ފަޒުލް މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވ. ފެލިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ފަޒުލް ވިދާޅުވީ ކުންފުނީގެ ދަރަނި 10 ބިލިއަން ރުފިޔާއަށް އަރައިފައިވާއިރު އެ ދަރަނި އެ ހިސާބަށް ގޮސްފައިވަނީ ބަަޔެއްގެ އިހުމާލުން ކަމަށާއި އެކަމުގެ ޒިންމާ އެކަން ކުރި ބަޔަކު އުފުލަންޖެހޭ ކަމަށެވެ. ނަމަވެސް އެ ކަންކަން ބެލުމުގެ ގޮތުން މިހާރުގެ މެނޭޖްމަންޓުން ކަންކަން އޮޑިޓް ކުރަން ފެށުމުން، އެކަމާ މެދު ބަޔަކު ހިތްހަމަނުޖެހިގެން އަބުރު ކަތިލިކަމުގައި ވީނަމަވެސް އެކަންކަން ރައްޔިތުންނަށް ހާމަކޮށްދެއްވާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އޮޑިޓް ރިޕޯޓްތައް ހަދަމުންދަނީ ބައެއް އޮޑިޓް ރިޕޯޓްތައް އަޅުގަނޑުމެން ހިއްސާ ކުރަންޖެހޭ ފަރާތްތަކާ އެކީގައި ހިއްސާ ކުރަމުން އަޅުގަނޑުމެން އެބަގެންދަން. މި ހިއްސާ ކުރުމުގެ ތެރޭގައި އަޅުގަނޑުމެންގެ އަބުރު ކަތިލިކަމުގައި ވިޔަސް މި ކަންކަން ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ހާމަކޮށްދޭނަން،" ފަޒުލް ވިދާުޅުވި އެެވެ.

އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި ބިންތަކުގެ ތެރެއިން ހުޅުމާލެ އެެކެއް އަދި ދޭއްގައި ހުރި ފަންސާއެއްހާ ބިން ނުހައްގުން ބަޔަކު ބޭނުން ކުރަމުން ގެންދާ ކަމަށް ކުންފުންޏާ ހަވާލުވެވަޑައިގަތުމަށްފަހު، ފަޒުލް ވަނީ ހާމަކުރައްވައިފަ އެވެ. އަދި އޭނާއަށް ޕްރެޝަރު އަންނަން ފެށީ އެ ހިސާބުން ކަމަށް ފަޒުލް ވިދާޅުވި އެވެ.

"ފަންސާހަކަށް ބިން ހުޅުމާލޭގެ ފޭސް އެކަކުން އަދި ފޭސް ދޭކުން ބޭނުން ކުރަމުން ދަނީ ނުހައްގުން،" ފަޒުލް ވިދާޅުވި އެވެ. އަދި މި ބިންތައް ނެގުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ 50 ބިމުގެ އިތުރުން ތިލަފުށީގެ 35 ބިމެއް ވަގުތީ ބޭނުމަށް ކަމަށް ބުނެ އެކިއެކި ފަރާތްތަކަށް ނުހައްގުން ދީފައިވާ ކަމަށާއި މި ބިންތައް ހެދުމުގެ ހުއްދަދީފައި ހުރީ އަނގަބަހުން ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

"ހުއްދަ އަނގަބަހުން ދިނުމުގެ ސަބަބުން ވިޔަފާރިވެރިންގެ ހައްގުތައް ނުވަތަ އާއްމު ރައްޔިތުންގެ ހައްގުތައް މި ތަންތަން ހޯދާއިރު އެބަ ގެއްލޭ،" ފަޒުލް ވިދާޅުވި އެވެ. ފަޒުލް ވިދާޅުވީ އެ ބިންތައް ދީފައިވާ ފަރާތްތައް އުސޫލާ އެއްގޮތަށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ފަޒުލް ވިދާޅުވީ މިގޮތަށް 35 ބިން ދޫކޮށްފައިވަނީ ހުރިހާ ރައްޔިތުންނަށް އަދި ވިޔަފާރިތަކަށް ފުރުސަތު ނުދީ ކަމަށާއި މިކަމުގެ ސަބަބުން އެޗްޑީސީއަށް ލިބެންޖެހޭ ވަރަށް ބޮޑު އާމްދަނީއެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އަދި މިކަމުގެ ޒިންމާ ކުރީގެ މެނޭޖްމަންޓުން ނަގަންޖެހޭނެ ކަމަށާއި އެ ކަންކަން އޭސީސީއަށާއި ކަމާ ބެހޭ ފަރާތްތަކަށް ކުރިއަށް ހުށަހަޅުއްވާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

އިތުރު ތަފްސީލް ދެމުން އެޗް.ޑީ.ސީން ބުނީ މި ބިންތަކުގެ ތެރޭގައި ހިމެނެނީ ވަގުތީ ބިން ކަމަށާއި އެ ބިންތަކުގެ ތެރޭގައި "ބިންވެރިޔާ ސްކީމު"ގެ އެއްވެސް ބިމެއް ނުހިމެނޭ ކަމަށެވެ.

"ބިންވެރިޔާ ސްކީމުގެ ބިންތައް އޭގެ ހައްގުވެރި ފަރާތްތަކަށް ލިބޭނެކަން ސަރުކާރުން ކަށަވަރުކުރާނެ،" އެޗް.ޑީ.ސީން ބުންޏެވެ.

މީގެ އިތުރުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި 800 މިލިއަނެއްހާ ރުފިޔާ ކުންފުންޏަށް ލިބެން ޖެހޭއިރު އެ ފައިސާ ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

އެެޗްޑީސީ 10 ބިލިއަން ރުފިޔާއިން ދަރަނިވެރިވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓުން ހޮވުމުގައި މި ކަންކަން ރަނގަޅު ކުރުމަށް ވިސްނާލަންޖެހޭ ކަމަށާއި އެހެންކަމުން އެ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުގެ ކެންޑިޑޭޓު ހޮވައިދެއްވުމަށް އެ ޖަލްސާގައި ވާހަކަދައްކަވަމުން ފަޒުލް އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން ސީލައިފްގެ މައްސަލާގައި ވަރަށް ގިނަ ބައެއްގެ މަސްލަހަތު ހިމެނޭއިރު އެޗްޑީސީގައި ޒިންމާގެ ދަށުގައި އޮތް ސީލައިފްގެ މަޝްރޫއުގެ ދަށުން ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮށްދެވިފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާ ފަޒުލް ވިދާޅުވީ އެ ޕްރޮޖެކްޓް ކުރިއަށް ނުގެންދެވިގެން 375 ފަރާތަކަށް ބަދަލުގެ ގޮތުގައި މިދިޔަ ސަރުކާރުން ފައިސާ ރިފަންޑްކޮށްދީފައިވާ ކަމަށެވެ.

"މި އަދަދުގެ ފައިސާ ރައްޔިތުންނާ ހަވާލުކޮށް، ހިޔާ ފްލެޓްގެ ޖާގަ އޮތް އިރު ވެސް އަދި ވިނަރެސް ފްލެޓްގެ ޖާގަ އޮތް އިރު ވެސް މިކަންކަން ހައްލުނުކޮށް ހަގީގަތުގައި ބެލީ އިތުރު މަގުސަދުތަކެއް ހާސިލްކުރެވޭތޯ،" ފަޒުލް ވިދާޅުވި އެެވެ.

ފަޒުލް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް 203 މީހެއްގެ މައްޗަށް އޮތް ހުކުމެއް ތަންފީޒު ކުރަން އެޗްޑީސީއާ ހަވާލުވެވަޑައިގެންނެވިއިރު އޮތް ކަމަށާއި ރައީސް ޑރ. މުއިއްޒުގެ ލަފާފުޅާ އެކު އެ މީހުންނަށް މިއަދު ރޯދަ ހަދިޔާއެއްގެ ގޮތުގައި ގެދޮރުވެރިކަން ފަހިކޮށްދެވިފައިވާ ކަމަށެވެ.

އެ ފަރާތްތަކަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށްނުދީ ހުރިއިރު ހިޔާ ފްލެޓްތަކުގައި 60 ޔުނިޓް އަދި ވިނަރެސްގައި 123 ފްލެޓް ހުރި ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ލަފާފުޅުގެ މަތިން އެ 203 ފަރާތުގެ ތެރެއިން ބައެއް ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *